ވަޒީފާ ދޭނީ ގާބިލު މީހުންނަށް، ގާބިލު މީހުން ތިބީ ޕީޕީއެމްގައި: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ޕީޕީއެމްގެ ސަރުކާރެއްގައި ވަޒީފާދޭނީ އެންމެ ގާބިލު މީހުންނަށް ކަމަށާއި، ގާބިލު މީހުން ލިބެން ތިބި ޕާޓީއަކީ ޕީޕީއެމް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރޭގައި ޕީޕީއެމްގެ އާއްމު މެމްބަރުންނާއި ބައްދަލު ކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ މަނިކުފާންގެ ވެރިކަމެއްގައި ވަޒީފާތައް ދޭނީ ހަމައެކަނި ޕީޕީއެމްގެ މެމްބަރުންނަށް ކަމަށް ވިދާޅުވެފައެވެ.

އަބްދުއްރަހީމް "ސަން"އަށް ވިދާޅުވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން ރޭ މާލޭގައި ތިބި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅު މީޑިއާ ތަކުގައި ފަތުރަނީ "ގޮތްގޮތަށް އަނބުރައިގެން" ކަމުގައި ބެލެވޭ ކަމަށެވެ.

ކެމްޕޭނު ދަތުރެއްގައި މިވަގުތު ށ.އަތޮޅުގައި ހުންނެވި އަބްދުއްރަހީމް ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައެއް ނުގަނެއެވެ. ނަމަވެސް، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ ހަގީގީ މުރާދަކީ އެ ވަޒީފާތަކަށް ނަގާނީ ގާބިލު މީހުންނޭ ވިދާޅުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމެއް ހިންގުމުގަ، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގަ އެންމެ ގާބިލް މީހުން ތިބި ޕާޓީއަކީ ޕީޕީއެމް. އެކަން އަޅުގަނޑުމެން އޮންނާނީ ދައްކައިދީފަ، ނަތީޖާ ނެރެދީފަ. އެއީ ރައީސް އެ ވިދާޅުވާ ވާހަކައަކީ. ގާބިލު މީހުންނަށޭ ވަޒީފާ ދޭނީ. ދެން ގާބިލު މީހުން ހޯދަން ބަލާއިރު ޕީޕީއެމުން ލިބެން އޮތީ," އަބްދުއްރަހީމް ވިދާޅުވިއެވެ.

ކަމުގެ ހަގީގަތަކީ ކޮންމެ ސަރުކާރެއްގައި ވެސް ސިޔާސީ ވަޒީފާތައް ލިބެނީ އެއިރު ވެރިކަމެއްގައި އޮންނަ ޕާޓީއެއްގެ މެންބަރުންނަށް ކަމުގައި ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި، ޕާޓީ ވެރިކަމުގައި އޮންނަ އިރު އެ ޕާޓީއެއްގެ މީހުން އިސް މަގާމުތަކުގައި ތިބޭނީ. އެއީ ހަމަ ކޮންމެ ތަނެއްގައި ވެސް އެކަން އޮންނަ ގޮތް." އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެރިކަމަށް އަންނަނީ ޕާޓީއެއްގެ ސިޔާސަތު ތަންފީޒުކުރަން ކަމަށާއި އެ ސިޔާސަތުތައް އެންމެ ރަނގަޅަށް ތަންފީޒު ކުރެވޭނީ އެ ފިކުރުގެ މީހުން ސިޔާސީ މަގާމުތަކުގައި ތިބެގެން ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކުގެ އިސްމަގާމުތަކުގައި ވެސް ތިބެން ޖެހޭނީ ސަރުކާރާއި ފިކުރު އެއްގޮތް މީހުން ކަމުގައި އޭނާ ވިދާޅުވިއެވެ.

"ސަރުކާރުގެ ކުންފުނިތަކަކީ ސަރުކާރު ހިންގުމުގައި އެންމެ ބޮޑު ހިއްސާ އަދާކުރާ ތަންތަން. އެހެންވީމަ އެ ތަންތަން ކިހިނެތްތޯ ފިކުރު ތަފާތު ބަޔަކަށް ދޫކޮށްލާނީ" އަބްދުއްރަހީމް ވިދާޅުވިއެވެ.

ދާދި ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާއަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަދައްކަވަމުން އެމްޑީޕީއަށް ވޯޓު ނުދީފިނަމަ އާސަންދަ ނުލިބިދާނެ ކަމަށް ވިދާޅުވި މައްސަލައެއް ވެސް ވަނީ ހޫނުވެފައެވެ. ރޭގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކީ އެއަށް ރައްދެއްގެ ގޮތުގައި ވިދާޅުވި ވާހަކަފުޅެކެވެ.

comment ކޮމެންޓް