ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާތީ، އެ ސަރަހައްދުން ދަތުރު ކުރާ މީހުން ސަމާލުވާން ޓްރާންސްޕޯޓް މިނިސްޓްރީން އެދެފިއެވެ.
މާލެ-ތިލަފުށި ލިންކް މަޝްރޫއުގެ ދަށުން، މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނު ފަރާތުގެ މޫދާއި ހަމައަށް އަދި ތިލަފުށީގެ އިރު ދެކުނު ކޮޅާއި ދެމެދުގެ ސަރަހައްދެއްގައި ޕްލެޓްފޯމްތަކެއް ބަހައްޓައިގެން މަސައްކަތްތަކެއް ކުރަން ފެށީ އިއްޔެއެވެ.
އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އެ ޕްލެޓްފޯމުތަކަށް ކައިރި ނުކުރުމަށާއި އެ ޕްލެޓްފޯމްތަކަށް ސަމާލުކަންދިނުމަށް އިލްތިމާސް ކުރާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
"މި ޕްލެޓްފޯމްތަކަށް އުނދަގޫ ނުވާނެގޮތަކަށް ރައްކާތެރިކަމާއެކު ދަތުރުތައްކުރުމަށް އުޅަނދުފަހަރުގެ ކެޕްޓަނުންނަށާއި އުޅަނދު ފަހަރުގެ ވެރިންނަށް އަދި އުޅަނދުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކަށް އިލްތިމާސް ކުރަން،" މިނިސްޓްރީން ބުންޏެވެ.
ތިލަމާލެ ބްރިޖްގެ މަސައްކަތް އިންޑިއާގެ އޮފްކޮން ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 26 ވަނަ ދުވަހުއެވެ.
ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އިންޑިއާއިންދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީއާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ބޭނުންކޮށްގެންނެވެ.
ތިލަމާލެ ބްރިޖު އެޅުމާ ގުޅޭ ބައެއް މަސައްކަތްތައް ކުރުމަށް މާލޭގެ އިންޑަސްޓްރިއަލް ޒޯންގެ ބޮޑު ބައެއް ހައުސިން މިނިސްޓްރީން ވަނީ އޮފްކޮން ކުންފުންޏަށް ދީފައެވެ.