ހައިކޯޓުގެ ވަޒީފާގައި އަޅުގަނޑު ކުރި ތަޖުރިބާ

މިހާރު ހެންވޭރު ކޮޅުގައި ހުންނަ ފެމިލީ ކޯޓުގެ ޢިމާރާތުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްބައި ހިންގި ދުވަސްވަރުގެ ފޮޓޯއެއް.

އަޅުގަނޑުގެ އުފަން ރަށަކީ ޏ. ފުވައްމުލަކެވެ. ތަޢުލީމީ ޙަޔާތުގެ ފުރަތަމަ އަށް އަހަރު ހޭދަ ކުރީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ސާނަވީ ތަޢުލީމުގެ ތިން އަހަރު ފުރިހަމަ ކުރީ މާލޭގައި ހުރި، މިހާރު ނެއްތައިލައިފައި ވާ، އިންގްލިޝް ޕްރެޕަރޭޓްރީ އެންޑް ސެކަންޑްރީ ސްކޫލް (އީޕީއެސްއެސް) އިންނެވެ. 1998 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން، އެއިރުގެ ސައެންސް އެޑިޔުކޭޝަން ސެންޓަރުގައި އޭލެވެލަށް ވެސް ކިޔެވީމެވެ. އެއީ މިހާރުގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން ނުވަތަ ސީއެޗްއެސްއީއެވެ. ކަން ދިމާ ވިގޮތުން، ވަކި ހިސާބަކުން އަޅުގަނޑު ސްކޫލަށް ދިޔުން ހުއްޓައިލީއެވެ. 2000 ވަނަ އަހަރުގެ ތެރޭގައި، އެއިރު ރާއްޖޭގައި ނެރެވެމުން ދިޔަ ބޮޑު ތިން ދުވަހު ނޫހުގެ ތެރެއިން "މިއަދު ޑެއިލީ" ގައި މަސައްކަތް ކުރާން ފެށީމެވެ. އެންމެ ފުރަތަމަ ކުރި މަސައްކަތަކީ އެ ނޫހުގެ އިނގިރޭސި ޞަފުޙާ ތައްޔާރު ކުރުމެވެ. އެއަށްފަހު ބޭރު ޚަބަރު ލިޔުމާއި، ޚަބަރު ތަޙުލީލު ލިޔުމާއި، ފިލްމީ ޞަފުޙާ ތައްޔާރު ކުރުމާއި، ދިވެހި އިޖުތިމާޢީ މައުޟޫޢުތަކަށް ކޮލަމާއި ރިޕޯޓު ލިޔުން ފަދަ ކަންކަން ކުރީމެވެ. ނޫސްވެރިކަމުގައި އަޅުގަނޑުގެ މަސައްކަތުގެ ފެށުމަކީ އެއީއެވެ.

މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުގެ ދަށުގައި "އިންސްޓިޓިޔުޓް އޮފް ޝަރީޢާ އެންޑް ލޯވ" ގެ ނަމުގައި ޝަރީޢަތާއި ޤާނޫނު ކިޔަވައިދޭ މަރުކަޒެއް ޤާއިމު ކުރެވި، އެ މަރުކަޒުން 2001 ވަނަ އަހަރު ކިޔަވައިދޭން ފެށި އިރު، އެ ތަނުގެ ފުރަތަމަ އަހަރުގެ ދަރިވަރުންގެ ތެރޭގައި އަޅުގަނޑު ވެސް ހިމެނުނެވެ. އެތަނަށް ވަނީ އަޅުގަނޑުގެ ބޮޑުބޭބެ ޢަބްދުﷲ ފާރޫޤު ޙަސަން ވިދާޅުވެގެން، ބޮޑުބޭބެ ވިދާޅުވި ކަމެއް ކުރުމުގެ ނިޔަތުގައެވެ. ނަމަވެސް ކިޔެވުން ފެށި ފުރަތަމަ ހަފުތާ ނިމުނު އިރު، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ކުރިޔަށް ދިޔުމުގެ ޝައުޤުވެރިކަން ހިތުގައި ވަރަށް ބޮޑު ވެއްޖެއެވެ. "އިންސްޓިޓިޔުޓް އޮފް ޝަރީޢާ އެންޑް ލޯވ" އަކީ މިހާރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯވއެވެ. އަޅުގަނޑު "ސަރޓިފިކޭޓް އިން ޝަރީއާ އެންޑް ލޯވ" އާއި "ބެޗެލަރ އޮފް ލޯވޒް" ފުރިހަމަ ކުރީ އެތަނުންނެވެ.

މި ދުވަސްތަކުގައި އަޅުގަނޑަށް ނަޞޭޙަތާއި އިރުޝާދު ދެއްވެވި ބެއިބެއިފުޅުންގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަ ކުރާނީ އަޅުގަނޑުގެ ބޮޑުބޭބެއިން ކަމަށް ވާ އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަނާއި އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން، އަދި އަޅުގަނޑުގެ ލޯބިވާ މަންމައެވެ. އަދި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އަޅުގަނޑަށް އިސްލާމް ކިޔަވައިދެއްވި މުދައްރިސް އަލްފާޟިލް މުޙައްމަދު ޢަލީ އުތުރުގެ އާއި، އަލްފާޟިލް ޢަލީ މުޢީނު އާޒާދުވާދީ އާއި، ސައެންސް ކިޔަވައިދެއްވި މިސިޒް ވިކްޓޯރިއާ އާއި، އީޕީއެސްއެސްގައި އަޅުގަނޑަށް ހިސްޓްރީ ކިޔަވައިދެއްވި މިސްޓަރ ޕީ. އޭ. އަރަންޒޭ އާއި، ދިވެހި ކިޔަވައިދެއްވި އަލްފާޟިލް މުޙައްމަދު ޝަރީފާއި، މަދު އެކަމަކު ހަނދާނުން ނުފިލާ ކަހަލަ ބައްދަލުވުންތަކެއްގައި އަޅުގަނޑަށް ވަރަށް އަގުހުރި ނަޞޭޙަތްތަކެއް ދެއްވައި ދިރިއުޅުމުގައި ހެޔޮމަގުން ދާނޭ ގޮތުގެ އިރުޝާދުތައް ދެއްވެވި، އަޅުގަނޑުމެންގެ ޕްރިންސިޕަލް އަލްމަރްޙޫމް ޙަސަން މާހިރެވެ. މިއަދު ނޫހުގައި އަޅުގަނޑަށް އެ ބެއިފުޅެއްގެ ފަރާތްޕުޅުން ވަރަށް ގިނަގުނަ އިރުޝާދުތައް ލިބުނު، އެއިރުގެ ޞިއްޙަތާ ބެހޭ ވަޒީރު އޮނަރަބްލް އަލްފާޟިލް އަޙްމަދު ޢަބްދުﷲ ގެ ނަންފުޅު ވެސް ޝުކުރުވެރިކަމާ އެކު ފާހަގަ ކުރަމެވެ. މި ހުރިހައި ބެއިބެއިފުޅުންގެ ފަރާތްޕުޅުން ވެސް، އަދި ކިޔެވި ފޮތްފޮތާއި އަޑުއެހުނު ދަރުސްތަކުން ވެސް އަޅުގަނޑަށް ލިބުނު އެންމެ މުހިއްމު އެއް ފިލާވަޅަކީ "ވައްކަން ނުކުޅަޔަސް ޒިލޭބި ކެވިދާނެޔޭ" މި ފިލާވަޅެވެ. މި ފިލާވަޅުގެ މެސެޖު ވަރަށް ސާފެވެ. ވައްކަން ނުކުރާށެވެ. ފަސާދައިގެ މަގުމަގުން ފައިސާ އާއި މުދާ ހޯދާން ނުއުޅޭށެވެ. ނުޙައްޤު ގޮތްގޮތުން މުއްސަނދި ވާން ތަނަވަސް ވާން ނުއުޅޭށެވެ. ޙައްޤު ގޮތުގައި ވެސް މުދާ ހޯދޭނެއެވެ. މުއްސަނދި ވެވޭނެއެވެ. ތަނަވަސްކަން ހޯދޭނެއެވެ. ޙަލާލު ގޮތުގައި، މާތްރަސްކަލާނގެ ރުހިވޮޑިގެން ވާ ގޮތުގައި، އިޙްސާންތެރިކަމާއި ރިވެތި އަޚްލާޤުގެ ހަމަތަކަށް ބޯލަނބައިގެން ކުރާ ހެޔޮ މަސައްކަތުން ވެސް ތަނަވަސްކަން ހޯދޭނެއެވެ.

ނަމަވެސް ދިވެހިރާއްޖޭގެ ޖުޑީޝަރީގައި ދިހަ ވަރަކަށް އަހަރު މަސައްކަތް ކުރި ފަހުން، ބައެއްގެ ޙަސަދަވެރިކަމާއި ނަފްރަތާއި ރުޅިވެރިކަމާއި ބަދަލު ހިފުމުގެ ޢަމަލުތަކެއްގެ ތެރެއިން އަޅުގަނޑު ވެސް މަގުމަތި ކޮށްލެވުމުން، ވަށަވަށައިގެން ނަޒަރު ހިންގައި ވިސްނައިލުމުން އަޅުގަނޑަށް ޤަބޫލު ކުރެވުނު ކަމަކީ، އަޅުގަނޑުމެންގެ ފަޚުރުވެރި ކާބަފައިން ބިނާ ކުރެއްވި ދިވެހިރާއްޖޭގައި މިއަދު ޒިލޭބި ކެވެނީ ހަމަ ވައްކަން ކުރާ ވަގުންނަށް އެކަނިކަމެވެ. ވައްކަން ނުކުރާނަމޭ ހިތައި، ވަގުންނާ އެކު ބައި ހަދައިގެން ޕޯޑިޔަމުތަކުގައްޔާއި ޕާޓީ ޓީވީތަކުގައި ހަޅޭއްލަވާން ނުނުކުންނާނަމޭ ހިތައި ހުރި މީހަކު ވިއްޔާ، ޒިލޭބީއެއް އެއްކިބައިގައި އޮއްވައި ހިކި ބަނބުކެޔޮ ތޮޅިގަނޑެއް ވެސް ނުލިބި، ކުނިގަނޑެއް ފަދައިން އެއްފަރާތަކަށް އެއްލައިލެވޭކަމުގެ ހިތި ޙަޤީޤަތެވެ. ހުރިހައި ފަހަރަކު ނޫނަސް، މިއީ މިއަދުގެ ދިވެހިރާއްޖޭގައި ގިނަ ފަހަރު ކަންތައްތައް ވަމުން ދާގޮތެވެ.

މި ފަހަރުގެ ކޮލަމުގައި މި ހުށައަޅައިލަނީ އަޅުގަނޑު ދިވެހިރާއްޖޭގެ ޖުޑީޝަރީގައި މަސައްކަތް ކުރި ގޮތާއި، އަޅުގަނޑު ދުށް ޖުޑީޝަރީއާ ބެހޭގޮތުން ލިޔުމަށް އަޅުގަނޑު ގަސްތު ކޮށްފައި ވާ މަޒުމޫނުތަކެއްގެ ތެރެއިން ފުރަތަމަ މަޒުމޫނެވެ.

އަޅުގަނޑު ޖުޑީޝަރީގައި މަސައްކަތް ކުރާން ފެށީ 2007 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ލީގަލް އެސިސްޓެންޓެއްގެ މަޤާމުގައެވެ. އެއީ އަޅުގަނޑު އެއްގޮތަކަށް ވެސް އަދާ ކުރާ ހިތްވި ވަޒީފާއެއް ނޫނެވެ. އަބަދުވެސް އަޅުގަނޑު އެންމެ ކުރާން ބޭނުން ވި މަސައްކަތަކީ ކިޔަވައިދިނުމާއި، ޢިލްމީ ދިރާސާތައް ކުރުމާއި، ލިޔުންތެރިކަމުގެ މަސައްކަތެވެ. އެހެންކަމުން، ޤައުމީ ޔުނިވަރުސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯވއިން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށް ފަހު، އަޅުގަނޑު އުއްމީދު ކޮށްގެން ހުރީ އެތަނުން ޓިޔުޓަރއެއް ނުވަތަ ލެކްޗަރާރއެއްގެ ވަޒީފާއަކަށެވެ. ދަށް ވެގެން މާސްޓަރޒް ޑިގްރީ ނެތް މީހަކު، ކޮލެޖެއްގައި ކިޔަވައިދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް މިހާރު އަޅުގަނޑު ދެކެމެވެ. ނަމަވެސް އެއިރަކު މި ވިސްނުމެއް ނެތެވެ. ކޮލެޖެއްގައި ކިޔަވައިދިނުމުގެ މަސައްކަތް ކުރާ މީހެއްގެ ކިބައިގައި ހުންނާން ވާ ޢިލްމީ އަދި ފަންނީ ޝަރުޠުތަކާ މެދު އެއިރަކު އަޅުގަނޑު ފުދޭ ވަރާ ގާތަށް ވެސް ހެއިލުންތެރި ނޫނީއެވެ. ކޮންމެއަކަސް، ހުރެވުނީ ފެކަލްޓީން ފުރުޞަތެއް ލިބޭނޭކަމުގެ އުއްމީދުގައެވެ. ކޮންމެވެސް ވަރަކަށް މަސައްކަތް ވެސް ކުރީމެވެ. ނަމަވެސް ފެކަލްޓީގައި އިސްކޮށް އެއިރު ތިއްބެވި ޝައިޚް ފައްޔާޟް ޢަލީ މަނިކާއި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަޅުގަނޑާ މެދު ދެކެވަޑައިގަތް ގޮތުގެ ސަބަބުން، އަޅުގަނޑަކަށް އެ ފުރުޞަތެއް ނުދެއްވިއެވެ. އެ ބެއިފުޅުން ޢަމަލު ކުރެއްވީ އެ ބެއިފުޅުންނަށް ފެނިވަޑައިގަތް ގޮތުގެ މަތީން ފެކަލްޓީ އާއި ދަރިވަރުންގެ މަޞްލަޙަތަށް ޓަކައޭ ދަންނަވައިފައި، އެ ވާހަކަ މި ހިސާބަށް ކުރު ކޮށްލާނަމެވެ.

އެ ދުވަސްވަރަކީ، ދައުލަތުގެ އެތައް އިދާރާއަކަށް ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މުއައްޒަފުން ބޭނުން ވެގެން، ދައުލަތުގެ ބޮޑެތި ގިނަ އިދާރާތަކަކުން އަލަށް ދަސްވެނި ވާ ދަރިވަރުންނަށް ގުޅުއްވައިވެސް ހެއްދެވި ދުވަސްވަރެވެ. އަޅުގަނޑަށް ވެސް ބައެއް އިދާރާތަކުން ގުޅުއްވިއެވެ. ފުލުހުންގެ އިދާރާއިން އަޅުގަނޑަށް ތިން ފަށާ އެކު ވަޒީފާއަށް ނުކުތުމުގެ ފުރުޞަތު ވެސް ދެއްވިއެވެ. ނަމަވެސް އެ ފުރުޞަތަށް ވެސް ނޫނެކޭ ބުނީ، ފެކަލްޓީއާ ގުޅުމުގެ އުއްމީދު އޮތްލެއް ބޮޑުކަމުންނާއި، އަހަރެއްހައި ދުވަހު މަސައްކަތް ކޮށްފައި މާސްޓަރޒް ޑިގްރީއަށް ކިޔެވުމަށް ޓަކައި ބޭރަށް ދިޔުމުގެ ނިޔަތް އޮތުމުގެ ސަބަބުންނެވެ. 13 ޑިސެންބަރު 2006 ގައި ދަސްވެނި ވީއްސުރެ، ކަނޑުގުރުވަ ނޫނީ ނުކާން ވެގެން، ވަޒީފާއަށް ދާން ލިބުނު ހުރިހައި ފުރުޞަތުތަކަށް ނޫނެކޭ ބުނެބުނެ ހުއްޓައި، މުސާރަ އާއި ޢިނާޔަތްތައް އެންމެ ރަނގަޅުކޮށް ހުރި ހުރިހައި ވަޒީފާތަކަކަށް އަޅުގަނޑާ އެކު ދަސްވެނި ވި ކުދީން ގޮސް، އަޅުގަނޑަށް ލައްވައިލީ ހައިކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަޤާމެވެ. އެ މަޤާމަށް ވެސް އަޅުގަނޑު ދިޔައީ، އެއިރުގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް އަޅުގަނޑަށް ގުޅުއްވައި ވާހަކަ ދެއްކެވުމުން، އެމަނިކުފާނުގެ ބަސްފުޅަކަށް ނޫނެކޭ ދަންނަވާން ނުކެރިގެންނެވެ.

ހައިކޯޓުން ވެސް އަޅުގަނޑަށް ދެ ފަހަރަކު ގުޅުއްވިއެވެ. ފުރަތަމަ ގުޅުއްވީ ކޮން ބެއިފުޅެއްކަން ޔަޤީންކަމާ އެކު ދަންނަވާކަށް ހަނދާނެއް ނެތެވެ. އެއިރު ހައިކޯޓުން އޮތީ ރަޖިސްޓްރާރގެ މަޤާމަށް މީހަކު ހޯދުމަށް ޓަކައި އިޢުލާން ކޮށްފައެވެ. ނަމަވެސް އަޅުގަނޑު މަޢާފަށް އެދިފައި، ޑެސްކު މަސައްކަތަށް ވުރެ ބޮޑަށް ޝައުޤު ހުންނަނީ ކިޔަވައިދިނުމަށޭ ދަންނަވައި، ޢުޛުރުވެރި ވީއެވެ. ރަޖިސްޓްރާރގެ ވަޒީފާއަށް ހަމަޖެއްސެވީ އަޅުގަނޑާ އެކު ފުރަތަމަ ޑިގްރީ ފުރިހަމަ ކުރެއްވެވި އެހެން ބެއިފުޅެކެވެ. ދެވަނަ ފަހަރު ހައިކޯޓުން ގުޅުއްވީ، ކުރީން ވެސް ދެންނެވި ފަދައިން، އުއްތަމަ ފަނޑިޔާރެވެ. އެމަނިކުފާނު ގުޅުއްވުމުން އަޅުގަނޑަކަށް އިންކާރު ކުރާކަށެއް ނުކެރުނެވެ. އެއިރު، ފެކަލްޓީން ފުރުޞަތެއް ނުލިބޭނޭކަން ކަށަވަރު ވެފައި ވެސް އޮތުމާ އެކު، ހައިކޯޓުގެ ވަޒީފާއަށް ނުކުތުމުގެ އިދާރީ ކަންކަން ފުރިހަމަ ކޮށް، "ދައުލަތަށް ޚިދުމަތް ކުރާން" ފަށައިފީމެވެ. އަޅުގަނޑުމެން ކުލާހުގައި ދަސްވެނި ވި ދަރިވަރުންގެ ތެރެއިން، އެންމެ ދަށް މަޤާމެއްގައި އެންމެ ކުޑަ މުސާރަ ލިބޭ ވަޒީފާގައި ހުރި މީހާގެ ގޮތުގައެވެ.

އެއިރު ހައިކޯޓުގެ ޙާލަތު ހުރީ ވަރަށް ދެރަވަރުކޮށެވެ. ޖާގައިގެ ދަތިކަން ނުހަނު ބޮޑެވެ. މަސައްކަތް ހިނގަނީ ކައިރިކައިރީގައި ނަމަވެސް، ވަކިވަކީން ހުރި ދެ ޢިމާރާތުގައެވެ. އެއީ ހެންވޭރު ކޮޅުގައި މިހާރު ފެމިލީ ކޯޓުގެ ބައެއް ހިންގާ ޢިމާރާތާއި، އެމްއެންޑީއެފްގެ ސެނަހިޔާ ހަސްފަތާލު ހިންގާ ޢިމާރާތުން ތަންކޮޅެކެވެ. ފަނޑިޔާރުން ފިޔަވައި އެހެން މުއައްޒަފުންނަކަށް އައިސީޓީ ވަސީލަތްތައް އެދެވޭ މިންވަރާ ގާތަށް ވެސް ހަމަޖެހިފައެއް ނުހުރެއެވެ. ހުރިހައި މުއައްޒަފުން މަސައްކަތް ކުރާން ހުންނަނީ، އަޅުގަނޑުގެ ހަނދާން ކުށް ނޫނިއްޔާ، އެންމެ ދެ ކޮންޕިޔުޓަރެވެ. ތަނުގައި އަޚްލާޤު ރަނގަޅު، އޮފީހަށް ގިނަ ވަގުތު ދެއްވާ، އަދި ޤާބިލު ބެއިފުޅުން ތިއްބެވި ކަމުގައި ވިޔަސް، ހައިކޯޓު ފަދަ ޤަޟާއީ މުއައްސަސާއެއް ހަރުދަނާ ގޮތެއްގައި ހިންގުމަށް ބޭނުން ވާ ތަމްރީނު އެ ބެއިފުޅުންނަށް ދެވިފައި ނެތުމުގެ އުނިކަން ހުރިހައި ދިމާޔަކުން ހުރީ ރީތިކޮށް ފެންނާށެވެ. 1980 ވަނަ އަހަރު އުފެދުނު ހައިކޯޓު މުއައްސަސާއެއްގެ ގޮތުގައި، އަދި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ މުހިއްމު މަސައްކަތުގައި އިސް ދައުރެއް އަދާ ކުރާ އިދާރާއެއްގެ ގޮތުގައި ބިނާ ކުރުމުގެ މަސައްކަތް ކުރެވިފައި ނެތްކަމުގެ ހެކިތައް ހުރީ ފެންނާށެވެ. ލީގަލް އެސިސްޓެންޓަކު ކުރާނޭ ލައްކަ ގިނަ މަސައްކަތް އެއިރު ވެސް ހައިކޯޓުގައި އޮންނާނޭކަމަށް އަޅުގަނޑު ދެކެމެވެ. ނަމަވެސް އެ މަސައްކަތްތައް އިންތިޒާމު ކޮށް، މުއައްޒަފުންނާ މަސައްކަތްތައް ޙަވާލު ކޮށް، އެ މަސައްކަތްތައް ކުރުވުމުގެ ހަރުދަނާ ނިޒާމެއް ނެތެވެ. ފަނޑިޔާރުން، ޤާނޫނީ މުއައްޒަފުންގެ އެހީތެރިކަން ހޯއްދެވުމުގެ ހަރުދަނާ އުޞޫލުތަކެއް އަދި ޘަޤާފަތެއް ނެތެވެ. ޤާނޫނީ މުއައްޒަފުންގެ ބޭނުން ކޯޓުގެ ޤަޟާއީ އަދި އިޖުރާއީ މަސައްކަތްތަކުގައި ހިފުމުގެ ޘަޤާފަތެއް އަދި ވިސްނުމެއް ވެސް ނެތެވެ. ޤަޟާއީ މަސައްކަތް ހިންގުމުގައި "ކޭސް މެނޭޖްމަންޓް ސިސްޓަމެއް" އެއްވެސް ގޮތަކަށް ނޯވެއެވެ. ޤަޟާއީ މުއައްސަސާއެއްގެ ގޮތުގައި، ހައިކޯޓުގެ އިސްތިރާތީޖީ ލަނޑުދަނޑިތަކެއް ނުވަތަ މަސައްކަތުގެ އަމާޒުތަކެއް ވެސް ނެތެވެ.

މި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑު އޮފީހަށް ވަދެގެން އެތައް ދުވަހެއް ވީ އިރު ވެސް، ދުވަހުން ދުވަހަށް ކުރާނޭ އެއްވެސް މަސައްކަތެއް ނުލިބެއެވެ. އެންމެ ފުރަތަމަކޮޅު، ހެނދުނު އޮފީހަށް ނުކުމެ މޭޒުދޮށުގައި އިންނަނީއެވެ. އެހެން އިންނާން ޖެހުމުން، ވަރަށް ގިނަ ދުވަހު ވާ ގޮތަކީ ފޫހި ވެ ނިދި އައުން ކަހަލަ ކަންކަން ވުމެވެ. މި ކަހަލަ މާޙައުލެއްގައި މަސައްކަތް ކުރާން ޖެހުމުން، އަޅުގަނޑުގެ ކިބައިގައި އޮފީހަށް ނުކުތުމުގެ ޝައުޤުވެރިކަން ވެސް ދަށް ވިއެވެ. ހައިކޯޓަށް ނައިސް ފުލުހުންގެ އިދާރާ ފަދަ ތަނަކަށް ދެވުނު ނަމަ ކިހައި ރަނގަޅުހެއްޔޭ، މި ކަހަލަ ސުވާލުތައް ސިކުނޑިއަށް ތުރާ ކުރެއެވެ. އުއްތަމަ ފަނޑިޔާރު ދެކެ ގަންނަ ބިރަކުން ނޫން ނަމަ، އަޅުގަނޑު ހައިކޯޓުގައި މަހެއް ދެ މަހަކަށް ވުރެ ގިނަ ދުވަހު މަޑެއް ނުކުރީމުހެވެ. އެއިރު އަޅުގަނޑު ގިނައިން ސަލާން ބުނަމެވެ. މަހަކު ދެތިން ދުވަހު ނުވަތަ އެއަށްވުރެ ގިނައިން ވެސް ސަލާން ބުނެވިފައި ހުރެދާނެއެވެ. އޮފީހަށް ނުކުންނަ ދުވަސްދުވަހު މަސައްކަތެއް އޮތިއްޔާ، ވީ އެންމެ ރަނގަޅަކަށް އެ މަސައްކަތެއް ކުރަމެވެ. މަސައްކަތެއް ނެތިއްޔާ ފޫހިކަމުގައި އިނދެ ނިދި އަންނާން ފެށުމުން، ބައެއް ފަހަރުފަހަރު އޮފީހުން ނުކުމެގެން ވެސް ދަމެވެ. ބައެއް ދުވަސްދުވަހު ދަނީ ޤައުމީ ކުތުބުޚާނާއަށެވެ. ބައެއް ދުވަސްދުވަހު ކޮފީއަށެވެ. ބައެއް ދުވަސްދުވަހު ގެއަށް ގޮސް މެންދުރު ވާންދެން ނިދައިލަނީއެވެ. އަނެއްކާ އޮފީހަށް ދަނީ މެންދުރުގެ ބްރޭކް ގަޑި ނިމޭ އިރަށެވެ. އެއިރު އެހެން ނުހެދުނު ނަމައޭ، މިހާރު ހިތަށް އަރައެވެ. އެ ހަނދާން ވުމުން ދެރަ ވެއެވެ. ލަދު ވެސް ގަނެއެވެ. ނަމަވެސް އެއިރު ކަން ހިނގި ގޮތަކީ މިއެވެ.

އަޅުގަނޑު ހައިކޯޓުގައި އުޅޭތާ ދުވަސްކޮޅެއް ފަހުން، ރަޖިސްޓްރާރގެ މަޤާމުގައި ހުންނެވި ބެއިފުޅާ މިނިސްޓްރީ އޮފް ޖަސްޓިހުގެ ވަޒީފާއަކަށް ބަދަލު ވެވަޑައިގެންފިއެވެ. ދެން އަޅުގަނޑަށް ވެސް ދުވަހުން ދުވަހަށް ކުރާނޭ މަސައްކަތް ލިބޭން ފެށިއެވެ. ނަމަވެސް އެއާއެކު މެދުވެރި ވި ޙާލަތުގައި، އިހުނަށް ވުރެ ވެސް ބޮޑަށް ހިތް މަރު ވާގޮތް ވިއެވެ. އެއީ، އަޅުގަނޑުގެ ވަޒީފާއަށް ވުރެ މަތީ ރޭންކެއްގެ އަދި މުސާރަ ވެސް މާ ބޮޑު ވަޒީފާއެއްގެ މަސްއޫލިއްޔަތު އަޅުގަނޑާ ޙަވާލު ވެފައި، އެ ވަޒީފާއަށް އަޅުގަނޑު ޝަރުޠު ވެސް ފުރިހަމަ ވެފައި، އެކަމަކު ކުޑަ މުސާރައެއްގައި ދަށް ވަޒީފާއެއްގައި ހުރެގެން އެ މަސްއޫލިއްޔަތު އަދާ ކުރާން ޖެހުމުގެ ޙާލަތެވެ. އަޅުގަނޑުގެ ހިތަށް އަރައެވެ. މި ބެއިފުޅުން ބޭނުންފުޅިއްޔާ ރަޖިސްޓްރާރގެ ވަޒީފާއަށް އިޢުލާން ކޮށްލެވޭނޭތާއެވެ! އެއިރުން އަޅުގަނޑަށް ވެސް އެ ވަޒީފާއަށް ކުރިމަތިލައިގެން، އެ ވަޒީފާއަށް އައުމުގެ ފުރުޞަތު ލިބޭނޭތާއެވެ! ނަމަވެސް އެހެނެއް ކަންތަކެއް ނުވިއެވެ. އަޅުގަނޑު ލީގަލް އެސިސްޓެންޓެއްގެ ގޮތުގައި ހުރެގެން، ރަޖިސްޓްރާރގެ މަސައްކަތްތައް ކުރަމުން ދިޔައީއެވެ. އަޅުގަނޑުގެ މިޒާޖު ހުންނަ ގޮތުން، ދުވަހަކުވެސް މިކަމާ މެދަކު އެއްވެސް ޝަކުވާއެއް ކޮށް، ވެރިޔެއްގެ އަރިޔަހުގައި މި ވާހަކަ ދައްކައެއްނުހަދަމެވެ. ހިތްހަމަނުޖެހިފައި ހުންނަކަން އެއްވެސް ވަރަކަށް ދައްކައެއްވެސް ނުހަދަމެވެ. އެއިރު ވެސް، އަވަހަށް ނިންމާން ޖެހޭ މަސައްކަތެއް ނޯންނަ ބައެއް ދުވަސްދުވަހު ހެނދުނު އޮފީހުން ނުކުމެވެއެވެ. މެންދުރު ވާންދެން ގޭ ވަގުތު ހަދައިލެވެއެވެ. އެކަން ހުއްޓުނީ ދެތިން ދުވަހު ފިސާރި ހިތި ބޮނޑި ބޮވުނު ފަހުންނެވެ. މަންމަ އާއި، ކިތަންމެ ކުޑަ ނަމަވެސް ކަތި ފިޔަވަޅެއް އަޅައިފިއްޔާ އިޞްލާޙުގެ ދުއްރަ ނަންގަވާ އަޅުގަނޑުގެ ލޯބިވާ ބޮޑުބޭބެގެ ފަރާތުންނެވެ. އެއް ފަހަރު އުއްތަމަ ފަނޑިޔާރު ބޮޑުބޭބެގެ އަރިޔަހުގައި އަޅުގަނޑުގެ ޝަކުވާ ކުރައްވައިގެން ވެސް "އަދަބު" ލިބުނެވެ. އުއްތަމަ ފަނޑިޔާރާ ޢާއިލީ ގޮތުން ދުރު ނަމަވެސް ތިމާގެކަމެއް އޮތުމުގެ ނަތީޖާއެވެ.

އޮފީހަށް ވަގުތު ދިނުމުގައި އަޅުގަނޑުގެ ކިބައިގައި ފަރުވާކުޑަކަން ހުއްޓަސް، އޭގެ ކައްފާރާ އަދާ ކުރުމުގެ ނިޔަތުގައި އެއް ކަމެއް ކުރަމެވެ. އެއީ އޮފީހުގައި ނުރަސްމީ ގަޑީގައި މަސައްކަތް ކޮށް، އެ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ ނުނެގުމެވެ. ފައިސާ ނުނެގުމޭ މި ދެންނެވީ، އިތުރު ގަޑީގައި ޙާޟިރު ވާ ވަގުތާއި ކުރާ މަސައްކަތް ނޯޓު ނުކުރާ ވާހަކައެވެ. އެއިރުން، އެ މަސައްކަތަށް އިތުރު ގަޑީގެ އެލަވަންސް ނުހިނގާނޭތީއެވެ. ފަހުން މަސައްކަތް ބުރަ ވެ، ބައެއް ދުވަސްދުވަހު ފުރިހަމަޔަށް އިތުރު ގަޑި ނަގާން ޖެހޭ ދުވަސްދުވަސް ވެސް އާދެއެވެ. ނަމަވެސް އަޅުގަނޑުގެ އާދައަކީ އިތުރު ގަޑި ނޯޓު ނުކުރުމެވެ. މިއީ، ރަސްމީ ގަޑީގައި އޮފީހުން ބޭރުގައި އުޅޭ އުޅުމަށް އޮތް ޙަޤީޤީ ކައްފާރާއެއް ނޫންކަން އަޅުގަނޑު ހެޔޮހިތުން ޤަބޫލު ކުރަމެވެ. އެހެން ނަމަވެސް ... އާދެ، އެއިރު ކަން ހިނގި ގޮތެވެ.

ހައިކޯޓުގައި މަސައްކަތް ކުރަމުން ދިޔަ އިރު، ދިވެހިރާއްޖޭގެ ނޫސްވެރީންނާއި ނޫސްވެރިކަމުގެ ކަންކަން ހުންނަ ގޮތުގެ ވަރަށް މުހިއްމު ފިލާވަޅެއް އަޅުގަނޑަށް ލިބުނެވެ. މީހަކު ހައިކޯޓަށް އިސްތިއުނާފަށް މައްސަލައެއް ހުށައަޅާން ކުރި މަސައްކަތާ ގުޅިގެންނެވެ. އެ މީހަކީ، އެ ދުވަސްވަރު ކ. އަތޮޅު ހިންމަފުށީގައި ހިނގި ހާދިސާއެއްގައި، އެ ރަށު މަދަރުސާގެ ޓީޗަރަކު އެއްލި ގަލަމެއް ލޮލަށް ހެރިގެން ލޯ އަނދިރި ވި ކުޑަކުއްޖެއްގެ ބައްޕައެވެ. މި ހާދިސާއާ ގުޅިގެން ދައުލަތުން ޓީޗަރުގެ މައްޗަށް ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގައި ޖިނާއީ ދަޢުވާއެއް އުފުލިއެވެ. ކޯޓުން މައްސަލަ ނިންމީ، އަޅުގަނޑު ހަނދާން ވާ ގޮތުން، ފައްސަތޭކަ ދިވެހި ރުފިޔާއިން ޓީޗަރު ޖޫރިމަނާ ކުރުމަށް ޙުކުމް ކޮށެވެ. މި ޙުކުމާ ގުޅިގެން، ކުއްޖާގެ ބައްޕަ އެ ޙުކުމް އިސްތިއުނާފު ކުރުމަށް ޓަކައި ފޯމު ފުރައިގެން ހައިކޯޓަށް އައީއެވެ. ޢާއްމުކޮށް އަޅުގަނޑުމެން ޢަމަލު ކުރާ އުޞޫލަކީ، މައްސަލައެއް ބަލައިގަނެވޭން ނޯންނަ ނަމަ، ބަލައިގަނެވޭން ނެތް ޤާނޫނީ ސަބަބުތައް ލިޔުމުން ބަޔާން ކޮށް، ލިޔުމުން ޖަވާބު ދީ ނިންމައިލުމެވެ. ނަމަވެސް މި މައްސަލައިގެ ބާވަތުން އަޅުގަނޑު މައްސަލަ ހުށައެޅި މީހާއާ ބައްދަލު ކުރީމެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުން ޤާނޫނު ހުއްދަ ނުކުރާ ސަބަބުތައް ވަރަށް ސާފުކޮށް ބަޔާން ކޮށްދިނީމެވެ. މައްސަލައިގެ ދަޢުވާ ކުރާ ފަރާތަކީ ދައުލަތް ކަމާއި، ދަޢުވާ ލިބޭ ފަރާތަކީ ޓީޗަރު ކަމާއި، ކުއްޖާގެ ބައްޕައަކީ މައްސަލައިގެ ޚަސްމެއް ނޫންކަން އޮޅުން ފިލުވައިދީ، ދަށުކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނީ މައްސަލައިގެ ޚަސްމުންގެ ޙައިޘިއްޔަތުން ދައުލަތަށް ނުވަތަ ޓީޗަރަށްކަން ކިޔައިދިނީމެވެ. ގާތްގަނޑަކަށް ބައިގަޑިއެއްހައި އިރު ވާންދެން އޭނާއާ ވާހަކަ ދައްކައި، އަޅުގަނޑު ހިތުން ވަރަށް ރަނގަޅަށް މި ކަންކަން އޭނާއަށް ބުނެދިނީމެވެ. އަދި، އޭނާއަށް އޮތް ޚިޔާރަކީ ކުއްޖާއަށް ލިބުނު ގެއްލުމާއި ބޭސްފަރުވާއަށް ދިޔަ ޚަރަދުފަދަ ޚަރަދުތަކުގެ ބަދަލު ހޯދުމަށް ޓަކައި ހިންމަފުށީ ކޯޓުގައި މަދަނީ ދަޢުވާއެއް އުފުލުން ކަން ބުނެދީ، އެ ދަޢުވާ ކުރުމަށް ޓަކައި ކަންތައް ކުރާން ވީ ގޮތް ވެސް ކިޔައިދިނީމެވެ. އޭނާ އެނބުރި ދިޔައީ އެއްވެސް ހިތްހަމަނުޖެހުމެއް ނުދައްކައެވެ. އަޅުގަނޑުގެ ލޯމައްޗަށް ފެނުނު ފެނުމުގައި، އަޅުގަނޑު ދެއްކި ވާހަކަ ޤަބޫލު ކޮށްގެންނެވެ.

ނަމަވެސް، ޖެހިގެން އައި ދުވަހުގެ "ހަވީރު" ނޫހުގެ ޚަބަރެއްގައި އޮތީ ހިންމަފުށީގައި ލޯ ހަލާކު ވި ކުއްޖާގެ މައްސަލައިގައި ދަށުކޯޓުން ނިންމި ނިންމުން ކުއްޖާގެ ބައްޕަ ހައިކޯޓަށް އިސްތިއުނާފު ކުރުމުން، މައްސަލަ ހައިކޯޓުން ބަލައިނުގަތް ކަމަށެވެ. މައްސަލަ ބަލައިނުގަތް ސަބަބު ވެސް ހައިކޯޓުން ނުބުނި ކަމުގައެވެ. ޚަބަރު ލިޔެފައި އޮތީ ކުއްޖާގެ ބައްޕައާ ޙަވާލާ ދީއެވެ. ޚަބަރުން ދީފައި އޮތް މެސެޖަކީ، ދަށުކޯޓުގެ ޙުކުމުން ޓީޗަރު އެންމެ 500 ރުފިޔާއިން ޖޫރިމަނާ ކޮށް، ކުއްޖާއަށް އެއްވެސް ބަދަލެއް ނުދިނުމުން އިންޞާފު ގެއްލިފައި ވާކަމާއި، ހައިކޯޓުން ކުއްޖާގެ ބައްޕަގެ ކުރިމަތީގައި އިންޞާފުގެ ދޮރު ބަންދު ކުރިކަމުގެ މެސެޖެވެ. ނަތީޖާއަކަށް ވީ، އުއްތަމަ ފަނޑިޔާރުގެ ކުރިފުޅުމަތީގައި ވަރަށް ހޫނު ގޮނޑިއެއްގައި އިނދެގެން އަޅުގަނޑު ޖަވާބުދާރީ ވާން ޖެހުމެވެ. އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރު ކަންތައް ކުރެއްވި ގޮތުން، އަޅުގަނޑަށް އެނގުނު އެއް ކަމަކީ، އެއީ ރައްޔިތުން ދެކެ ލޯބިފުޅު ވާ ބެއިފުޅެއް ކަމެވެ. މީހަކަށް އަނިޔާއެއް ނުވަތަ ދެރައެއް ލިބުން އެދިވަޑައިނުގަންނަވާ ބެއިފުޅެއްކަމެވެ. ކަން ހިނގައި ނިމިގެން ދިޔަ ގޮތުގެ ތަފްޞީލުތައް ލިޔުމަށް ޓަކައި އިތުރު ދެތިން ޞަފުޙާ ވަރު ބޭނުން ވާނޭތީ، ތަފްޞީލުތައް ދޫ ކޮށްލަމެވެ. ނިމުނީ، އަޅުގަނޑު އެންމެ ފުރަތަމަ ނިންމި ނިންމުން ރަނގަޅު ކަމަށް ކަނޑައެޅިގެންނެވެ.

މި ހާދިސާއަށް ފަހު، އަޅުގަނޑު އޮފީހަށް ރަނގަޅަށް ވަގުތު ދީގެން މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ބަލަމެވެ. އަމިއްލަ އިސް ނެގުމަށް، އޮފީހުގެ ކަންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމެވެ. އެކަން ފާހަގަ ކުރެއްވެވިގެން ކަމަށް ފެނެއެވެ. އުއްތަމަ ފަނޑިޔާރު ޝައިޚް ރަޝީދު ވެސް ކުރިޔަށް ވުރެ ބޮޑަށް، އޮފީހުގެ ކަންކަމުގައި އަޅުގަނޑު ޝާމިލު ކުރައްވަވާން ފަހުން މަސައްކަތްޕުޅު ކުރައްވައެވެ. އިހުނަށް ވުރެ ބޮޑަށް ގާތްކަން ބަހައްޓަވައި، ބައެއް ފަހަރު ސަމާސާ ވެސް ކޮށްލައްވައެވެ. އެންމެ ހަނދާން ހުންނަ އެއް ދުވަހަކީ، ހުރިހައި ފަނޑިޔާރުންނާއި ހުރިހައި މުއައްޒަފުން ބައިވެރި ވި ބައްދަލުވުމެއްގައި، ފުރަތަމަ ފަސް ވަރަކަށް މިނިޓު އަޅުގަނޑާ ވާހަކަ ދައްކަވައި، ކައިވަންޏެއް ކޮށްފިންހޭ، ކައިވަނި ނުކޮށް މާ ގިނަ ދުވަހު މަޑު ކުރަނީ ކީއްވެގެންހޭ، މި ކަހަލަ ސުވާލުތަކެއް ކުރައްވައި، ޒުވާން ޢުމުރު އައުމުން އަވަހަށް ކައިވަނި ކުރުމުގެ މުހިއްމުކަމާ ބެހޭގޮތުން ވާހަކަ ދެއްކެވި ދުވަހެވެ. އަޅުގަނޑުގެ ލަދުރަކިކަމުން، އެ ސުވާލުތަކުން ސަލާމަތް ވި އިރު، އިނީ ފިސާރިއަކަށް ދާ ވެސް ހިއްލައިފައެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން، ހައިކޯޓުގައި އެއިރު މަސައްކަތް ކުރެއްވި އެހެން މުއައްޒަފުންނަކީ ވެސް ވަރަށް އަޚްލާޤު ރަނގަޅު، ގޮތްހުރި، ހިތްހެޔޮ، އަދި އެކުވެރި މިޒާޖުގެ ބެއިފުޅުންނެވެ. ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޞާބިރު ކިޔުއްވަވައިދެއްވާ މަޖާ ވާހަކަތަކާއި ދެއްވާ ނަޞޭޙަތް މިއަދާ ހަމަޔަށް ވެސް ހަނދާނުގައި ހުރެއެވެ. އަލްފާޟިލާ ފާއިޒާ ޢަބްދުލްޤާދިރާ ބެހޭގޮތުން، ފާއިޒާ އަކީ ހައިކޯޓޭ، ހައިކޯޓަކީ ފާއިޒާއޭ، ބައެއް މީހުން އެއިރު ބުނާ ބުނުމަކީ ހަމަ ތެދެކެވެ. އޭނާ ނެތި ހައިކޯޓު ހުޅުވި، އެ ތަނުގައި މަސައްކަތް ކުރެވިފައި އެއިރު ހުންނަ ތަނެއް އަޅުގަނޑު ނުދެކެމެވެ. މި ދެ ބެއިފުޅުންގެ އިތުރުން ދެން ތިއްބެވި މުއައްޒަފުންނަކީ ވެސް އަޅުގަނޑު އެ ބެއިފުޅުންނާ އެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނުކަމަށް ޓަކައި އުފާ ކުރާ ވަރުގެ ބެއިފުޅުންނެވެ. ތެދުވެރިކަމާއި ވަފާތެރިކަމާ އެކު ޚިދުމަތް ކުރުމުގެ ނަމޫނާތަކެއް ދެއްކެވި ބެއިފުޅުންނެވެ. ސީނިއަރ ކޯޓު މާސްޓަރެއްގެ މަޤާމުގައި ހުންނެވި އަލްފާޟިލް އަޙްމަދު މަނިކާއި، އިދާރީ ބެއިފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވެވި އަލްފާޟިލާ މަރިޔަމް ރަޝީދާ އާއި، ބަޖެޓުގައި މަސައްކަތް ކުރެއްވި އަލްފާޟިލް ޔޫސުފް ސަޢީދާއި، އިދާރީ ޚިދުމަތުގެ ބައިގައި މަސައްކަތް ކުރެއްވި އަލްފާޟިލާ ފާޠިމަތު ނީޝާ ފަދަ ބެއިބެއިފުޅުންނަކީ، އަޅުގަނޑުގެ ހަނދާނުގައި ނަންފުޅުތައް ހުރި ބެއިފުޅުންނެވެ.

އަޅުގަނޑު ހައިކޯޓުގައި މަސައްކަތް ކުރާތާ ނުވަ މަހެއްގައި ދުވަސް ފާއިތު ވެގެން ދިޔަ ފަހުން، ޒަމާނީ ޤަޟާއީ މުއައްސަސާއެއްގެ ގޮތުގައި ހައިކޯޓު ތަރައްޤީ ކޮށް، މުއައްސަސާ ބިނާ ކުރުމުގެ އައު ޕަރޯގިރާމެއް ފެށުމަށް އުއްތަމަ ފަނޑިޔާރު ނިންމެވިއެވެ. އެކަމަށް ލަފާ އެރުވި މީހުންގެ ތެރޭގައި އަޅުގަނޑު ވެސް ހިމެނޭނެއެވެ. އެފަދަ މަސައްކަތެއްގެ މުހިއްމުކަން އަޅުގަނޑު ވެސް ބައެއް ބައްދަލުވުންތަކުގައި ފާހަގަ ކޮށް ދަންނަވައިފައި ވާނެއެވެ. އެ ދުވަސްވަރަކީ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ދައުލަތުގެ މުއައްސަސާތައް ހަރުދަނާ ކުރުމުގެ ޚާއްޞަ މަޝްރޫޢުތަކެއް ފެށްޓެވި ދުވަސްވަރުކަން ވެސް ފާހަގަ ކުރަމެވެ. ކޮންމެއަކަސް، އުއްތަމަ ފަނޑިޔާރުގެ ނިންމެވުމާ ގުޅިގެން، ހައިކޯޓުގެ މުއައްސަސީ ތަރައްޤީގެ ޕްލޭނެއް ތައްޔާރު ކުރުމުގެ މަސައްކަތް ޙަވާލު ވީ އަޅުގަނޑާއި، އައިޓީ އިސް މުއައްޒަފެއްގެ ގޮތުގައި އެ ދުވަސްވަރު ހައިކޯޓާ ގުޅިވަޑައިގަތް އަލްފާޟިލް އަޙްމަދު ޙަލީމާއެވެ. އިންފޮރމޭޝަން އެންޑް ކޮމިޔުނިކޭޝަންސް ޓެކްނޮލޮޖީގެ ދާއިރާއިން ގެންނާން ވީ ބަދަލުތަކާއި އިޞްލާޙުތަކުގެ ބައި ޙަވާލު ވީ ޙަލީމާއެވެ. ހައިކޯޓު ކޮމްޕިޔުޓަރައިޒް ކޮށް، ހުރިހައި މުއައްޒަފުންނަށް ކޮންޕިޔުޓަރު ހޯދައި، ޝަރުޢީ ލިޔުންތައް ކޮންޕިޔުޓަރުން ލިޔެ ޑިޖިޓައިޒް ކޮށް، ތަނުގައި ސާރވަރއެއް ބަހައްޓައި ނެޓްވޯކް އަޅައި، ކޯޓުގެ ވެބްސައިޓު ހެދުން ފަދަ ގިނަ ބަދަލުތަކެއް ގެނެވުނީ މި މަސައްކަތުގެ ތެރޭގައެވެ. ހައިކޯޓަކީ ޤަޟާއީ އަދި ޤާނޫނީ މަސައްކަތް ކުރާ އިދާރާއެއް ކަމުން، މި ކަންކަން ހައިކޯޓުގެ މަސައްކަތާ ގުޅޭ ގޮތަކަށް ގެންދިޔުމަށް ޓަކައި ޙަލީމަށް ލަފަޔާއި މަޝްވަރާ ދިނުމަކީ އަޅުގަނޑުގެ އެއް މަސްއޫލިއްޔަތެވެ. ނަމަވެސް އަޅުގަނޑުގެ އެންމެ މުހިއްމު މަސައްކަތަކަށް އޮތީ މައްސަލަ ރަޖިސްޓްރީ ކުރުމުގެ ކަންކަމާއި، ކޭސް މެނޭޖްމަންޓުގެ ޒަމާނީ ނިޒާމެއް ބިނާ ކުރުމުގެ ކަންކަމާއި، އެހެނިހެން ވެސް ޤާނޫނީ މަސައްކަތްތަކުގެ ބަޔާއި، ޤަޟާއީ މުއައްސަސާއެއްގެ ގޮތުގައި ތަން ތަރައްޤީ ކުރުމަށް ޓަކައި އިދާރީ ނިޒާމަށް ގެންނާން ޖެހޭ އިޞްލާޙުތަކުގެ ބައެވެ. ދެން އޮފީހުގެ ވެރީންނާއި މުއައްޒަފުންނާ ބައްދަލު ކޮށް، އެ ބެއިފުޅުންގެ ޚިޔާލުފުޅުތަކާއި މަޝްވަރާ ހޯދައި، ރަސްމީ ގަޑީގައްޔާއި ނުރަސްމީ ގަޑީގައި މަސައްކަތް ކޮށްގެން، އެ ޕްލޭން ތައްޔާރު ކުރީމެވެ.

އެއިރު އަޅުގަނޑަށް އޮތީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާއިން މާސްޓަރޒް ޑިގްރީއަށް ކިޔެވުމަށް ފުރުޞަތު ލިބިފައެވެ. އެހެންކަމުން، ވަޒީފާގައި އެއް އަހަރު ފުރިހަމަ ކުރުމަށް ފަހު، މުސާރައާ އެކު ދޭ ޗުއްޓީއެއް ނަގައިގެން މެލޭޝިޔާއަށް ފުރުމުގެ ތައްޔާރީތައް ކުރާން ފަށައިފީމެވެ. އަޅުގަނޑަށް އަޅުގަނޑު ތައްޔާރު ކުރި ޕްލޭން ނިންމައި އޮފީހާ ޙަވާލު ކުރުމަށް ފަހު، އެ ޕްލޭން އިޞްލާޙު ކުރުމާއި ތަންފީޛު ކުރުމުގެ މަސައްކަތުގައި ބައިވެރި ވުމުގެ ނަޞީބެއް ނުލިބުނެވެ. އަޅުގަނޑަށް ފަހު އެ މަސައްކަތް ކުރެއްވި ބެއިފުޅަކީ، ހައިކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކާ އަޅުގަނޑަށް ފަހު ޙަވާލު ވެވަޑައިގަތް އަލްއުސްތާޛާ ލަޠީފާ ޤާސިމެވެ. އަޅުގަނޑު ހުރި ނަމަ ކުރެވޭނޭ ވަރަށް ވުރެ ވެސް ފުރިހަމައަށް އޭނާ އެ މަސައްކަތް ކުރެއްވިއެވެ. އަލްއުސްތާޛާ ލަޠީފާ ޤާސިމަކީ ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ މުއާޚާތުގެ މެންބަރުންގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަ ކޮށްލެވޭ ޤާބިލު އަދި ނަޒާހަތްތެރި ބެއިފުޅެކެވެ. ޚުދު އޭނާ އަކީ ވެސް، އިޞްލާޙުގެ ނަމުގައި ފަހަކަށް އައިސް ރާއްޖޭގައި "މެޖޯރިޓޭރިއަން ޓިރަނީ" އެއްގެ ޚުދުމުޚުތާރު ނިޒާމުގެ ތެރެއިން ހިންގެމުންދާ ޣައިރުދުސްތޫރީ، ޣައިރުޤާނޫނީ، އަދި ޣައިރުއަޚްލާޤީ އަނިޔާގެ ރަހަ ދެކެވަޑައިގަންނަވާން ޖެހިވަޑައިގަތް ބެއިފުޅެކެވެ.

އަޅުގަނޑު ހައިކޯޓުގެ މުސާރަ ލިބޭ ޗުއްޓީގައި ހުރި މުއައްޒަފެއްގެ ގޮތުގައި މެލޭޝިޔާއަށް އައިތާ އަހަރެއް ފުރުނު ފަހުން ދިވެހިރާއްޖޭގެ ދެވަނަ ފެހި ޤާނޫނުއަސާސީ ތަޞްދީޤު ކުރެވުނެވެ. 7 އޯގަސްޓު 2008 ގައެވެ. އަޅުގަނޑު މެލޭޝިޔާއަށް ފުރީ 24 ޖޫން 2007 ގައި ޗުއްޓީ ނަގައިގެން، ހަމަ އެ މަހުގެ ތެރޭގައެވެ. އައު ޤާނޫނުއަސާސީ ތަޞްދީޤު ކުރެވިގެން ދިޔަ އިރު ފެނުނު އެންމެ ހިތާމަވެރި އެއް މަންޒަރަކީ، ޤާނޫނުއަސާސީގެ މާއްދާއެއްގެ ބާރުގައި އުއްތަމަ ފަނޑިޔާރު ފަޟީލަތުއް ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމުގެ މަޤާމު ގެއްލުވައިލެވުނު މަންޒަރެވެ. އެމަނިކުފާނަށް ޙައްޤު ވެގެން ވާ ފަދައިން ޝަރަފުވެރި ގޮތުގައި މުސްކުޅި ކުރެއްވުމުގެ ފުރުޞަތު ވެސް ނާރުވައި، ޖަންގަލީގެ ވަޙުޝީންގެ އަޚްލާޤުގެ މިސާލެއް ދައްކަމުން އެމަނިކުފާނު ނަގައި ހޫރައިލި މަންޒަރެވެ. ބިންގާ ކެއްޗަށް އެޅުމުގެ ރީތި މިސާލެކެވެ. ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ) ގައި ލިޔެފައި އޮތީ "މި ޤާނޫނުއަސާސީއަށް ޢަމަލު ކުރާން ފަށާ އިރު ތިބި ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުން މި މާއްދާގެ ދަށުން ގޮތެއް ކަނޑައަޅާންދެން ފަނޑިޔާރުކަމުގެ މަޤާމުގައި ދެމިތިބޭނެއެވެ" މިފަދައިންނެވެ. މި މާއްދާ ލިޔެ ފާސް ކުރި މީހުންގެ ހަމައެކަނި ބޭނުމަކީ ފަޟީލަތުއް ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް މަޤާމުން ދުރު ކުރުމެވެ. ޢިލްމުވެރިކަމާއި، ނަޒާހަތްތެރިކަމާއި، ތަޖުރިބާ ފަދަ ހުރިހައި ކަމަކަށް ބަލާ އިރު ވެސް، ޝައިޚް ރަޝީދު މަޤާމުން ވަކި ވެފައި އެހެން ފަނޑިޔާރުން މަޤާމުތަކުގައި ދެމިތިއްބަވާ ގޮތަށް ޤާނޫނުއަސާސީގައި މާއްދާއެއް ލިޔާން ޖެހޭ އެއްވެސް ކަހަލަ އަސާސެއް ނެތެވެ. އެމަނިކުފާނަކީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ވަފާތެރި ބެއިފުޅެއް ކަމުގައި ވުމަކީ، ރާއްޖޭގެ އެހެން ފަނޑިޔާރުން މަޤާމުގައި ބައިތިއްބައިފައި ހަމައެކަނި އެމަނިކުފާނު "ލުހެލުމަށް" އޮތް މަޤުބޫލު އަދި އިންޞާފުވެރި ސަބަބެއް ކަމަށް ދެކޭ ބަޔަކު ވެސް ތިބޭނެތޯއްޗެކެވެ. ނަމަވެސް އެއީ އިންޞާފާއި ހަމަ ޤަބޫލު ކުރާ ބަޔަކު ބަލައިގަންނާނޭ ވިސްނުމެއް ނޫނެވެ. ތަކުރާރުކޮށް ދަންނަވާން ޖެހެނީ، އުއްތަމަ ފަނޑިޔާރު ނަގައި އެއްލައިލުމުގެ ޢަމަލަކީ އިޞްލާޙު ކުރުމުގެ ނަމުގައި ހިންގުނު ކުޅިގަނޑުގެ ތެރޭގައި ކޮށްފައި ވާ ވަރަށް ވެސް ހުތުރު އިސްތިބްދާދީ ޢަމަލެއް ކަމުގައެވެ. "އާރބިޓްރަރީ" ޢަމަލެއް ކަމުގައެވެ. އިޞްލާޙުގެ ނަމުގައި ކުރެވޭ ފަސާދައިގެ މިސާލެއް ކަމުގައެވެ. ދެވަނަ ފެހި ޤާނޫނުއަސާސީގެ ކުރީގެ ހައިކޯޓުގެ ނަޒަރުން ދަންނަވަންޏާ، މި ޖަރީމާ ހިންގި "އިޞްލާޙީ ޙަރަކާތް" ފެށީ 2003 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ހައިކޯޓުގެ ޢިމާރާތުގައި އަލިފާން ރޯ ކޮށް، ކޯޓުގެ ތެރޭގައި ހުރި ލިޔެކިޔުންތަކާއި ތަކެތި އަންދައި، ތަނުގައި ހުރި ފޯނާއި ފެނާއި ކަރަންޓުގެ ވަސީލަތްތަކަށް ގިނަގުނަ ގެއްލުންތައް ދީ، ތަނުގައި ހުރި އެތައް އެއްޗެއްސެއް މަގުމައްޗަށް އުކައި، ހައިކޯޓުގެ ޢިމާރާތުގައި ހުރި ދިވެހި ޤައުމީ ދިދައަށް ނުހަނު ގިނަ ގެއްލުންތައް ދީ އަނިޔާ ކުރި ހާދިސާއާ ހަމައިންނެވެ. ނިމިގެން ދިޔައީ، ޤަޟާއީ އަދި ދުސްތޫރީ ނިޒާމުތަކާއި އިންޞާފާއި ޢަދާލަތުގެ އެންމެހައި އަސާސުތަކާއި އުޞޫލުތަކާ ޚިލާފަށް އެ ކޯޓުގައި އިސް ބެއިފުޅެއްގެ ގޮތުގައި ހުންނެވި، ދިވެހި ދައުލަތުގެ އުއްތަމަ ފަނޑިޔާރު ނިޒާމުން ގެއްލުވައިލުމުގެ ލަދުވެތި ޖަރީމާއާ ހަމައިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް