ޕީޕީއެމުން ކުރިން "ރުމާލު 2" ޖަގަހަ ހިންގި ތަނުގައި ރޯވެ އަނދައި ހުލިވެއްޖެއެވެ.
ކޮވިޑް-19ގެ ދެވަނަ ރާޅުގައި މިތަން ބޭނުން ކުރީ ފްލޫ ކްލިނިކެއްގެ ގޮތުގައެވެ. އެ ރާޅަށްފަހު މާލެ ހިޔާ ފްލެޓުތަކުގެ ފުރަގަހުގައި ހުންނަ އެ ޖަގަހަވީ ޑްރަގްގެ އައްޑާއަކަށެވެ. ފްލޫ ކްލިނިކް އުވާލުމުން މަސްތުވާތަކެތި ބޭނުންކުރާ މީހުން އެތަނަށް ގޮސް މަސްތުވެއެވެ.
ދަގަނޑު ހޮޅިއާއި ފިލައިން ހަދައިފައިވާ މި ޖަގަހައިގައި ރޯވި ސަބަބެއް އަދި ނޭނގެއެވެ. މަންޒަރު ދުށް މީހަކު ބުނީ އެތަނުގައި ރޯވީ ދޭއްޖަހާކަށްހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ 14:47ގައި ކަމަށެވެ. އަދި އެ ވަގުތުން ފެށިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް އޭރު މުޅިތަން ވަނީ އަނދައި ހުލިވެފައެވެ.
އެމްއެންޑީއެފުން ބުނީ މިއަދު 15:08ގައި އަލިފާންގަނޑު މުޅިން ނިއްވައިލެވިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.