އިންޑިއާ-ސެންޓްރަލް އޭޝިއާ ސަމިޓުގެ ފުރަތަމަ ބައްދަލުވުން މާދަމާ ބާއްވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ/ ޕީޓީއައި

އިންޑިއާ އާއި މެދުތެރޭ އޭޝިއާގެ ގައުމުތަކުގެ އިސް ވެރިން ބައްދަލުކުރައްވާ "އިންޑިއާ-ސެންޓްރަލް އޭޝިއާ ސަމިޓު"ގެ ފުރަތަމަ ބައްދަލުވުން މާދަމާ ބާއްވަން ތައްޔާރުވެއްޖެއެވެ.

އޮންލައިންކޮށް ބާއްވާ އެ ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ކަޒަކިސްތާން، ކިރްގިސްތާން، ތަޖިކިސްތާން، ތުރުކުމަނިސްތާން އަދި އުޒްބަކިސްތާނުގެ ރައީސުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ އެ ސަމިޓު ބޭއްވުމުން، އިންޑިއާއިން މެދުތެރޭ އޭޝިއާގެ ގައުމުތަކާ އިތުރަށް ގުޅުން ބަދަހި ކުރަމަށާއި ފުޅާ ދާއިރާއެއްގައި އެ ގުޅުން ދެމެހެއްޓުމަށް އިސްކަންދޭ މިންވަރު ހާމަވެގެންދާނެ ކަމަށެވެ.

އެ ސަމިޓުގައި މަޝްވަރާ ކުރާނެ ކަންތައްތަކުގެ ތެރޭގައި އިންޑިއާ އާއި މެދުތެރޭ އޭޝިއާގެ ގައުމުތަކުގެ ދެމެދުގައި އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައުޟޫއުތައް ހިމެނޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މި ސަރަހައްދުގެ ސަލާމަތީ ހާލަތަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހާއްސަ އިސްކަމެއް ދޭނެކަންވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

ދެހާސް ސާދަ ވަނަ އަހަރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި މޯދީ ވަނީ މެދުތެރޭ އޭޝިއާގެ ހުރިހާ ގައުމަކަށް 2015 ވަނަ އަހަރު ތެރޭގައި ޒިޔާރަތްކުރައްވައިފައެވެ.

އިންޑިއާއިން މިއަދު ދަނީ އެގައުމުގެ 73 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރަމުންނެވެ. އެ ދުވަސް އިންޑިއާއިން ފާހަގަކުރަނީ 1950 ވަނަ އަހަރު އެ ގައުމުގެ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށުމުގެ މުނާސަބަތުގަވެ.

ގުޅޭ ޓެގު
comment ކޮމެންޓް