ޔޫތު ޗެމްޕިއަންޝިޕް: ބޮޑު ތަފާތަކުން ދަ ގްރާންޑޭ ބަލިކޮށް އީގަލްސްއިން ހިންދެމިލައިފި

ޔޫތު ޗެމްޕިއަންޝިޕް 21/2022 - އީގަލްސްއާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން އީގަލްސްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ބޮޑުތަފާތަކުން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ބަލިކޮށް އީގަލްސްއިން ޔޫތު ޗެމްޕިއަންޝިޕްގައި ހިންދެމިލައިފިއެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު އީގަލްސް ކާމިޔާބު ކުރީ 6-0 އިންނެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - އީގަލްސްއާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިއީ މުބާރާތުގައި އީގަލްސްއިން ކުޅުނު ދެވަނަ މެޗެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެ ޓީމުން ވާދަކުރީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ. އެ މެޗު އީގަލްސްއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ދާދި އެއްވަރުގެ ކުޅުމުއް ފެނުނުއިރު، އީގަަލްސްއިން ދިޔައީ މަޑުމަޑުން ކުޅުމުގެ ތެރަށް ވަންނަމުންނެވެ.

މެޗުގެ ހަވަނަ މިނެޓުގއި އީގަލްސްއަށް ރަނގަޅު ހިސާބަކުން ހިލޭ ޖެހުމެއް ލިބުނެވެ. ނަމަވެސް އީގަލްސްގެ ކެޕްޓަން ހުމެއިދު ހަސަން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. އޭގެ ދެ މިނެޓު ފަހުން އަނެއްކާ ވެސް އީގަލްސްއަށް ދާދި އެއްް ހިސާބަކުން ހިލޭ ޖެހުމެއް ލިބުނެވެ. އެ ފަހަރު ވެސް ހުމެއިދު ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.

ދަ ގްރާންޑޭއިން ވެސް ރަނގަޅު އެޓޭކެއް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އީގަލްސްގެ ޑިފެންސް ލައިނުން އެ އެޓޭކުތައް ދިޔައީ ހުއްޓުވަމުންނެވެ. ދަ ގްރާންޑޭއަށް 14ވަނަ މިނެޓުގައި ހިލޭ ޖެހުމެއް ލިބުނެވެ. ،އެ ޓީމުގެ މުހައްމަދު ލަޔާން އަހުމަދު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މާ މަތިންނެވެ.

ގްރާންޑޭގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން އީގަލްސްގެ މުހައްމަދު ރިޝާން އަށް 17ވަނަ މިނެޓުގައި ރީނދޫ ކާޑެއް ދެއްކިއެވެ.

ފުލުފުލުގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުން ގޮސް އީގަލްސްއިން އެ ޓީމުގެ ފުރަތަމަ ލަނޑުޖެހީ މެޗުގެ 36 ވަނަ މިނެޓުގައެވެ. އީގަލްސްގެ ކުޅުންތެރިޔަކު ނަގައިދިން ބޯޅައެއް އޯވާ ހެޑަކުން ފޮނުވައިލައި މި ލަނޑު ކާމިޔާބުކޮށްދިނީ މިޖުދާފް އަބްދުލް މަޖީދެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - އީގަލްސްއާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފުރަތަމަ ލަނޑަށްފަހު ވެސް އީގަލްސްއިން ދިޔައީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދަމުންނެވެ. 37 ވަނަ މިނެޓުގައި ގްރާންޑޭގެ ގޯލު އޭރިޔާ ބޭރުހުރެ އަބްދު ﷲ އިޔާދު މުހައްމަދު ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން އޭނާ ވަނީ ލަނޑެއްޖަހާފައެވެ. އޭގެ ހަ މިނެޓު ފަހުން މުހައްމަދު ރިޝާން ވަނީ އީގަލްސްއަށް ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދީފައެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ 3-0 އިން އީގަލްސް ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު އީގަލްސްއިން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާފައެވެ. 47 ވަނަ މިނެޓުގައި އިބްރާހިމް ޝަރީފް މުހައްމަދު ފޮނުވާލި ބޯޅަ ދިޔައީ ގްރާންޑޭގެ ކީޕަރު ނައްފާޒު ސައުދުގެ އަތު ޖެހިފައި ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ 50ވަނަ މިނެޓުގައި އީގަލްސްއަށް ލިބުނު ކޯނަރެއްގައި މިޖުދާފް ނަގައިދިން ބޯޅަ ގްރާންޑޭގެ އޭރިޔާ ތެރޭގައި ހުރެ އިޔާދު ފައިން ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޮލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ގްރާންޑޭއިން މި ހާފުގައި އީގަލްސްގެ ގޯލަށް ހަމަލާތަކެއް އުފެއްދުމަށް ކުރި މަސައްކަތުގެ ތެރެއިން 64ވަނަ މިނެޓުގައި އިބްރާހިމް ނަޒީހު އީގަލްސްގެ ގޯލަށް ފޮނުވާލި ބޯލަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ 70 ވަނަ މިނެޓުގައި އަބާން މުހައްމަދު އަލީ ނަގައިދިން ކޯނަރެއް ބޮލުން ގޯލަށް ވައްދާލައިގެން އިބްރާހިމް ޝަރީފް އީގަލްސްގެ ފަސް ވަނަ ލަނޑު ޖަހައިދިނެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - އީގަލްސްއާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އޭގެ ދެ މިނެޓު ފަހުން އަނެއްކާވެސް އަބާން ނަގައިދިން ކޯނަރެއް ގޯލަށް ފޮނުވާލައިގެން ހުމެއިދު އީގަލްސްގެ ހަވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނެވެ.

އީގަލްސްއިން މެޗުގައި އިތުރު ލަނޑެއް ޖަހާނެ ފުރުސަތު ތަކެއް ވެސް ތަނަވަސް ކުރިއެވެ. ނަމަވެސް އިތުރު ލަނޑެއް އެ ޓީމަށް ޖެހޭ ގޮތެއް ނުވިއެވެ.

މި ނަތީޖާއެކު މެޗު ނިމުނުއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އީގަލްސްގެ ޖާޒީ ނަންބަރު 21، އިބްރާހިމް ޝަރީފް މުހައްމަދެވެ.

މުބާރާތުގެ ކުޅުން މިރޭ އޮންނަ އިރު، މިރޭގެ މެޗުގައި ބައްދަލުކުރާނީ ސުޕާ ޔުނައިޓެޑް ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ.

comment ކޮމެންޓް