ޗައިނާއިން އިތުރު 50 މިލިޔަން ޑޯޒުގެ ކޮވިޑް ވެކްސިން ހިލޭ ފޯރުކޮށްދެނީ

ޗައިނާގެ ރައީސް ޝީ ޖިންޕިން--

ބެއިޖިން (27 ޖަނަވަރީ 2022) : އޭޝިއާގެ ގައުމުތަކަށް ކޮވިޑް ވެކްސިންގެ އިތުރު 50 މިލިޔަން ޑޯޒު ހިލޭ ފޯރުކޮށް ދިނުމަށް ޗައިނާ ނިންމައިފިއެވެ.

ޗައިނާގެ މަސްއޫލުވެރިންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޝީ ޖިންޕިންވަނީ މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ކޮވިޑް ވެކްސިންގެ 50 މިލިޔަން ޑޯޒު ފޯރުކޮށްދިނުމަށް ނިންމަވާފައެވެ. ޗައިނާ ސަރުކާރު ބުނެފައިވާ ގޮތުން މި 50 މިލިޔަން ޑޯޒުގެ އިތުރުން މިދިޔައަހަރު ޗައިނާއިންވަނީ ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުތަކަށް އެކި މިންވަރަށް ކޮވިޑް ވެކްސިންގެ ޑޯޒުތައް ހިލޭ ފޯރުކޮށްދީފައެވެ.

މީގެތެރޭގައި ގިނައީ އަމިއްލައަށް ވެކްސިން ގަތުމުގެ މާލީ ގާބިލްކަން ކުޑަ ގައުމުތަކާ އެފްރިކާއާއި ލެޓިން އެމެރިކާގެ ފަގީރު ގައުމުތަކެވެ. މީގެތެރޭގައި މާލީއާއި ޗާޑްފަދަ ސަބްސަހަރަން އެފްރިކާގެ ގައުމުތަކާއި އެފްރިކާގެ ދެކުނު ބައެއް ގައުމުތައްކަމަށްވާ މަލާވީ، ނެމީބިއާ، މޮޒަންބީކް އަދި އިރުމަތީ އެފްރިކާގެ ގައުމުތައް ކަމަށްވާ ޖިބޫތީ، ސޮމާލިއާ މަޑަކަސްކަރަ އަދި ޓެންޒެނިއާއާއި ޒިންބާބުވޭ ފަދަ ގައުމުތައް ހިމެނެއެވެ.

މީގެއިތުރުން މެދުތެރޭ އެފްރިކާގެ ގައުމުތަކަށާއި ހުޅަނގު އެފްރިކާގެ ގައުމުތައްވެސް ހިމެނޭގޮތަށް އެއްބިލިޔަނަށް ވުރެ ގިނަ ޑޯޒު އެކިފަހަރުމަތިން ޗައިނާއިން ފޯރުކޮށްދީފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އެފްރިކާގެ ގައުމުތަކުގެ އިތުރުން އޭޝިއާގެ ބައެއް ގައުމުތައް ކަަމަށްވާ ސޫރިއާ، އިރާގު، އީރާން، ޕާކިސްތާން އަދި އަފްޣާނިސްތާނަށްވެސް ޗައިނާއިން ސިނަފާމް ވެކްސިން ފޯރުކޮށްދީފައިވެއެވެ.

ޗައިނާ ފޯރުކޮށްދެނީ އެގައުމުން އުފައްދާފައިވާ ސިނަފާމް ވެކްސިން އެވެ. ކޮވިޑް ވެކްސިންގެ އިތުރު 50 މިލިޔަން ޑޯޒު ހިލޭ ދިނުމަށް ޗައިނާ ނިންމި ގައުމުތަކުގެ ތެރޭގައި ކިރްގިސްތާން، ތަޖިކިސްތާން، ކަޒަކިސްތާން، ތުރުކްމެނިސްތާން އަދި އުޒްބެކިސްތާން ހިމެނެއެވެ. މިގައުމުތަކަށް ރަޝިއާއިންވެސްވަނީ އެތައް މިލިޔަން ޑޯޒެއްގެ ވެކްސިން ފޯރުކޮށްދީފައެވެ.

ދުނިޔޭގެ ގައުމުތަކަށް ހިލޭ ކޮވިޑް ވެކްސިން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ޗައިނާގެ އިތުރުން އިންޑިއާ، އެމެރިކާ، ރަޝިއާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ކިޔުބާ، ޖަރުމަނު އަދި ދުނިޔޭގެ ސިއްހަތާބެހޭ ޖަމްިއިއްޔާ ހިމެނެއެވެ.

comment ކޮމެންޓް