ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައި ހުރި ސާމާނުތަކަކާ އެކު ހަ މީހަކު ހައްޔަރުކޮށްފި

ޖަލަށް ވައްދަނަ އުޅުނު ކަމަށް ބެލެވޭ ތަކެތި --- ފޮޓޯ: ފުލުހުން

ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ މަނާ ތަކެއްޗާއެކު ހަ މީހަކު ހުޅުމާލެ ދެވަނަ ފިޔަވަހިން ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕޮލިހުން މިއަދު ހެނދުނު ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ އެތަކެތި އަތުލައިގަނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހި ޕެޓްރޯލް ކުރަމުންދިޔައިރު ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށް ކުރިއަށް ގެންދިޔަ އޮޮަޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން، ތިޖޫރީއެއް ހިފައިގެން ދެވަނަ ފިޔަވަހީގެ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން ތިޖޫރީ އެއްލާލައި އެ މީހުން ފިލަން މަސައްކަތްކޮށްފައިވެއެވެ. ފުލުހުން އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅުނު ތިޖޫރީއާއި އެ ދެ މީހުން ބަލައި ފާސްކުރިއިރު އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.

އެ މީހުންނާ ސުވާލުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ތިޖޫރީއަށް އަޅައިގެން ގެންގުޅުނު ކަމަށް ބެލެވޭ ތަކެއްޗާއެކު ހަތަރު މީހަކު ދެވަނަ ފިޔަވަހީގެ އެޕާޓްމަންޓަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ 18 މޯބައިލް ފޯނާއި، 28 ޗާޖަރާއި، 28 ހެޑްސެޓާއި، 10 މެމޮރީ ކާޑުގެ އިތުރުން 12 ސިމް ކާޑެވެ. އަދި އެހެނިހެން ތަކެތި ވެސް އެ އެޕާޓްމަންޓުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރި ތަކެތި ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 20 އަހަރުގެ ހަތަރު މީހެއްގެ އިތުރުން 24 އަހަރުގެ މީހެކެވެ.

އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް