ގަވާއިދުން ނެރެމުން ނުދާ 52 ނޫސްމަޖައްލާއެއް އުވާލަނީ

އުވާލަން އިއުލާނުކޮށްފައިވާ ލިސްޓުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް އިންޑިޕެންޑެންޓް

ގަވާއިދުން ޝާއިއު ކުރަމުންނުދާ 52 ނޫސްމަޖައްލާއެއް އުވާލުމަށް ހޯމް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ނޫސްތައް އުވާލަނީ ނޫސްމަޖައްލާފަދަ ތަކެތީގެ ގާނޫނުގެ ދަށުން ކަމަށެވެ.

އަދި އެ އިއުލާނާއެކު ވަނީ 2019ވަނަ އަހަރުގެ ނިޔަލަށް އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކުގެ ތެރެއިން ގަވާއިދުން ނުނެރޭ ނޫސްތަކުގެ ލިސްޓެއް އާންމުކޮށްފައެވެ. އަދި އެ ނޫސްތައް 28 ފެބްރުއަރީއާއި ހަމައަށް އެ ނޫސްތައް ނުނެރޭނަމަ އުވާލެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

2018 ވަނަ އަހަރު އެކުލަވާލި ނޫސްމަޖައްލާތަކާ ބެހޭ ގަވާއިގުގައި ވާގޮތުން އެއްވެސް މަގުބޫލު އުޒުރެއް ނެތި ރަޖިސްޓްރީ ކުރެވިފައިވާ ނޫސްމަޖައްލާއެއް ޖެހިޖެހިގެން ތިން ފަހަރު ނުނެރެވިއްޖެ ނަމަ އެ ނޫސްމަޖައްލާއެއް އުވާލެވޭނެއެވެ.

މި ލިސްޓުގައި ހިމެނޭ ނޫސްތަކުގެ ތެރޭގައި އިނގިރޭސިބަހުން ނެރުނު އޮންލައިން ނޫހެއް ކަމުގައިވާ މޯލްޑިވްސް އިންޑިޕެންޑެންޓު ވެސް ހިމެނެއެވެ. 2014ވަނަ އަހަރު ރަޖިސްޓްރީ ކުރި އެ ނޫހުގެ އެޑިޓަރެއްގެ ގޮތުގައި ލިސްޓުގައިވާ ޒަހީނާ ރަޝީދު މިހާރު މަސައްކަތް ކުރަނީ އަލްޖަޒީރާގައެވެ. އަދި، 2020ވަނަ އަހަރު އެ ނޫހުން ވަނީ ހިންގުން ހުއްޓާލިކަން އިއުލާނު ކޮށްފައެވެ.

މީގެ އިތުރުން މި ލިސްޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރައީސް އޮފީހުން ނެރެމުން ދިޔަ "ސަރުކާރުގެ ހަބަރު" ވެސް ހިމެނެއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތަކުގެ ތެރޭގައި ގަވާއިދުން ނުނެރޭ ގިނަ ނޫސްތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ. ނަމަވެސް، މި ނޫސްތަކަށް ވެސް މީޑިއާ ކައުންސިލުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވާކަން ފާހަގަ ކުރެވެއެވެ.

comment ކޮމެންޓް