އައްޑޫގެ ކޮވިޑް ހާލަތު ގޯސްވެ، ސާމްޕަލް ނަގާ އުސޫލަށް ބަދަލު ގެނެސްފި

ޖުލައި 21، 2019: އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ، ސާމްޕަލް ނަގާ އުސޫލަށް ބަދަލު ގެނެސްފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން ސާމްޕަލް ނެގުމުގައި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

އެގޮތުން ގޭގެއަށް ގޮސް ސާމްޕަލް ނެގުން މެދުކަނޑާލުމަށް އެ ހޮސްޕިޓަލުން ވަނީ ނިންމާފައެވެ.

މިއާއެކު އައްޑޫގެ އަވަށްތަކުގައި ސާމްޕަލް ޕޮއިންޓުތަކެއް ތައާރަފުކޮށް، އަމިއްލައަށް ގޮސް ސާމްޕަލް ދޭގޮތަށް އެ ހޮސްޕިޓަލުން ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ.

އައްޑޫގެ ސާމްޕަލް ޕޮއިންޓުތައް ޚާއްސަކުރެވިފައިވަނީ ރިލީޒް ސާމްޕަލް، ކޮންޓެކްޓް ސާމްޕަލް އަދި ކޮންޓެކްޓުންގެ ތެރެއިން ޢަލާމާތްތައް ހުންނަ މީހުންގެ ސާމްޕަލް ނެގުމަށް ކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫގެ މަރަދޫ އާއި މަރަދޫފޭދޫ އަވަށުގައި ސާމްޕަލް ޕޮއިންޓަކަށް ހަމަޖައްސާފައިވަނީ ދަމަނަވެއްޓެވެ. އަދި ފޭދޫ އަވަށުގެ ސާމްޕަލް ޕޮއިންޓަކަށް ހަމަޖައްސާފައިވަނީ ފޭދޫ ސިއްހީ މަރުކަޒު (ކުރީގެ އަވަށު އޮފީސް) އެވެ.

އައްޑޫގެ ހުޅުދޫ އާއި މީދޫ އަވަށުގެ ސާމްޕަލް ޕޮއިންޓަކަށް ހަމަޖައްސާފައިވަނީ ހުޅުމީދޫ ފްލޫ ކްލިނިކެވެ. ހިތަދޫ އަވަށުގެ ސާމްޕަލް ޕޮއިންޓަކަށް ހަމަޖައްސާފައިވަނީ ހިތަދޫ ފްލޫ ކްލިނިކެވެ.

އައްޑޫގެ ކޮވިޑް ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު، އެކްޓިވް ކޭސްތަކުގެ ޢަދަދު 800 އަށްވުރެ މައްޗަށް އަރާފައިވާކަން ފާހަގަކޮށްލެވެއެވެ. ދުވާލެއްގެ މައްޗަށް 100 އަށްވުރެ ގިނަ މީހުން އައްޑޫއިން އެކަނިވެސް މި ބައްޔަށް ޕޮޒިޓިވްވަމުން ދާކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް