ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީގެ ނަން ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނައިފި

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ -- ފޮޓޯ: ރޮއިޓާސް

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ނަން، އެގައުމުގެ ޓެރަރިސްޓުންނާއި ހައްދުފަހަނައަޅާފައިވާ މީހުންގެ ނަންތައް ހިމެނޭ ރަސްމީ ލިސްޓަށް އިތުރުކޮށްފިއެވެ.

ރަޝިއާއިން ވަނީ ނަވަލްނީގެ އިތުރުން އޭނަގެ ޓީމުގެ މެންބަރުންވެސް ހައްދުފަހަނަޅާފައިވާ މީހުންގެ ލިސްޓަށް އިތުރުކޮށްފައެވެ.

އެމީހުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ކަނޑައެޅުމުން ބޭންކުތަކުން ހިދުމަތް ހޯދުމަށް ނަވަލްނީ އާއި އޭނާގެ ޓީމަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ. އަދި އެމީހުންގެ ބޭންކް އެކައުންޓުތައް ބޭނުން ކުރާ ކޮންމެ ފަހަރަކު ހުއްދައަށް އެދެން ޖެހޭނެއެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އޭނާއާ ދެކޮޅަށް ފާޅުގައި ވާހަކަދައްކަވަމުން ގެންދެވި ނަވަލްނީ ވަނީ އޭނާ އަވަހަރާކޮށްލަން ސަރުކާރުން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެއީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާއަށް ވިހައެއް ދިނުމުގެ ސަބަބުން އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވި ފަހުންނެވެ.

އެ ހާދިސާއަށް ފަހު ނަވަލްނީ ޖަރުމަނުން ފަރުވާ ހޯއްދެވުމަށް ފަހު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެނބުރި ރަޝިއާއަށް ވަޑައިގަތުމާއެކު އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އެއީ 2014 ވަނަ އަހަރު ނަވަލްނީގެ މައްޗަށް ސާބިތުވި ހިޔާނާތުގެ މައްސަލައަކަށް ފަހު އޭނާގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ކަނޑައެޅި "ޕްރޮބޭޝަންގެ ޝަރުތުތަކަކާ" އޭނާ ހިލާފުވި ކަމަށް ބުނެއެވެ.

އެ މައްސަލައިގެ ޝަރީއަތުގައި ނަވަލްނީ ދެ އަހަރާއި ހަ މަހަށް ޖަލަށް ލާން ރަޝިއާގެ ކޯޓަކުން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުކުމްކޮށްފައެވެ.

ރަޝިއާގެ ދެ ކުންފުންޏެއްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ ނަވަލްނީގެ މައްޗަށް ކުރި އެ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް