އެމެރިކާގެ "ވީން ރެސޯޓްސް" އިން ޔޫއޭއީގައި ކެސިނޯ ކްލަބެއް ހުޅުވަނީ

އެމެރިކާގެ ވީންރެސޯޓްސްގެ ކެސިނޯ ކްލަބެއް

ރައުސުލްޚީމާ (26 ޖަނަވަރީ 2022) : އެމެރިކާގެ މަޝްހޫރު ކެސިނޯ (ޖުވާ) ޗެއިން އެއްކަމަށްވާ "ވީން ރެސޯޓްސް" އިން ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) ގައި ކެސިނޯ ކްލަބެއް ހުޅުވަން ނިންމާފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އެމެރިކާގައި ޖުވާކުޅުމާއި ހަށިވިއްކުންފަދަ އަމަލުތައް އެންމެ ފުޅާދާއިރާއެއްގައި ހިންގާ ސަރަހައްދު ކަމަށްވާ ލަސްވެގަސް ގައި ހެޑްކުއާޓަރު ހުންނަ "ވިން ރެސޯޓްސް" އާ ހަވާލާދީ "ބްލޫމްބާގް" ބުނާގޮތުން "ވީން ރެސޯޓްސް" ކެސިނޯ ކްލަބް ހުޅުވަނީ "ޔޫއޭއީ" ގެ ސަރަހައްދެއްކަމަށްވާ ރައުސުލްޚައިމާ ގައެވެ. ރައުސުލްޚައިމާ އަކީ ޔޫއޭއީ ގެ އިއްތިޙާދުގައި ހިމެނޭ ހަތް އިމާރާތުގެ ތެރެއިން އެއް އިމާރާތެވެ. މިހަތް އިމާރާތަކީ އަބުދަބީ، ދުބާއި، ޝާރިގާ، އުންމުލްގުވައިން، ފުޖައިރާ، އަޖަމާން އަދި ރައުސުލްޚީމާއެވެ.

ރައުސުލްޚީމާ ގާނޫނުތައް ބުނާގޮތުން އިސްލާމީ ޝަރީއަތާ ޚިލާފު ކަންތައްތައް އެއިމާރާތުގައި ކުރުމަކީ މަނާކަމެކެވެ. އެހެންކަމުން ކެސިނޯ ކްލަބް މިހުޅުވަނީ އަބޫދަބީ ގައި ގާއިމްކޮށްފައިވާ ޔޫއޭއީ ގެ މައި ސަރުކާރު (އިއްތިޙާދީ ސަރުކާރު) ގެ ޚާއްސަ ހުއްދައެއް ލިބިގެންކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ.

ޔޫއޭއީގެ އިއްތިޙާދުގައި ހިމެނޭ ކޮންމެ އިމާރާތަކީވެސް ދާޚިލީ ގޮތުން ހިންގުމުގެ ވަކި ބާރުތަކެއް ލިބިފައިވާ ލޯކަލް ސަރުކާރުތަކެއް އޮންނަ އިމާރާތްތަކެކެވެ. ނަމަވެސް ބައެއްކަންކަމުގައި އިއްތިޙާދީ ސަރުކާރުން ކުރަންބޭނުންނަމަ އެކަންކުރެވޭގޮތަށް އޮވެއެވެ. މިއީ އެގޮތަށް ކުރެވޭގޮތަށް އޮންނަ ކަމެއްކަން ސާފެއް ނުވެއެވެ.

ޔޫއޭއީގައި މިފަހަކަށް އައިސް ވަނީ ކުރިން އެގައުމުގައި މަނާކޮށްފައިވާ އެތަށްކަމެއް ކުރުމުގެ ހުއްދަ ދީފައެވެ. އޭގެތެރޭގައި ބުދަށް އަޅުކަންކުރާމީހުން އަޅުކަންކުރުމަށްޓަކައި ބުދުފައްޅިތައް ބިނާކުރުމާއި ޔަހޫދީ އަދި ނަސާރާ ފައްޅިތައް ބިނާކުރުން ހިމެނެއެވެ.

މީގެއިތުރުން އިސްލާމީ ޝަރީއަތާ ޚިލާފުވާތީ ޔޫއޭއީ ގައި ކުރިން މަނާކޮށްފައިވާ އެތައްކަމެއް ކުރުމުގެ ހުއްދަ ދޭގޮތަށް އެގައުމުގެ ޕާސަނަލް ގާނޫނަށް (ޤާނޫނުލް އަޙްވާލިއް ޝަޚްޞިއްޔާ އަށް) ދާދިފަހުންވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފައެވެ. މި ބަދަލުތަކުގެ ތެރޭގައި ކައިވެނި ނުކޮށް ދެޖިންސްގެ މީހުން އެކުގައި ދިރުއުޅުމުގެ ހުއްދަ ދިނުމާއި ރާ ވިއްކުން ހުއްދަ ކުރުމާއި އަމިއްލައަށް މަރުވާން އުޅުމަކީ ކުށެއް ނޫންކަމަށް ހެދުން ހިމެނެއެވެ.

އިސްލާމީ ޝަރީއަތާ ޚިލާފަށް ޔޫއޭއީގެ ޕާސަނަލް ގާނޫނަށް ގެނައި ބަދަލުތަކާއެކު އެގައުމުގައިވަނީ ބަނގުރާ ބުއިމަކީ ކުށެއް ނޫންކަމަށް ހަދާފައެވެ. ކުރީގައި އޮންނަ ގޮތުން ޔޫއޭއީގައި ބަނގުރާ ބޮވޭނީ އެކަމަށް ވަކި ހުއްދައެއް ނަގައިގެންނެވެ. މިގޮތަށް ރާ ބުއިމުގެ ހުއްދަ ކުރިން ދެނީ 21 އަހަރުން މަތީގެ މީހުންނަށެވެ. މީގެކުރިން ކައިވެނިނުކޮށް އަންހެނަކާއި ފިރިހެނަކު އެކުގައި އުޅުމަކީ މަނާ ކަމެއް ކަމުގައި ވިޔަސް މިހާރު ކައިވެނި ނުކޮށް ދެމަފިރިންގެ ގޮތުގައި ދިރިއުޅެ ދަރިން ހޯދުމަކީ ޔޫއޭއީގައި ހުއްދަ ކަމެކެވެ.

އިސްލާމީ ގައުމެއް ކަމަށްވާ ޔޫއޭއީ އަކީ މިހާރު ފައިސާވެރިން ނުވަތަ އެކި ގައުމުތަކުގެ މުއްސަނދިން އެގައުމަށް ގޮސް ވަޒަންވެރިވެގެން ދިރިއުޅޭ، އެމީހުން ހިތްހަމަޖެހޭ ހުރިހާކަމެއް ޔޫރަޕާއި އެމެރިކާއަށްވުރެވެސް ފަސޭހައިން ކުރެވޭގޮތަށް އޮންނަ ގައުމަކަށްވަނީ ވެފައެވެ.

ޔޫއޭއީގެ މައި ސަރުކާރުން ގެންދަނީ އެގައުމުގެ ދީނާއި ސަގާފަތަށް ބެލުމެއްނެތި އެމެރިކާއާއި ޔޫރަޕްގައި އޮންނަ ގޮތަށް ބީޗްތައް ތައްޔާރުކޮށް ޒަމާނީ އެޕާޓްމަންޓްތަކާއި، މަތީ ފެންވަރުގެ ގެތަކާއި، ވިޔަފާރި މަރުކަޒުތައް ހަދައި ގައުމަށް ބޭރު ގައުމުތަކުގެ މުއްސަނދިން ގެނަސް އެމީހުން ވަޒަންވެރި ކުރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެއިތުރުން ޔޫއޭއީ ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ މާތްވެގެންވާ ގުދްސާއި މަސްޖިދުލްއަގްސާ ހިފައިގެން އުޅޭ މައްސަލައާވެސް އަޅާނުލައި އިސްރާއީލާއެކު ބަދަހި ގުޅުންތަކެއް ގާއިމްކޮށްފައެވެ. އަދި މިހާރު ޔޫއޭއީ ގެންދަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކަކީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައިވެސް ސިފަކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް