ޔޫތު ޗެމްޕިއަންޝިޕް: ޒައިޝާންގެ ދެ ލަނޑާއެކު ޔޫވީއިން ފަހަތުން އަރައި ވެލެންސިއާ ބަލިކޮށްފި

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޔުނައިޓެޑް ވިކްޓަރީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން ޒައިޝާން ލަނޑުޖެހުމަށްފަހު އުފާފާޅު ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޔޫތު ޗެމްޕިއަންޝިޕްގައި ވެލެންސިއާއާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލު ކުރި މެޗު ފަހަތުން އަރައި ޔޫވީން ކާމިޔާބު ކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން ޔޫވީ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަށް ނުކުތް އިރު ވެލެންސިއާއިން އޮތީ މުބާރާތުގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބް އަތުން 4-3 އިން ބަލިވެފައެވެ. އަދި ޔުނައިޓެޑް ވިކްޓަރީ އޮތީ ފުރަތަމަ މެޗުގައި މަހިބަދޫ ސްޕޯޓްސް ކުލަބު އަތުން 1-1 އިން އެއްވަރުވެފައެވެ.

މިއަދުގެ މެޗު ފަށައިގެން ދެ ޓީމުން ދިޔައީ ރަނގަޅަށް ކުޅެ ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޔުނައިޓެޑް ވިކްޓަރީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެޗުގެ 12 ވަނަ މިނެޓުގައި ޔޫވީގެ އަބްދުއްރަހުމާން ތިބްޔަން އަލީ ސައީދު (މެސީ)، ދަނޑުގެ މެދަކާ ހިސާބުން ބޯޅަ ހިފައިގެން ދަނިކޮށް ފައުލް ކުރުމުން ވެލެންސިއާގެ ހުސެއިން އަޒުމީއަށް ރީނދޫ ކާޑެއް ދެއްކިއެވެ.

މެޗުގެ 14ވަނަ މިނެޓުގައި ވެސް މެސީ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަން ދަނިކޮށް އަޒުމީ ވަނީ އޭނާ ވައްޓާލައިފައެވެ.

މެޗުގައި ގިނަ ފައުލަތުތަކެއް ފެނުނުއިރު، 18 ވަނަ މިނެޓުގައި ވެލެންސިއާގެ އަހުމަދު ޔައީސް ޔޫޝައުއަށް ޔޫވީގެ މުހައްމަދު ރާއިފް ފަޒީލް ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ރީނދޫ ކާޑެއް ދެއްކިއެވެ.ވެލެންސިއާއަށް ލިބުން ހިލޭ ޖެހުން ފޮނުވާލީ އާމިން އުމަރު މޫސާއެވެ. ނަމަވެސް އެ ބޯޅަ ގޯލާ އަމާޒު ވާގޮތެއް ނުވިއެވެ.

ވެލެންސިއާއިން ޔޫވީގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް އުދެއްދުމަށް މަސައްކަތް ކުރަމުން ގޮސް މެޗުގެ 20 ވަނަ މިނެޓުގައި ޔޫވީގެ ގޯލް އޭރިޔާ ތެރޭގައި ހުރެ އަބްދު ﷲ ފާސިރު ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން ވެލެންސިއާއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. ވެލެންސިއާގެ ފުރަތަމަ ގޯލަށްފަހު ވެސް އެ ޓީމުން ދިޔައީ ޔޫވީގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކުރަމުންނެވެ.

ވެލެންސިއާއިން މެޗުގައި ލީޑު ނަގާފައި އޮތުމުން ޔޫވީއިން އެ ޓީމުގެ އެޓޭކްތައް ވަރުގަދަ ކުރިއެވެ. ވެލެންސިއާއިން ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ޔޫވީއަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ.

މެޗުގެ 22ވަނަ މިނެޓުގައި ވެލެންސިއާގެ ގޯލް އޭރިޔާ ބޭރުން ޔޫވީގެ ޒައިޝާން އަޝްރަފް ނަގައިދިން ބޯޅަ އޭރިޔާ ތެރޭގައިހުރެ އަލީ މީސާގް އީސާ ބޮލުން ފޮނުވާލި ނަމަވެސް، ވެލެންސިއާގެ ކީޕަރު މުހައްމަދު އަތޫފް ރިފާއުގެ އަތުގައި ޖެހި ބޯޅަ ކޯނަރަކަށް ބޭރުވިއެވެ.

އޭގެ ފަހުން ވެސް ޔޫވީއިން ފުލުފުލުގައި ހަމަލާ އުފެއްދި ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.

ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް، ޔޫވީއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. 45 ވަނަ މިނެޓުގައި ޔޫވީގެ މީސާގު ނަގައިދިން ބޯޅަ ގޯލަށް ފޮނުވާލައިގެން އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޒައިޝާންއެވެ. މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޔުނައިޓެޑް ވިކްޓަރީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދެ ވަނަ ހާފު ފަށައިގެން ޔޫވީ ގެ ފަރާތުން ފެނުނީ ވަރުގަދަ އެޓޭކްތަކެކެވެ. ނަތީޖާއެއް ގެ ގޮތުން ހާފުގެ ކުރީކޮޅު ޔޫވީ އިން ވަނީ ލަނޑެއް ޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފައެވެ. ދެވަނަ ހާފުގެ ހަތް ވަނަ މިނެޓުގައި ޔޫވީގެ އަބްދު ﷲ އަމީން އަލީ ދިން ޕާހަކުން ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ މެސީ އެވެ.

ޔޫވީ އިން އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކުރީ މެޗުގެ 72 ވަނަ މިނެޓުގައި ޒައިޝާން ޖަހައިދިން ވަރަށް ހިތްގައިމު ގޯލަކުންނެވެ. މެސީ ދިން އެސިސްޓަކުން ޒައިޝާން ފޮނުވާލި ބޯޅަ އަމާޒުވީ ވެލެންސިއާގެ ގޯލުގެ މަތީ ދާގަނޑަށެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ވެލެންސިއާގެ އަޒުމީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލިއެވެ. ކޮންމެސް ވަރަކަށް ވެލެންސިއާގެ ކުޅުންތެރިން ހިތް ހަމަ ނުޖެހުން ފާޅު ކުރި ނަމަވެސް، ރެފްރީވަނީ އޭނާގެ ނިންމުން ދަމަހައްޓައިފައެވެ. މެޗުގައި ގިނަ ފައުލުތަކެއް ފެނުނު އިރު ގިނަ ކާޑުތަކެއް ވެސް ފެނުނެވެ.

މެޗުގައި ޔޫވީން ލަނޑުޖަހަން އިތުރު މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން 81ވަނަ މިނެޓުގައި އަހްލިމް ފަލާހް ޝަރީފް ނަގައިދިން ބޯޅައެއް ޒައިޝާން ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް، ވެލެންސިއާގެ ކީޕަރު މުހައްމަދު އަތޫފް ރިފާއު އެ ބޯޅަ މަތަކުރިއެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޔުނައިޓެޑް ވިކްޓަރީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދެ ޓީމުން ވެސް ޕްރެޝަރުގައި މި މެޗު ކުޅުނު އިރު، މެޗުގެ 87 ވަނަ މިނެޓުގައި ޔޫވީގެ މުހައްމަދު ރާއިފް ފަޒީލަށް ރެފްރީ ރީނދޫ ކާޑެއް ދެއްކިއެވެ. އޭގެ މިނެޓެއް ފަހުން ލައިންސްމަނާ މަޝްވަރާކުރުމަށްފަހު ރެފްރީ ވަނީ ރާއިފަށް އަނެއްކާވެސް ކާޑެއް ދައްކާފައެވެ. ސީދާ ރަތް ކާޑަކާއެކު ރެފްރީ ވަނީ ރާއިފް ދަނޑުން ފޮނުވާލާފައެވެ.

ނަތީޖާ އެގޮތުގައި އޮވެ، މެޗު ނިމިގެން ދިޔައީ 3-1 އިން ވެލެންސިއާގެ މައްޗަށް ޔޫވީއިން ކުރި ހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔޫވީއަށް ދެ ލަނޑު ޖަހައިދިން ޒައިޝާން އަޝްރަފެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޔުނައިޓެޑް ވިކްޓަރީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޒައިޝާން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މުބާރާތުގެ ކުޅުން މިރޭ ވެސް އޮންނާނެއެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ މަހިބަދޫ ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބެވެ.

comment ކޮމެންޓް