ކޮވިޑް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެ

ހުޅުމާލޭ މެޑިކަލް ފެސިލިޓީ --- ފޮޓޯ: ޕީއެސްއެމް

ކޮވިޑް ޖެހިގެން ހާލު ދެރަވެ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އުމުރުން 73 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެންދިޔާ ހަތް ދުވަސް ފަހުންނެވެ.

މިއީ މި މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި އަށް ވަނަ މީހާއެވެ. އޭނާ މަރުވީ ރޭ މެންދަމުގެ ވަގުތެއްގައެވެ.

އެޗްޕީއޭއިން ރޭ ބުނީ ކޮވިޑް ބަލީގައި 50އަށް ގިނަ މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މި މަރާއެކު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 273އަށް އަރާފައެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ އދ. ދަނގެތީ ސިއްހީ މަރުކަޒުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 50 އަހަރުގެ މީހަކު ވެސް ވަނީ މަރުވެފައެވެ.

އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ފެނުނު ފަހުން ހަލުވިކަމާއެކު މި ބަލި އަންނަނީ ރާއްޖޭގައި ފެތުރެމުންނެވެ. އެހެންކަމުން ހޮސްޕިޓަލްތަކުގައި މި ބައްޔަށް ފަރުވާދޭން އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

ރާއްޖެއިން ކޮވިޑް ގައި އެންމެ ގިނަ މީހުން ދުނިޔެ ދޫކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ. އެ މަހު ރާއްޖެއިން 89 މީހަކު މި ބަލީގައި މަރުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް