އާއްކޮގެ ކެރިއަރު ބަދަލުވީ ބައްޕަ ވަކިވުމާއެކު، އެއީ އޭނާގެ އެންމެ ބޮޑު ސަޕޯޓަރު!

އަހުމަދު އިމާޒް (އާއްކޮ) ގައުމީ ޓީމުގެ މެޗެއްގައި --

ހުނަރުވެރި ވިންގު، އަހްމަދު އިމާޒް (އާއްކޮ) މީގެ ދެ ދުވަސް ކުރިން ޕްރޮފެޝަނަލް ފުޓުބޯޅައިން ރިޓަޔާ ކުރި ޚަބަރަކީ އެތައް ބަޔަކަށް ސިހުން ގެނުވި ހަބަރެކެވެ. އެތައް ސުވާލެއް އުފެދުނު ހަބަރެކެވެ. އެކަމަކު، އުމުރުން 29 އަހަރުގައި އާއްކޮ ފުޓުބޯޅަ ކުޅުން ހުއްޓާލީ ސަބަބެއް ނެތިއެއް ނޫނެވެ.

އާއްކޮ ފުޓުބޯޅަ ކުޅުން ހުއްޓާލުމާ އޭނާގެ ގާތް ބައެއް މީހުން ވެސް ދެކޮޅެވެ. އަދި އޭނާގެ ފޭނުން ވެސް އެކަމާ މާޔޫސްވެއެވެ. ނަމަވެސް އާއްކޮ މިއަދު ފުޓުބޯޅަ ހުއްޓާލީ އެއަށްވުރެ ބޮޑު ސަބަބަކާ ލައިގެންނެވެ.

އެންމެ ކުޑައިރުއްސުރެ ވެސް ފުޓުބޯޅަ ނުކުޅޭ ހަނދާނެއް އާއްކޮގެ ނެތެވެ. އަބަދުވެސް އޭނާ އުޅޭނީ ބޯޅައެއް ހިފައިގެން ކުޅޭށެވެ. އޭނާގެ ތުއްތުބެ އިބްރާހިމް އާމިލް، ގައުމީ ޓީމަށާއި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކުޅޭތަން ފެނުމުން ފުޓުބޯޅައިން ކުރިއަށް ދިއުމުގެ އުއްމީދު އާއްކޮގެ ހިތުގައި އުފެދެން ފެށިއެވެ.

މާލެ ބަދަލުވީ ފުޓުބޯޅައިން ކުރިއަށް ދިއުމުގެ އުންމީދުގައި

ހދ. ނޭކުރެންދުއަށް އުފަން، އާއްކޮގެ ސުކޫލު ދައުރުގެ ފަހު އަހަރު އޯލެވެލް އިމްތިހާނު ބޯމަތިވެފައި އޮއްވާ އޭނާ ބަލިވިއެވެ. ހުންގަނޑެއް ޖެހިގެން އޭނާއަށް މާ ރަނގަޅަށް ކިޔެވޭ ގޮތެއް ނުވިއެވެ. އެހެންވެ އޭނާ ފާހެއް ނުވިއެވެ.

ފާސްނުވުމުން އޭނާ ބަދަލުވީ މާލެއަށެވެ. މާލެ ބަދަލުވީއިރު ވެސް އޭނާގެ އޮތީ އެންމެ އުއްމީދެކެވެ. ދެކެމުން ދިޔައީ އެންމެ ހުވަފެނެކެވެ. ރާއްޖޭގެ ގައުމީ ޖާޒީ އަޅައިގެން ކުޅުމެކެވެ. ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކުޅުމެވެ.

މާލެއަށް އައުމުގެ ދުވަސްކޮޅެއް ކުރިން ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗެއް ޓީވީން ބަލަން އިނދެފައި އާއްކޮ އޭނާގެ ރައްޓެއްސެއްގެ ގާތުގައި ބުނި ބަސް އަދިވެސް އޭނާ ހަނދާން އެބަހުއްޓެވެ.

"އެ ދުވަހު ވެސް ބުނިން. ކަލޭ ބަލައްޗޭ މަ އަދި އިރާދަކުރެއްވިއްޔާ މިތާ [ގަލޮޅު ދަނޑުގައި] ކުޅޭނަމޭ،" އާއްކޮ ކިޔައިދިނެވެ.

މާލެ އައުމަށްފަހު އެއް ދުވަހެއްގައި މީހަކު ބުނެގެން އާއްކޮ ދިޔައީ ތިންވަނަ ޑިވިޝަންގެ ފަރިތަކުރުންތަކަށެވެ. އެ ފަރިތަކުރުންތަކުގައި އުޅެނިކޮށް އޭނާއާ ދިމާވީ އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ)އާއެވެ. މުފާ، އޭނާ އީގަލްސްއަށް ގެންދިޔަ ހިސާބަކީ އާއްކޮގެ ކެރިއަރު ފެށުނު ހިސާބެވެ.

އާއްކޮ ފުރަތަމަ ފަހަރަށް ވިދާލީ 2011ވަނަ އަހަރުގެ ޔޫތު ޗެމްޕިއަަންޝިޕުން އީގަލްސްގެ ޓީމުންނެވެ. ޔޫތު ޗެމްޕިއަންޝިޕުގައި އޭނާގެ ހުނަރު ފާހަގަވެ އާއްކޮއަށް ވަނީ އެ އަހަރު އީގަލްސްގެ ސީނިއާ ޓީމުންވެސް ޖާގަ ލިބިފައެވެ. އީގަލްސްގައި ތިން އަހަރު ކުޅެ އާއްކޮ މާޒިޔާއަށް ބަދަލުވީ 2014 ވަނަ އަހަރުއެވެ.

އާއްކޮ އިގަލްސް ޔޫތު ޓީމުގެ މެޗެއްގައި -- ފޮޓޯ/ މޯލްޑިވްސް ސޮކާ

އޭގެ ފަހުން، އާއްކޮ ވަނީ ރާއްޖޭގެ ޔޫތު ޓީމާއެކު 2012ވަނަ އަހަރު ސްރީލަންކާގައި އޮތް މަހިންދުރަ ރާޖަޕަކްސަ މުބާރާތް ކާމިޔާބުކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނި މޮޅު ކުޅުމެއް ދައްކައިފައެވެ.

އީގަލްސްއިން ވިދާލި އާއްކޮ 2014ވަނަ އަހަރު މާޒިޔާއަށް ބަދަލުވުމަށްފަހު އެ ޓީމުގައި ވެސް މޮޅު ކުޅުމެއް ދެއްކިއެވެ. ބަންގްލަދޭޝްގައި 2015ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕަކީ އާއްކޮގެ އެންމެ ޕީކް ދުވަސްކޮޅެވެ. އޭރު އޭނާ އަތުޖެއްސުމަކީ އިދިކޮޅު ޓީމުގެ ޑިފެންޑަރުންނަށް އުނދަގޫ ކަމެކެވެ.

ކެރިއަރު ބަދަލުކޮށްލީ ބައްޕަގެ ވަކިވުން

އެންމެ ފުރަތަމަ މާލެ އައިސް ކުޅެން އުޅުނުއިރު އާއްކޮގެ މާ ބޮޑު ހިޔާލެއް ފިކުރެއް ނުހުރެއެވެ. ނަގަން ޖެހޭ މާ ބޮޑު ޒިންމާއެއް ނޯވެއެވެ. ޓީމަކުން 1500 ރުފިޔާ ދިނަސް އޭރު އޭނާއަށް ވަރިހަަމައެވެ.

އޭނާގެ ބައްޕައަކީ ހދ. އަތޮޅުގެ އިސް ގާޒީކަމުން އެ އާއިލާއިން އުޅެމުންދިޔައީ ތަނަވަސް ދިރިއުޅުމެކެވެ. އެހެންކަމުން ކަންކަމުގައި އޭނާއަށް މާ ބޮޑު ދަތިކަމަކާ ދިމައެއް ނުވެއެވެ.

މާޒިޔާއަށް ބަދަލުވެ އޭނާ ފުރަތަމަ ތިން އަހަރު ވަރަށް މޮޅަށް ކުޅުނެވެ. 2014، 2015 އަދި 2016އަކީ އޭނާގެ ރަން އަހަރުތަކެވެ. އޭރު އޭނާ ގޯލާ ރައްޓެއްސެވެ. އަރިމަތިން ފަހަތަށް ފައިބައިގެން ކުޅޭ މަދު ވިންގުންގެ ތެރޭގައި އޭނަ ހިމެނެއެވެ.

ޑިސެމްބަރު، 24، 2015: ސާފް ސުޒުކީ ކަޕްގައި އިއްޔެ ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި، ޒުވާން ފޯވާޑް އަހްމަދު އިމާޒް (އާއްކޮ) ބޫޓާން ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ދަނީ. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާއްކޮއާއި އޭނާގެ އަންހެނުން 2017ވަނަ އަހަރު ބަދަލުވީ އޭނާގެ ބައްޕަމެން އޭރު ދިރިއުޅުނު ގެއަށެވެ. ގެއަށް ބަދަލުވީ އިރު ވެސް ބައްޕަގެ ހާލު ރަނގަޅެވެ. އާއްކޮއާ ވާހަކަ ވެސް ދެއްކިއެވެ. އޭރު ބައްޕަ ބަދަލުވީ ހދ. ކުޅުދުއްފުއްޓަށެވެ.

"އެ ގެއަށް ބަދަލުވާން ވެގެން އެއްޗެހިތައް ގެންގޮސްފަ ބޭރަށް ނުކުމެލި ގަޑީ ބޭބެއަކު ގުޅާފަ ބުނީ އެކޮޅަށް އާދެވެންޏާ އަންނާށޭ. އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ބޭބެއަކު ގުޅާލާފަ ބުނީ ބައްޕަ ނިޔާވެއްޖެއޭ،" އާއްކޮ ކިޔައިދިނެވެ.

އާއްކޮގެ ފުޓުބޯޅަ ކެރިއަރުގައި އޭނާގެ އެންމެ ބޮޑު ސަޕޯޓަރަކީ ބައްޕައެވެ. އަބަދުވެސް ފުޓުބޯޅައިން ކުރިއަށް ދާން އެންމެ ހިތްވަރު ދޭ މީހަކީ ވެސް ބައްޕައެވެ.

ކޮންމެ މެޗެއް ނިންމާލުމަށްފަހު ވެސް އާއްކޮ ފުރަތަމަ ގުޅާނީ އޭނާގެ ބައްޕައަށެވެ. ކޯޗުންގެ ފަރާތުން އޭނާއަށް ކޮންމެކަހަލަ ކޮމެންޓެއް ލިބުނުކަމުގައި ވިޔަސް ބައްޕަގެ ފަރާތުން ލިބޭ ތައުރީފުގެ ބަސްތަކުން އޭނާ މާ އުފާވެއެވެ. ހިތްހަމަޖެހެއެވެ. ކުރިއަށް ދިއުމުގެ އުއްމީދު އައުވެއެވެ.

"ފުރަތަމަ ނިންމާ ގޮތަށް އާއްކޮ ގުޅާނީ ބައްޕައަށް. ބައްޕަ ކައިރި އަހާނީ ބައްޕާ މިއަދު ރަނގަޅުހޭ ގޯސްހޭ. ދޮގެއް ނުހަދާނެ. ގޯހިއްޔާ ބުނާނެ މިވެނި ކަމެއް ގޯހޭ. އެކަމަކު ބައްޕައަށް މާ ބޮޑަށް ފުޓުބޯޅައެއް ނުއެއް އެނގޭނެ،" އާއްކޮ ކިޔައިދިނެވެ.

އާއްކޮގެ ކަރުގައި އޭނާގެ ބައްޕަ މެޑައްޔެއް އަޅުވައިދެނީ. ބައްޕައަކީ އާއްކޮގެ ފުޓުބޯޅައިގެ އެންމެ ބޮޑު ސަޕޯޓަރު --

މޮޅަށް ކުޅެމުންދިޔަ އާއްކޮގެ ކުޅުމަށް ބަދަލު އަންނަން ފެށި ހިސާބަކީ އެއީއެވެ. ދިރިއުޅުމުގައި ކުއްލިއަކަށް އެތައް ޒިންމާއެއް އޭނާގެ ކޮނޑުގައި އަޅަން ޖެހުނެވެ. އެތައް ބަދަލެއް އޭނާގެ ދިރިއުޅުމަށް އެ ހިސާބުން އައެވެ.

"އަސްލު ލައިފް ވަރަށް ބޮޑަށް ޗޭންޖުވި ބައްޕަ ނިޔާވި ހިސާބުން. މީހާގެ ޓާނިން ޕޮއިންޓޭ ކިޔައެއްނު. އެއީ އެ ޕޮއިންޓަކީ،" އާއްކޮ ކިޔައިދިނެވެ.

އާއްކޮގެ އާއިލާގައި ތިބެނީ ދެ ފިރިހެން ކުދިންނެވެ. އޭގެ ތެރެއިން އާއްކޮއަކީ އެންމެ ހަގު ކުއްޖާއެވެ. ބައްޕަގެ ވަކިވުމާއެކު، އާއިލާގެ އެތައް ޒިންމާއެއް ކޮނޑު އަޅަން ޖެހުނެވެ. ބައްޕަ ވަކިވުމުން އާއިލާގެ "ބައްޕަ"އެއްގެ ޒިންމާ ބޮލުގައި އެޅުނެވެ.

ޒުވާން ދުވަސްވަރު ވަޒީފާއަށް ދާން މާ ބޮޑަށް ހިތަށް ނޭރި ނަމަވެސް އެ ހިސާބުން ދިރިއުޅުމާމެދު މާ ސީރިއަސްކޮށް އާއްކޮއަށް ވިސްނެން ފެށިއެވެ. ފުޓުބޯޅައިގެ އޭނާގެ އެންމެ ބޮޑު ސަޕޯޓަރު ވަކިވެ ދިއުމުން، މާ ބޮޑަށް އެކަމަކާ އޭނާއަކަށް ދެން ނުވެސް އުޅެވުނެވެ.

އެންމެ ބޮޑު އެހީތެރިކަމެއް ދަގަނޑޭގެ ފަރާތުން

ފުޓުބޯޅަ ކުޅެން ފެށި ހިސާބުން ވެސް އާއްކޮގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ އަލީ އަޝްފާގު (ދަގަނޑޭ)އެވެ. އާއްކޮ ހިނގަން ބޭނުންވީ ދަގަނޑޭގެ ފިޔަވަޅުތަކުގެ މަތީގައެވެ. ވާން ބޭނުންވީ ދަގަނޑޭ ކަހަލަ މީހަކަށެވެ.

"އެވަރެއް ނުވެސް ވާނެ. އެކަމަކު ވެސް ޓްރައި ކުރެވިދާނެތާ،" އާއްކޮ ބުންޏެވެ.

ދަގަނޑޭއަކީ އޭނާގެ ކެރިއަރުގައި އެންމެ އެހީތެރިވެދިން އެކަކެވެ. ކުޅެން ފަށައިގެން އޭނާގެ ބަރުދަން ލުއި ކުރަން ޖެހުމުން، އެކަމުގައި ވެސް އާއްކޮއަށް އެންމެ ސަޕޯޓިވް މީހަކީ ދަގަނޑޭއެވެ.

އާއްކޮ ދަގަނޑޭއާއެކު --

މިހާރު ވެސް އާއްކޮ ފުޓުބޯޅައާ ކިތަންމެ ދުރުގައި އުޅުނުކަމުގައި ވިޔަސް ދަގަނޑޭގެ އެހީތެރިކަން އޭނާއަށް ލިބެއެވެ. އެއީ އަބަދުމެ އާއްކޮ ޝުކުރުވެރިވާ ކަމެކެވެ.

އާއްކޮގެ ރިޓަޔާމަންޓް: ފުޓުބޯޅައަށް ލިބޭ ފަޅުކަމެއް

އީގަލްސްގެ ޔޫތު ޓީމުން ފަށައިގެން އެންމެ ގިނަ ދުވަހު އާއްކޮއާއެކު މަސައްކަތް ކުރި ކޯޗަކީ އަހްމަދު ޝާކިރު (ޝާކިއްޓޭ)އެވެ.

އެފްއޭއެމްގެ ޔޫތު އެންޑް އެލީޓް ޑިވިޝަނުގެ ހެޑުގެ މަގާމުގައި މިހާރު ހުރި ޝާކިއްޓޭ ބުނީ އޭރު ވެސް އާއްކޮއަކީ މުސްތަގުބަލު އުޖާލާ ކުޅުންތެރިއެއްކަން އެނގުނު ކަމަށެވެ. އަދި އަބަދުވެސް ފަރިތަކުރުންތަކުގައި ވެސް އާއްކޮގެ ފުލް ކޮމިޓްމަންޓް ދޭނެ ކަމުގައި ޝާކިއްޓޭ ބުންޏެވެ.

"އާއްކޮގެ އަޒުމުގައި ހުންނަކަމެއް އެއީ މޮޅުވާން އަބަދުވެސް. ޕްރެކްޓިސްގައި މެޗެއް ކުޅުނަސް އޭނަ ބޭނުންވާނެ އަބަދުވެސް މޮޅުވާން. ހާޑު ވޯކިން ޕްލޭޔަރެއް އެއީ." ޝާކިއްޓޭ ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި އީގަލްސްއާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން އާއްކޮ ބޯޅަ ހިފައިގެން ދަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޝާކިއްޓޭ އިތުރަށް ފާހަގަކުރީ އާއްކޮއަކީ ވަރަށް އަހުލާގު ރަނގަޅު ކުޅުންތެރިއެއްކަމެވެ. އޭނާއަކީ ދަނޑުމަތީގައި ވެސް ދަނޑުން ބޭރުގައި ވެސް އެގޮތުން ނަމޫނާއެކެވެ.

ޝާކިއްޓޭ ގަބޫލުކުރާ ގޮތުގައި އާއްކޮގެ ރިޓަޔާމަންޓާއެކު ރާއްޖޭގެ ފުޓުބޯޅައަށް ގެއްލިގެން އެދަނީ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި ގެއްލިގެން އެ ދިޔައީ މުސްތަގުބަލު އުޖާލާ ކުޅުންތެރިއެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ވަކިވެގެން ދަނީ ހުސް އަތަކާ ނޫން

އާއްކޮ ފުޓުބޯޅަ ކުޅުނީ މާ ގިނަ ކަންކަމަކަށް އުންމީދު ކޮށްގެންނެއް ނޫނެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު، އެންމެ ގިނަ ގޯލު ޖެހުމަކީ އޭނާ އެކްސްޕެކްޓް ކުރާ ކަންކަމެއް ނޫނެވެ.

އާއްކޮގެ ކެރިއަރުގައި 2014ގައި މާޒިޔާއަށް ބަދަލުވުމަށްފަހު، 2019ވަނަ އަހަރު ބަދަލުވީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށެވެ. އަދި އެންމެ ފަހުން މިދިޔަ ސީޒަނުގައި އާއްކޮ ފެނުނީ ވެލެންސިއާގެ ރީނދޫ ޖޯޒީގައެވެ.

ކެރިއަރުގައި އާއްކޮ އުންމީދު ކުރީ ދެ ކަމަކަށެވެ. އެއީ 2015ވަނަ އަހަރުގެ، ޕްރެޒިޑެންޓްސް ކަޕްގެ ގަދަ ފަހެއްގައި ހިމެނުމާއި އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގަދަ ފަހެއްގައި ހިމެނުމެވެ. އެހެން ނަމަވެސް އެ ދެ ކަންތައް އޭނާއަށް ހާސިލެއް ނުވިއެވެ.

އާއްކޮގެ ކެރިއަރު އޭނާ ނިންމައިލައިފައި އެ ދަނީ ހުސް އަތަކާ ނޫނެވެ. 2018ވަނަ އަހަރު ގައުމީ ޓީމު ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގިއިރު އެ ސްކޮޑުގައި އާއްކޮ ހިމެނުނެވެ.

އާއްކޮ (ވ) ސާފްޗެމްޕިއަންޝިޕްގެ ތައްޓާއެކު --

އެ ދުވަހު ދުނިޔޭގައި ނެތަސް، އޭނާގެ އެންމެ ބޮޑު ސަޕޯޓަރު، ބައްޕަ ވެސް އޭނާއަށް ޓަކައި ފަހުރުވެރިވާނެކަން ގައިމެވެ. އާއްކޮގެ މަންމަ ވެސް މިއަދު އޭނާއަށް ޓަކައި ފަހުރުވެރިވެއެވެ.

ފުޓުބޯޅަ ކުޅުމަށްވުރެ މިއަދު އާއްކޮ މާ އުފާވާ ކަމެއް އެބައޮތެވެ. މާ ހިތްހަމަ ޖެހޭ ކަމެއް އެބައޮތެވެ.

"މިހާރު ފުޓުބޯޅަ ކުޅުމަށްވުރެ ގެއަށް ވަންނަގަޑީ ދަރިފުޅު ބައްޕާއޭ ކިޔާފަ ގޮވާލާ އަޑު އިވުނީމަ މާ އުފާވޭ،" އާއްކޮ ބުނެލިއެވެ.

އޭނާ އުއްމީދުކުރި ދެ މަގާމު ނުލިބުނަސް އާއްކޮ މިއަދު އެ ދަނީ އެއަަށްވުރެ އަގުބޮޑު އެއްޗެއް ހިފައިގެންނެވެ. އެއީ އެތައް ބައެއްގެ އިހްތިރާމާއި ލޯތްބެވެ.

އެ ވަރުން އާއްކޮއަށް މާ ބޮޑަށް ވެސް ފުދެއެވެ.

comment ކޮމެންޓް