ރައީސް ޔާމީންގެ ޝަރިއަތް ލައިވް ނުކުރެވެނީ ވަސީލަތްތައް ނެތުމުން: އިސް ގަޒީ

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ލައިވް ކުރާނެ ވަސީލަތްތައް ނެތުމުން އެ އަޑުއެހުންތައް ލައިވް ނުކުރަން ނިންމައިފިއެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ޝަރީއަތްތައް ލައިވް ކުރެވޭނެ ވަސީލަތްތައް މިވަގުތު އެ ކޯޓުގައި ގައިމްކުރެވިފައި ނެތް ކަމަށެވެ.

އިސް ގާޒީ ވިދާޅުވީ ލައިވްކުރެވޭނެ ވަސީލަތްތައް ލިބުނުހާ އަވަހަކަށް އެ މައްސަލަ ލައިވްކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އިދާރީ ބައެއް ދަތިތަކުގެ ސަބަބުން ވެސް މި އަޑުއެހުންތައް ލައިވްކުރުމަށް ހުރަސްއެޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އާރަށު މައްސަލައާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ލައިވް ކުރުމަށް ރައީސް ޔާމީން ވަނީ އެދި ވަޑައިގެންފައެވެ. ނަމަވެސް ރައީސް ޔާމީންއާއެކު އެ މައްސަލައިގައި ދައުވާ ލިބޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް އެކަމަށް އިންކާރު ކުރައްވައެވެ.

ރައީސް ޔާމީންގެ މައްޗަށް އެންމެ ފުރަތަމަ އުފުލި ދައުވާގެ ޝަރީއަތުގެ އަޑުއެހުން ޓީވީ ޗެނަލްތަކުން ލައިވްކޮށްފައިވެއެވެ. އެ މައްސަލަ ލައިވްކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އެދުމުގެ މަތިން ޕަބްލިކް ސާވިސް މީޑިއާގެ އެހީތެރިކަމާއެކުއެވެ. އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ޓީވީން ލައިވްކުރި ޝަރީއަތުގެ އަޑުއެހުމެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ކޮވިޑް ހާލަތު ރާއްޖޭގައި ރަނގަޅުވުމުން ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު އެގޮތަށް އެދިވަޑައިގަތީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ އަޑުއެހުންތައް ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ބާއްވަން އެ މައްސަލަ ބައްލަވާ ގާޒީ ނިންމަވާފައިވާތީއެވެ.

މި ކަމަށް ރައްދުދެއްވަމުން ދައުލަތު ވަކީލާ މަރިޔަމް ޝާމާ ނަސީރު ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރެއްވުމަށް ރައީސް ޔާމީނަށް މިހާރުވެސް އެކަށީގެންވާ ވަގުތު ދީފައިވާކަމަށެވެ.

ދައުލަތުގެ ވަކީލުގެ ވާހަކައަށް ބާރުދެއްވައި އިސް ގާޒީ ޝަކީލް ވިދާޅުވީ މިއަދުގެ އަޑުއެހުން ވެސް ވަނީ ދެ ހަފްތާ ކުރިން ތާވަލް ކުރެވިފައި ކަމަށެވެ. އަދި ބަލިކޮށް އުޅޭ ވަކީލުންނަށް އޮންލައިންކޮށް ބައިވެރިވެވޭނެ ފުރުސަތު ދިނުމުން ވެސް އެބޭފުޅުންގެ އިންޓަނެޓު ރަނގަޅު ނޫންކަމަށް ބުނެ އެ ފުރުސަތު ދޫކޮށްލި ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.

ކޮވިޑް ޕޮޒިޓިވް ވުމުގެ ސަބަބުން ދައުވާ ލިބޭ ޔޫސުފް ނައީމް މިއަދުގެ އަޑުއެހުމަށް ހާޒިރުވެވަޑައިނުގަންނަވައެވެ.

ރައީސް ޔާމީންގެ މައްޗަށް އެ ދައުވާތައް އުފުލާފައިވަނީ, ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ.

މިހާތަނަށް ރައީސް ޔާމީންގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވެއެވެ. އެންމެ ފުރަތަމަ އެމަނިކުފާނުގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ކުރި ހުކުމް، މިދިޔަ އޮކްޓޯބަރު 30 ވަނަ ދުވަހު ސުޕްރީމު ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

comment ކޮމެންޓް