ކެނެޑާގައި ވެކްސިން މެންޑޭޓާ ދެކޮޅަށް އިހުތިޖާޖު ކުރަމުންދާތީ ބޮޑުވަޒީރު ފިއްލަވައިފި

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ---

ކެނެޑާގެ ވެކްސިން މެންޑޭޓާ ދެކޮޅަށް އެތައް ހާސް ބަޔަކު އެ ގައުމުގެ ވެރިރަށުގައި އިހުތިޖާޖު ކުރަމުންދާތީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ފިއްލަވައިފިއެވެ.

ޖަސްޓިން ޓްރޫޑޯ އާއި އޭނާގެ އާއިލާ ފިއްލަވާފައިވާކަން އެ ގައުމުގެ ސީބީސީ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

'ފްރީޑަމް ކޮންވޯއި'ގެ ނަމުގައި ކެނެޑާގެ ގިނަ ރައްޔިތުން އަންނަނީ ވެކްސިން މެންޑޭޓާއި ކޮވިޑު ފިޔަވަޅުތަކާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާގައި 10،000 މީހުން ބައިވެރިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކެނެޑާގެ ބޮޑުވަޒީރު މި ސަބަބާހުރެ ފިއްލަވާފައިވާއިރު، އޭނާ މިވަގުތު ހުންނެވީ ކޮންތަނެއްގައި ކަމެއް އެ ގައުމުގެ ސަރުކާރުން ހާމައެއް ނުކުރެއެވެ. ނަމަވެސް ޓްރޫޑޯ އުޅުއްވަނީ އެ ގައުމުގެ ކެޕިޓަލް ރީޖަންގައިކަމަށް އޭނާގެ އައިޓިނަރީން ދައްކައެވެ.

ކެނެޑާގައި ބޮޑު ހަމަނުޖެހުމެއް އުފެދިފައިވާ މި ދަނޑިވަޅުގައި އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންގެ ފުރާނަފުޅަށްވެސް ނުރައްކާ އެބައޮތް ކަމަށް ސިޔާސީ މާހިރުން ގަބޫލުކުރެއެވެ.

ކޮވިޑް ވެކްސިން މެންޑޭޓާ ދެކޮޅަށް ކެނެޑާގެ މި މުޒާހަރާތައް ފެށުނީ އެމެރިކާ އާއި ކެނެޑާއާދެމެދު ދަތުރުކުރާ ޓްރަކް ޑްރައިވަރުން ކޮވިޑް-19 ދިފާއު ވެކްސިން ޖަހާފައި ހުރުން ލާޒިމުކަމަށް އެ ގައުމުގެ ސަރުކާރުން ބުނުމުންނެވެ.

ޖަސްޓިން ޓްރޫޑޯ ފިއްލަވާފައިވާއިރު، އޭނާގެ ދަރިފުޅަކު ވަނީ މިދިޔަ ހަފްތާގެ ތެރޭ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި ޓްރޫޑޯ ހުންނެވީވެސް އައިސޮލޭޝަންގައެވެ.

comment ކޮމެންޓް