އެމްޕީއެލްއިން ބަނދަރުތަކުގެ އާމްދަނީ ސިޓީ ކައުންސިލާ ހިއްސާކުރަނީ

މާލޭގެ ދެކުނު ފަރާތު ޓީޖެޓީ އަދި ސުނާމީ ބިނާ ސަހައްދު މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޕީއެލްއިން ހިންގާ މާލޭ ނޯތު ހާބަރާއި ޓީޖެޓީން ލިބޭ އާމްދަނީ ސިޓީ ކައުންސިލާއި ހިއްސާ ކުރެވޭނެ ގޮތެއް ހޯދުމަށް ރައީސް އޮފީހުން އެ ކުންފުންޏަށް އަންގައިފިއެވެ.

މިމަހުގެ 17ވަނަ ދުވަހު ރައީސް އޮފީހުން އެމްޕީއެލްއަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ކުންފުނިން ހިންގާ ދެ ބަނދަރުގެ އާމްދަނީ ސިޓީ ކައުންސިލާ ހިއްސާ ކުރެވޭނެ ރެވެނިއު ޝެއަރިން މޮޑެލްއެއް ހޯދުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެެއާ ކުރައްވާ އިކޮނޮމިކް ކައުންސިލުގެ ލަފަޔަކަށް ހުށަހެޅުމަށެވެ.

އަދި އެމްޕީއެލްއިން ހުށަހަޅާ ހުށަހެޅުން ވާންވާނީ މާލޭ ސިޓީ ކައުންސިލާ ވެސް މަޝްވަރާކުރުމަށް ފަހު ހުށަހެޅޭ ކަންކަމަށް ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލް ދާނިޝް ނިޒާމް "ސަން"އަށް ވިދާޅުވީ ވަރަށް އަވަހަށް މިކަމުގައި ސިޓީ ކައުންސިލާއެކު މަޝްވަރާކުރެވޭނެ ކަމަށެވެ. އަދި، މީގެ ކުރިން ވެސް އެމްޕީއެލްގެ ވިސްނުމަކީ ކަނޑައެޅިފައި އޮންނަ އުސޫލުތަކުގެ ތެރެއިން މިކަމުގައި ވެސް ކަންކުރުން ކަމަށް ދާނިޝް ވިދާޅުވިއެވެ.

މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ވަނީ ޓީޖެޓީ ހުސްކޮށް، ކައުންސިލާއި ހަވާލުކުރުމަށް އެމްޕީއެލްއަށް މުހުލަތެއް ދީފައެވެ. އަދި މިދިޔަ ޑިސެމްބަރުމަހު، އެ މުއްދަތު ހަމަވުމުން ކައުންސިލްގެ ފަރާތުން އެތަނާ ހަވާލުވާން ވެސް ވަނީ ގޮއްސައެވެ.

ނަމަވެސް އެމްޕީއެލްއިން ވަނީ އެތަން ހަވާލުކުރުމަށް ދެކޮޅު ހަދާފައެވެ. އޭރު އެ ކުންފުނިން ބުނެފައިވަނީ އެކުންފުންޏަށް އެތަން 2015ވަނަ އަހަރު މުއްދަތެއް ނެތް ގޮތަށް ހަވާލުކުރީ ހައުސިން މިނިސްޓްރީން ކަމަށާއި، މިހާރު ވެސް އެތަން ނެގުމުގެ ބާރު އޮންނާނީ އެ މިނިސްޓްރީއަށް ކަމަށެވެ.

މިނިސްޓްރީން ނުވަތަ ތަންފީޒީ އިދާރާއަކުން ވަކި ގޮތަކަށް އަމަލުކުރަން އަންގައިފި ނަމަ އެގޮތަކަށް ކަންކުރާނެ ކަމަށް ވެސް އެމްޕީއެލްއިން އޭރު ބުނެފައި ވެއެވެ.

comment ކޮމެންޓް