ބިން ފުރިފައިވާ މަގޫދޫގެ ބިމުގެ ދަތިކަން ހައްލުކުރަން އެމްޓީސީސީއަށް

މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން އެމްޓީސީސީއާ ހަވާލު ކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ

ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ފ. މަގޫދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓަރީގެ ޕާމަނަންޓު ސެކްރެޓަރީ ޒިނިޔާ އަހްމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

ޖުމްލަ 22.1 ހެކްޓަރުގެ ބޮޑު މިނުގެ މަގޫދޫ ބިން ހިއްކުމަށް ހަމަޖެހިފައި ވަނީ އެއާޕޯޓެއް ވެސް އެޅުމަށް ބޭނުނާވާނެ ބިމަކާ އެކުގައެވެ.

މަގޫދޫ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކާނީ 47.8 ހެކްޓަރުގެ ބިމެެއްކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މި ބިމުގެ ތެރެއިން ރައްޔިތުންނަށް ހާއްސަކޮށްފައިވަނީ 17 ހެކްޓަރުގެ ބިންކަމަށާއި، ހިއްކާ ބިމުގެ ބާކީ ދެން ހާއްސަކުރެވިފައިވަނީ އެއާޕޯޓު އެޅުމަށްކަމަށެވެ.

ވަހީދު ވިދާޅުވީ އެ ރަށަކީ ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެެއްކަމަށެވެ. ރަށުގެ ތަރައްގީގެ ކަންކަމަށް ބޭނުންކުރާނެ ބިންވެސް މިވަގުތު ރަށުގައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރަށުގެ ބިމުގެ ދަތިކަން ވަރަށް ބޮޑު. އެންމެ ފަހުން ގޯތި ދިނުމަށް ހުޅުވާލުމުންވެސް ކުރިމަތިލި 200 އަށް ވުރެ ގިނަ މީހުން. ނަމަވެސް އަޅުގަނޑުމެންނަށް ދެވުނީ 54 ގޯތި. އެއީ މީގެ 14 އަހަރު ކުރި،" އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ރަށުގައި އެއާޕޯޓު އަޅަން ނިންމުމުން އެ ރަށުގެ ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށެވެ. މި އެއާޕޯޓުގެ ސަބަބުން އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމަށް ބޮޑު ފަސޭހައެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަތޮޅުގައި އެއާޕޯޓެއް ނެތް. އެންމެ ކައިރީގައި ވެސް އޮތީ ކުޑަހުވަދޫ އެއާޕޯޓާއި، މާމިގިލީ އެއާޕޯޓް. ކަނޑު ގަދަ ދުވަހެއް ވެޖެއްޔާ އަޅުގަނޑުމެންނަށް އެހާ ދުރު ދަތުރެއް ކުރަން ފަސޭހައެއް ނޫން،" އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

ސަރުކާރުގެ ބަޖެޓުން 206.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ބިން ހިމާޔަތް ކުރަން 3،339 މީޓަރުގެ ރިވެޓްމަންޓެެއް ޖެހުމުގެ އިތުރުން 30 މީޓަރުގެ ތިން ގްރޮއިން ޖަހާނެއެވެ.

comment ކޮމެންޓް