މަޝްހޫރު ލަވަކިޔުންތެރިޔާ ހިރިލަންދޫ ދޮންމޫސަ ނިޔާވެއްޖެ

ދިވެހީންގެ ތެރޭގައި މަގުބޫލުކަންހޯދައިފައިވާ ލަވަކިޔުންތެރިޔާ ހިރިލަންދޫ ދޮން މޫސަ: އޭނާ ވަނީ މިރޭ ނިޔާވެފައި --- ފޮޓޯ/ މުހައްމަދު ޝާތިރު/ ފޭސްބުކް

ދިވެހީންގެ ތެރޭގައި މަގުބޫލުކަންހޯދައިފައިވާ ލަވަކިޔުންތެރިޔާ މޫސާ ހަސަން (ހިރިލަންދޫ ދޮން މޫސަ) ނިޔާވެއްޖެއެވެ.

އުމުރުން 70 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ ދޮން މޫސަ ނިޔާވެފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

ދޮން މޫސަ މަޝްހޫރުވެފައި ވަނީ މިއުޒިކީ ސަގާފަތުގެ ލަވަތައް ކިއުމަށެވެ. މިއީ ރާއްޖޭގައި 1000 އަހަރަށްވުރެ ގިނަދުވަސް ވަންދެން ދެމިއޮތް މިއުޒިކީ ސަގާފަތެކެވެ. އަދި ދޮން މޫސަ އަކީ މިފަދަ ލަވަތައް ކިޔައި އުޅުނު އެންމެ ފަހު މީހާއެވެ.

ދިވެހި ސަގާފަތް ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ މުހައްމަދު ޝާތިރު ދޮންމޫސަ ސިފަކުރައްވާފައި ވަނީ ދިވެހި ސަގާފީ "ފަސްމީރު ކުރިރުކެއް" ގެ ގޮތުގައެވެ.

"އިހު ޒަމާނުގަ ރާއްޖޭގަ ލަވަ ކިޔާ އުޅުނު ބާވަތަށް، ކަލްޗާގެ އޮރިޖިނަލް އެގޮތަށް ކިޔާ އެންމެ ފަހު މީހަ އެ ދިޔައީ،" ޝާތިރު ވިދާޅުވިއެވެ.

ދޮން މޫސައަކީ ރުކުރާ އެޅުމާއި ދަނޑުވެރިކަންވެސް ކޮށްއުޅުނު ސަގާފީ ކުޅިވަރުގެ މާހިރެކެވެ. އަޑުރީތި، މައުލޫދު ކިއުމުގައިވެސް ލާމަސީލު ހުނަރުވެރިއެކެވެ. އަދި ދޮން މޫސައަކީ ލަވަކިއުމާއި މިއުޒިކީ ހުނަރުވެރި އެންމެ މޮޅު ފަންނާނެއްގެ ގޮތުގައި ރަންޔޫބިލް 50 އަހަރުގެ ޚިދުމަތްކޮށްދީފައިވާ ޚިދުމަތްތެރިއެކެވެ.

comment ކޮމެންޓް