ސާމްޕަލް ކަލެކްޝަން ސެންޓަރެއް ސިނަމާލެ ބްރިޖު ކައިރި މިއަދު ހުޅުވައިފިއެވެ.
ބްރިޖަށް އަރާތާ ކައިރި އޮންނަ ޕާކިން ޒޯންގައި ބޮޑު ޓެންޓެއް ޖަހައި ހަދާފައިވާ ސެންޓަރު ހުޅުވީ މިއަދު ހެނދުނެވެ.
އެތަނުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށް ހިދުމަތް ދޭނެ ކަމަށް އެޗްޕީއޭން ބުނެއެވެ. ހުކުރު ދުވަހު އެ ސެންޓަރުން ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށެވެ.
މިއީ މާލޭ ސަރަހައްދުގައި ހުޅުވި ހަ ވަނަ ސާމްޕަލް ކަލެކްޝަން ސެންޓަރެވެ.
މާލޭގައި ހުންނަ ދެ ސާމްޕަލް ސެންޓަރު ހުންނަނީ ސޯޝަލް ސެންޓަރުގައާއި ހެންވޭރު ދަނޑުގައެވެ.
ހެންވޭރު ދަނޑުގައި ހުންނަ ސެންޓަރު ވެސް ކޮންމެ ދުވަހަކު ހަވީރު 15:30ހުން 18:30ހަށް ހުޅުވާފައި ހުންނާނެއެވެ. ސޯޝަލް ސެންޓަރުން ސާމްޕަލް ނަގައިދޭނީ ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސް ދުވަހު 9:00ން 12:00އަށް އަދި 15:00ން 18:00އަށެވެ. ހުކުރު ދުވަހު 15:00ން 18:00އަށެވެ.
ވިލިމާލޭ ފުލޫ ކުލިނިކުގައި ވެސް ސާމްޕަލް ސެންޓަރެއް ހުރެއެވެ. މިތަން ހުޅުވަނީ ކޮންމެ ދުވަހަކު 16:00ން 18:30އަށެވެ.
ހުޅުމާލޭގައި ސާމްޕަލް ސެންޓަރު ހުންނަނީ ރުއްގަނޑު-1 ސަރަހައްދާއި ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައެވެ.
އިތުރު ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހުޅުވާފައި މިވަނީ ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 2،000 އިން މަތިވެފައި ވަނިކޮށެވެ. އެންމެ ގިނަ ބަޔަކު މިހާރު ވެސް ކޮވިޑަށް ޕޮޒިޓިވް ވަނީ މާލެ ސަރަހައްދުންނެވެ.