ރޯދަމަހާ ދިމާކޮށް މިފްކޯއިން ދަޅުމަހުގެ އައު ރަހަތަކެއް

މިފްކޯގެ ފަސްމީރު ބްރޭންޑުގެ މަސްދަޅު --- ސަން ފައިލް ފޮޓޯ

އަންނަ ރޯދަމަހާ ދިމާކޮށް މިފްކޯއިން ދަޅުމަހުގެ އައު ބާވަތްތަކެއް ބަޒާރަށް ނެރުމަށް ތައްޔާރު ވެއްޖެއެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ "ސަން"އަށް ވިދާޅުވީ އަލަށް ނެރުމަށް ނިންމާފައިވާ އުފެއްދުންތަކަކީ އެ ކުންފުނީގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓުގައި ތަރައްގީ ކުރުމަށް ފަހު، ރެކަމެންޑުކުރި ބާވަތް ތަކެއް ކަމަށެވެ.

"ދަޅުމަހުގެ ދެ ވައްތަރެއް މި ނެރެނީ. މީގެ ތެރެއިން އެކައްޗަކީ މިހާރު ވެސް ނެރެމުން އަންނަ ފްލޭވާ އަކަށް ރަހައެއް އިތުރުކޮށްލުން. ދެން މި ނެރެނީ މުޅިން އާ އުފެއްދުމެއް," ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މި އުފެއްދުން ތަކަކީ ވެސް ދިވެހީންނަށް ކަމުދާނެ ގޮތަށް ތައްޔާރު ކުރެވިފައިވާ އެއްޗެއް ކަމަށެވެ.

"ވަކިން ހާއްސަކޮށް މީގެ ތެރެއިން އެކައްޗަކީ އޮލިވް އޮއިލްގައި ބަންދު ކުރެވޭ ބާވަތެއް. އެހެންވީމަ، ސިއްހަތަށް ބަލައިގެން އުޅުއްވާ ބޭފުޅުންނަށް ވަރަށް ކަމުދާނެ އުފެއްދުމެއް އެއީ،" އޭނާ ވިދާޅުވިއެވެ.

މި އުފެއްދުންތައް ލޯންޗު ކުރަނީ ރޯދަމަހުގެ ހާއްސަ ޕްރޮމޯޝަނުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިފްކޯއިން އެ ކުންފުނީގެ ފަސްމީރު ބްރޭންޑުގެ ދަށުން މިހާރު ވެސް 10 ވައްތަރެއްގެ މަސްދަޅު ރާއްޖޭގެ ބާޒާރަށް ވިއްކައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް