އައްޑޫގައި ކޮވިޑުގެ 807 އެކްޓިވް ކޭސް، އެންމެ ގިނައީ ހިތަދޫ، ފޭދޫ އަދި މީދޫގައި

އައްޑޫ ހެންކެޑެ ބްރިޖު ----

އައްޑޫ ސިޓީގެ ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ ޢަދަދު 807 އަށް އަރައިފިއެވެ.

އާދިއްތަ ދުވަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އައްޑޫއިން މި ބައްޔަށް އަލަށް 125 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު އެކްޓިވް ކޭސްތަކުގެ ޢަދަދު 800 އަށްވުރެ މައްޗަށް އަރާފައިވާކަން ފާހަގަކޮށްލެވެއެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކުގެ ތެރެއިން 343 ކޭސް އުޅެނީ އެ ސިޓީގެ ހިތަދޫ އަވަށުގައެވެ. ދެވަނައަށް އެންމެ ގިނަ އެކްޓިވް ކޭސްތައް އުޅެނީ ފޭދޫ އާއި މީދޫ އަވަށުގައެވެ. ފޭދޫ އަވަށުގައި 160 އެކްޓިވް ކޭސް އުޅޭއިރު، މީދޫ އަވަށުގައި 144 އެކްޓިވް ކޭސް އުޅޭކަން ފާހަގަކޮށްލެވެއެވެ.

އައްޑޫގެ އެހެން އަވަށްތަކަށް ބަލާލާއިރު ހުޅުދޫގައި 67 ކޭސް، މަރަދޫގައި 42 ކޭސް އަދި މަރަދޫފޭދޫގައި 28 ކޭސް މިވަގުތު އެބައޮތެވެ. އަދި އައްޑޫގެ ސިނާއީ ރަށްތަކާއި ރިސޯޓުތަކުގައި 23 ކޭސް އުޅޭކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ ބުނެފައެވެ.

އައްޑޫ ކޮވިޑް މެނޭޖްމަންޓު ފެސިލިޓީގައި 3 މީހަކަށް ފަރުވާދެމުން އަންނައިރު، އެ ސިޓީން 15 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

ދުވާލެއްގެ މައްޗަށް 200 އަށްވުރެ ގިނަ ސާމްޕަލް އައްޑޫގައި ނަގަމުން އަންނައިރު، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ކަރަންޓީނާއި، ކަރަންޓީން ރިލީޒް އަދި ސަވައިލަންސް ސާމްޕަލް ނެގުމަށް އެ އަވަށެއްގެ ފްލޫ ކްލިނިކަކަށް ދުރުވާން އެދިފައެވެ.

comment ކޮމެންޓް