ކޮންމެހެންވެސް ދައްކަންޖެހޭ ވާހަކައެއް!

މާލޭގެ މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމާދުގެ ޖަމާތަށް ގޮވުމުން ސަފަށް އެރީމެވެ. އަހަރެންގެ ދެފަރާތުންވެސް މީހުން އެތުރި ސަފު ފުރައިލިއެވެ. ލަސްތަކެއްނުވެ ނަމާދުކުރަން ފަށައިފިއެވެ. އެހެންނަމަވެސް ނަމާދަށް ދޭންޖެހޭ ސަމާލުކަމަށް ވުރެ ބޮޑަށް އެހެން ކަމަކަށް ސަމާލުކަން ދެވޭހެން ހީވާން ފެށިއެވެ. އެއީ އަނެއްކާ ކޮންކަމެއްބާއެވެ؟ ވަރަށް ބޮޑު ކަމެކެވެ. ކައިރީގައި ހުރި މީހާގެ ގައިން ދުވާ ނުބައި ވަހެވެ. ނަމާދުކުރަން ފެށުމުން މީހާއަށް އަންނަ ހަމަހިމޭންކަން ގެއްލުވައިލީ މި ނުބައި ވަހެވެ. އެ ވަހުން އުނދަގޫވާނީ ހަމައެކަނި އަހަންނަކަށްނޫނެވެ. ކައިރީގައި ތިބި އެހެންމީހުނަށްވެސް އޭގެ އަސަރު ކުރާނެއެވެ. ސާފުތާހިރުކަމުގެ ކަންފުޅެއްވެސް ހުރިނަމަ އޭނާގެ ފަރާތުން އެހާވަރަށް އުނދަގުލެއްނުވީސްކަންނޭނގެއެވެ.

ސާފުތާހިރުވުމުގެ ތެރޭގައި މައުނަވީ ސާފުތާހިރުކަމާއި ހިއްސީ ސާފުތާހިރުކަން ހިމެނެއެވެ. މައުނަވީ ސާފުތާހިރުކަމަކީ ނަފުސުގައިވާ ހުރިހާ ނުބައި ކަންތައްތަކުން ސަލާމަތްވުމެވެ. މިއީ އަގީދާއާއި އަޚުލާގާއި މުއާމަލާތުގެ ކަންތައްތައް އިސްލާމީ ޝަރީއަތުގައިވާގޮތަށް ބެހެއްޓުމުގެ ބައެވެ. ހިއްސީ ސާފުތާހިރުކަމަކީ ހަށިގަނޑުގެ ބޭރުފުށުގެ ސާފުތާހިރުކަން ބެލެހެއްޓުމެވެ. މި މަޒުމޫނުގައި ވާހަކަ ދައްކާނީ ފަހުން މިބުނި ބަޔާ ބެހޭގޮތުންނެވެ.

ނަމާދު ސައްހަވުމުގެ ޝަރުތުތަކުގެތެރޭގައި ދެހަދަސުން ތާހިރުވުން ހިމެނެއެވެ. އެއީ ކުޑަ ހަދަސާއި ބޮޑު ހަދަސެވެ. ކުޑަ ހަދަސަކީ ވުޟޫ ކުރުމެވެ. އަދި ބޮޑު ހަދަސަކީ ހިނައިގަތުމެވެ. މިދެކަންތައްވެސް ކުރަންޖެހެނީ ސާފުތާހިރުވުމަށްޓަކައެވެ. ހަދަސްވެރިޔާ ތާހިރުވުމާނުލައި ކުރާ ނަމާދު ސައްހައެއްނުވާނެއެވެ.(މުސްލިމު: 204) ނަމާދު ސައްހަވުމަށްޓަކައި ނަމާދުކުރާ ތަނާއި ލާ ފޭރާންވެސް ތާހިރުވާންޖެހެއެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!"(އަޢުރާފު: 31) ޤުބާ މިސްކިތުގެ އަހުލުވެރިންނަށް ﷲ މަދަހައިގެ ބަސްފުޅު ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا ۚ وَاللَّهُ يُحِبُّ الْمُطَّهِّرِينَ (ތައުބާ: 108) މާނަ: "... ޠާހިރުވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައި ވެއެވެ. ތާހިރުވެގަންނަ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ."

ނަމާދު ސައްހަވުމަށްޓަކައި ސާފުތާހިރުކަން ޝަރުތު ކުރައްވާފައިވުމުން، ސާފުތާހިރުވުމަށް އިސްލާމްދީނުގައި ދެއްވަވާފައިވާ މުހިންމުކަން އެނގެއެވެ. ހަމަމިއާއެކު ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައިކަމަށް އަންގަވާފައިވާތީ، އެކަމުގެ ހުރި މުހިންމުކަން އިތުރަށް ހާމަވެގެންދެއެވެ.(މުސްލިމު: 203) ސާފުތާހިރުވުމުގެތެރޭގައި ތިމާގެ ހަށިގަނޑާއި ފޭރާމާއި ދިރިއުޅޭ ތަނާއި ތިމާގެ ވަށައިގެންވާ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުން ހިމެނެއެވެ. މީގެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

ފެންވަރައި، ސާފު ތާހިރު ފޭރާން ލުން: ހަށިގަނޑު ސާފުތާހިރުކޮށް ޒީނަތްތެރިކުރުމަށްޓަކައި ރަނގަޅަށް ފެންވެރުމާއެކު ސާފުތާހިރު ފޭރާން ލާންޖެހެއެވެ. ފޯރުންތެރިކަން ހުރިވަރަކުން، ވީހާވެސް ރީތި ފޭރާންލުން އެދެވިގެންވެއެވެ. ހަށިގަނޑާއި ފޭރާމުން މީރުވަސް ދުއްވުމަށްޓަކައި ކޮންމެވެސް އެއްޗެއް ބޭނުންކުރަންޖެހޭނެއެވެ. ކޮންމެހެން މާ އަގުބޮޑު އެއްޗަކަށްވާކަށް ނުޖެހެއެވެ. އަތަރުކޮޅެއް ނުވަތަ ބޮޑީ ސުޕުރޭކޮޅަކުންވެސް މިކަން ފުއްދައިލެވިދާނެއެވެ. ލިބޭކަމަށްވާނަމަ އަގު ބޮޑެތި ސެންޓުފަދަ ތަކެތި ބޭނުންކުރެވިދާނެއެވެ.

ފެންނުވަރައި ގިނައިރުވުމުން ހަށިގަނޑުން ނުބައި ވަސް ދުވުމަކީ ތަބީއީ ކަމެކެވެ. އަދި ބައެއްމީހުންނަކީ އުފެދުމުގައިވެސް ހަށިގަނޑުން ނުބައިވަސް ދުވުމުގެ ކަންތައް ތަންކޮޅެއް ބޮޑަށް ހުންނަ މީހުންނެވެ. ކަންމިހެން އޮތް ނަމަވެސް ރަނގަޅު ވިސްނުމާއި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފަސޭހަކަމާއެކު މިކަން ހައްލުކުރެވޭނެއެވެ. ދާހިއްލާ ކަހަލަ މަސައްކަތް ކުރާ މީހުންނާއި ތަބީއީގޮތުން ގައިން ނުބައިވަސް ދުވާ މީހުންވެސް އެމީހުންގެ ހާލަތާމެދު ވިސްނުން ބަހައްޓަންވާނެއެވެ. ތިމާގެ ގައިން ދުވާ ނުބައި ވަހަކުން އެހެންމީހަކަށް އުނދަގުލެއް ވެދާނެކަމާމެދު ސަމާލުވާންޖެހޭނެއެވެ. ގިނަމީހުންނާއެކު ދަތުރުކުރާ އިރުގައެވެ. ގިނަ މީހުން އެއްވެ އުޅޭ ތަނެއްގައި މަޑުކުރަންޖެހޭ ހިނދުގައެވެ. ކުލާހުގައި ކިޔަވަން އިންނަ އިރުގައެވެ. މިސްކިތަށް އަރާއިރުގައެވެ.

ފެންވަރައި ސާފުތާހިރުވުމާ ބެހޭގޮތުން ގިނަ ދަލީލުތައް ވާރިދުވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "(އެންމެ މަދުވެގެން) ކޮންމެ ހަތްދުވަހަކުން އެއްދުވަހު، ހަށިގަނޑާއި ބޯ ދޮވެގެން ފެންވެރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ހައްގެކެވެ."(متفق عليه) މީގެއިތުރުންވެސް ކޮންމެ ހުކުރު ދުވަހަކު ހިނައިގަތުމަކީ ގަދަވެގެންވާ ސުންނަތެއް ކަމުގައި އަންގަވާފައިވެއެވެ.(متفق عليه)

ދަތް އުނގުޅުން: ހަށިގަނޑުގެ ސާފުތާހިރުކަމުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ އަނގަޔާއި ދަތްތައް ސާފުކޮށް ބެހެއްޓުމެވެ. ގިނަގިނައިން ދަތް އުނގުޅުމާއެކު އަނގައިން ނުބައި ވަސް ނުދުވާނެހެން ބެހެއްޓުމަށް ސަމާލުކަން ދޭންވާނެއެވެ. އެކުގައި އުޅޭމީހުންގެ އަނގައިން ދުވާ ނުބައި ވަހުން އުނދަގޫކަން އިހުސާސްކުރަން ޖެހުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. އަދި މިއީ އެކަކު އަނެކަކުގެ ގާތުގައި ބުނަން ލަދުގަންނަ ކަމަކަށްވާތީ، ކޮންމެ މީހަކުވެސް އަމިއްލައަށް މިކަމަށް ސަމާލުކަން ދިނުން މުހިންމެވެ. އަނގައިގެ ސާފުތާހިރުކަމާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. "ތިމަންކަލޭގެފާނުގެ އުންމަތު މީހުންނަށް ނުވަތަ މީސްތަކުންނަށް އުނދަގޫ ކަމަކަށްނުވާނެނަމަ، ކޮންމެ ނަމާދަކަށް ދަތް އުނގުޅުމަށް އެބައިމީހުންނަށް ތިމަންކަލޭގެފާނު އަމުރު ކުރެއްވީމުހެވެ."(ބުޚާރީ: 887)

ބޮލުގެ އިސްތަށިގަނޑު: ބޮލުގެ އިސްތަށިގަނޑު ރީތިކޮށް ބެލެހެއްޓުމަކީވެސް ކުރަންޖެހޭނެ ކަމެކެވެ. އެމީހެއްގެ ބޮލުގައި އިސްތަށި ހުރި މީހަކުނަމަ އޭނާގެ އިސްތަށިގަނޑު ރަނގަޅަށް ބެލެހެއްޓުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވެއެވެ.(އަބޫ ދާއޫދު: 3632) ބޯ ބޭލުމާއި ކުރުކޮށް ކޮށުމާއި ދިގުކޮށްފައި ބެހެއްޓުންވެސް ހުއްދައެވެ. ކޮށާނަމަ އިސްތަށިގަނޑު ހުންނަންވާނީ ބޮލުގެ ހުރިހާ ދިމާލަކުންވެސް ދާދި އެއްވަރަކަށެވެ. ބައެއް ތަންތަން މާ ދިގުކޮށް އަދި އަނެއްބައި ދިމާލުން މާކުރުކޮށް ބެހެއްޓުން ރަނގަޅެއްނޫނެވެ. ބޮލުގެ އެއްބައި ބާލާފައި އަނެއްބައި ބެހެއްޓުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މަނާކުރައްވާފައެވެ. ވީމާ، މިޒަމާނުގައި ބައެއްމީހުން އިސްތަށިގަނޑު ސްޓައިލް ކުރުމަށްޓަކައި އެކި ދިމާލުން އެކި ވަރަށް ކޮށައި ބައެއް ދިމަދިމާލުން ބާލައިގެން އެކުރާ ކަންތައްތަކާ ދުރުހެލިވާންޖެހޭނެއެވެ. އިސްތަށިގަނޑު ދިގުކޮށްފައި ބަހައްޓާނަމަވެސް ސާފުތާހިރުކަމާއެކު އިސްތަށިގަނޑު ބެލެހެއްޓުން މުހިންމެވެ.

ނިޔަފަތި ކެނޑުން: އަތާއި ފައިގެ ނިޔަފަތިތައް ރީތިކޮށް ކަނޑައި ބަލަހައްޓަންޖެހޭނެއެވެ. ފިތުރަތުގެތެރޭގައި ހިމެނޭ ކަންތައްތައް ބަޔާންކޮށްދެއްވި ހަދީސްގައި، ނިޔަފަތި ކެނޑުން ހިމެނިފައިވެއެވެ.(متفق عليه) ނިޔަފަތި ކެނޑުމަކީ ހަމައެކަނި ފިރިހެނުން ކުރަންޖެހޭ ކަމެއްނޫނެވެ. އަންހެނުންވެސް އެމީހުންގެ ނިޔަފަތިތައް ކަނޑައި ރީތިކޮށް ބަލަހައްޓަންޖެހޭނެއެވެ. ބައެއް އަންހެނުން ޒީނަތެއްގެގޮތުގައި ނިޔަފަތި ދިގުކޮށްފައި ބެހެއްޓިނަމަވެސް އެއީ ފިތުރަތުގެ އުސޫލާ ހިލާފު ކަމެކެވެ. ތިބާއަށް ރީތިހެން ހީވިޔަސް، ދިގު ނިޔަފަތިން ތިމާއަށް ނުވަތަ އެހެންމީހަކަށް އަނިޔާއެއް ނުލިބެނީސް ނިޔަފަތިތައް ކުރުކޮށްލުން ކިހިނެއްވާނެހެއްޔެވެ؟

ދިރިއުޅޭ ތަނާއި ވަށައިގެންވާ ތަން ސާފުތާހިރުކޮށް ބެލެހެއްޓުމަކީވެސް ހާއްސަ ސަމާލުކަމެއް ދީގެން ކުރަންޖެހޭނެ ކަމެކެވެ. ގޭތެރޭގެ ސާމާނުތައް ހުންނަންވާނީ ރީތިކޮށް ތަރުތީބު ކުރެވިފައެވެ. މިކަމުގައި މައިންބަފައިން ނަމޫނާ ދައްކައި ދަރިންވެސް އެކަމަށް އަހުލުވެރިކުރުވަންޖެހޭނެއެވެ. ކުނި އުކާލަންޖެހޭނީ އެކަމަށްޓަކައި ހާއްސަކޮށްފައި ހުންނަ ތަނަށެވެ. ކުޑަދޮރުން ނުވަތަ ވައިގޮޅިން ކުނި ކޮތަޅު ހޫރާލުމަކުން ތިމާއަކީ ސާފުތާހިރު މީހެއްކަމަކަށް ނުވާނެއެވެ. ސިއްރު ސިއްރުން ކުނިތައް ނެރެ އިމާރާތުގެ ހުސްތަނެއްގައި ބަހައްޓާފައިދާނަމަ އެއިން ދައްކައިދެނީ ތިމާގެ ހުރި ނާތަހުޒީބު ކަމެވެ. އިސްލާމީ އަޚުލާގުގެ ކަންފުޅެއްވެސް ނެތް ކަމެވެ. ތިމާގެ ގޭގައި އުފެއްދި ކުނިތަކެއް ތަނެއްގައި ބަހައްޓައިގެން އެޔާ އެއްވެސް ގުޅުމެއްވެސްނެތް ބަޔަކު ލައްވައި ނަގުވަން ޖެއްސުމަކީ ކިހައި ދަށު ދަރަޖައިގެ ކަމެއްހެއްޔެވެ؟ ކުނިވާޒާތުގެ ތަކެއްޗާއި އެނޫން ތަކެތި އެޅުމަށް ވަކި ތަންތަން ހުރިނަމަ ކުނި އުކާލުމުގައި އެކަމަށް ބަލަންޖެހޭނެއެވެ. ކުނި އަޅާ ޑަސްބިން ނުފުރި ހުރިނަމަ ކުނިތައް އަޅަންޖެހޭނީ ޑަސްބިނުގެ އެތެރެއަށެވެ. އޭގެ މަތި ލައްޕާފައިވާނަމަ އަމިއްލައަށް އެ މަތިގަނޑު ހިއްލައިލެވޭހައި ހަކަތަ ހުންނަންވާނެއެވެ. ޑަސްބިން ފުރިފައިވާނަމަވެސް ކުނިތައް ބަހައްޓަންވާނީ އެ ނަގާ ބަޔަކަށް ތުރާލަކަށް ނުވާނެފަދަ ގޮތަށެވެ. މުސްލިމެއްނަމަ އޭނާފަދަ އަނެއް މުސްލިމު މީހާއަށް ގެއްލުންދީ އުނދަގޫކޮށް ނުހަދާނެކަމަށް ހަދީސްތަކުގައި އައިސްފައިވެއެވެ.

ހަށިގަނޑާއި ފޭރާމާއި ދިރިއުޅޭ ތަނާއި ތިމާގެ ވަށައިގެންވާ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުން މުހިންމުވާ އެންމެ ބޮޑު ސަބަބަކީ ﷲ ގެ ލޯބި ހޯދުމެވެ. إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ (ބަޤަރާ: 222) މާނަ: "ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ." ވީމާ، ސާފުތާހިރުކަމާމެދު އެކަށީގެންނުވާ ކަންތައްތަކެއް ކުރެވިފައިވާނަމަ އަވަހަށް ތައުބާވަމާ ހިނގާށެވެ! އެކަމުގެ މައްޗަށް ދެރަވެ، އެކަންކަން ހުއްޓާލައި ދެން އެފަދަ ކަމެއް ތަކުރާރު ނުކުރީމައި ތައުބާ ވެވުނީއެވެ. އޭރުން ﷲ ގެ ލޯބި ލިބޭނެކަން ޔަގީނެވެ. އެކަލާނގެ ލޯބިވެވޮޑިގަންނަވާ ގޮތަށް އުޅޭ މީހުންދެކެ މީސްތަކުންވެސް ލޯބިވާނެކަން ހަނދާންކުރާށެވެ!

ގުޅޭ ޓެގު
comment ކޮމެންޓް