ފަހުމާނުގެ ދެ ލަނޑާއެކު ވެލެންސިއާ ބަލިކޮށް ޓީސީއަށް ރަނގަޅު ފެށުމެއް

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޓީސީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެެއިން ގޯލު ޖެހުމަށްފަހު ފަހުމާން ސެލްބްރޭޓް ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޔޫތު ޗެމްޕިއަންޝިޕުގައި ކުލަބް ވެލެންސިއާ ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މި މެޗު ޓީސީން ކާމިޔާބުކުރީ 4-3ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ތިންވަނަ މިނެޓުގައި ވެލެންސިއާގެ ކެޕްޓަން ހުސައިން ޝާވިންގެ ވާއަތު ކޮނޑު ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުކުރިއެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ވެލެންސިއާގެ ޖޯޒީ ނަންބަރު 13، މުހައްމަދު ރަފާހު ޒާހިރުއެވެ.

މެޗުގައި ޓީސީން ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް ކުރި މަސައްކަތުގެ ތެރެއިން ދިހަވަނަ މިނެޓުގައި ޓީސީގެ އަހުމަދު ޒައުލް ނާޒިމް ނުރައްކާތެރި ހަމަލާއެއް އުފެއްދިއެވެ. އޭނާ ފޮނުވާލި ހަމަލާ ވެލެންސިއާގެ ކީޕަރު މޫސާ އައްޔާން ހުސެއިން މަތަކުރި ނަމަވެސް ރީ ބައުންސަށް ނުކުތް ބޯޅަ އައިހަމް ހަމްދޫން ގޯލަށް ފޮނުވާލުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑިމަތިން ބޭރަށެވެ.

އޭގެފަހުން ވެސް މެޗުގެ 22 ވަނަ މިނެޓުގައި އައިހަމް، ވެލެންސިއާގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލިއެވެ. އެ ހަމަލާ ވެސް ދިޔައީ ވެލެންސިއާގެ ގޯލު ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ކުރީކޮޅު އައިހަމް ވަނީ ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

މެޗުގެ 36ވަނަ މިނެޓުގައި ވެލެންސިއާގެ ގޯލު އޭރިޔާ ތެރެއިން އައިހަމްއަށް ކުރި ފައުލަކާ ގުޅިގެން ޓީސީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވައިލައިގެން މެޗުގައި ޓީސީއަށް ފުރަތަމަ ލަނޑު ޖަހައިދިނީ އަހުނަފް މުހައްމަދު ތަސްނީމެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޓީސީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެެއިން ޓީސީގެ ފުރަތަމަ ގޯލު ޖެހުމަށްފަހު އަހުނަފް އުފާފާޅު ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ގިނަ ފައުލްތަކެއް ފެނުނު މި މެޗުގެ 31ވަނަ މިނެޓުގައި ވެލެންސިއާގެ އަހުމަދު ޔާޒިން މަހުދީއަށް ޓީސީގެ އަހުމަދު ރައުލް އަސްއަދު ކުރި ފައުލަކާ ގުޅިގެން ވެލެންސިއާއަށް ހިލޭ ޖެހުމެއް ލިބުނެވެ.

މެޗުގެ 34ވަނަ މިނެޓުގައި ވެލެންސިއާގެ ދައްޔާން އަހުމަދަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް ވަނި ދަނޑުމަތީގައި ފަރުވާދީފައެވެ.

ޓީސީގެ ދެ ވަނަ ލަނޑު ލިބުނު ކޯނަރެއްގައި އެ ޓީމުން ޖަހާފައިވަނީ މެޗުގެ 40 ވަނަ މިނެޓުގައެވެ. ޔޫސުފް ޝާއިފު ނަގައިދިން ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ފޮނުވައިލީ އަޒޫމްއެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޓީސީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެެއިން ގޯލު ޖެހުމަށްފަހު އަޒޫމް ސެލްބްރޭޓް ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޓީސީގެ ދެ ގޯލަށްފަހު ވެސް އެ ޓީމުން އިތުރު ހަމަލާތަކެއް އުފެއްދިއެވެ. ވެލެންސިއާއިން ވެސް ނަތީޖާގެ ފަރަގު ކުޑަކުރުމަށް ޓަކައި ލަނޑެއް ޖެހޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ވެލެންސިއާއިން އުފެއްދި ހަމަލާތައް ޓީސީގެ ޑިފެންޑަރުން ހުށިޔާރުކަމާއެކު މަތަކުރިއެވެ.

ފުރަތަމަ ހާފު ނިމުނީ 2-0އިން ޓީސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ފުރަތަމަ ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ.

ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ޓީސީގެ އަޒޫމު ދިން ޕާހަކުން އެ ޓީމުގެ ޒައުލް ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު އައްޔާން ދިފާއުކުރިއެވެ. އޭގެ ހަތަރު މިނެޓު ފަހުން 55ވަނަ މިނެޓުގައި ޓީސީގެ މުހައްމަދު ކައިފް ރައިމޫން ކަމާލުއްދީން ވެލެންސިއާގެ ގޯލް އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ވެސް ދިފާއު ކުރީ އައްޔާނެވެ.

ފުލުފުލުގައި ޓީސީން ހަމަލާ އުފެއްދިއިރު، 57 ވަނަ މިނެޓުގައި ޒައުލް ފޮނުވާލި ބޯޅަ ވެސް ވެލެންސިއާގެ ކީޕަރު އައްޔާން މަތަކުރިއެވެ. ވެލެންސިއާއިން މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމުގެ ދައްޔާންގެ ބަދަލުގައި އީގާން އަބްދުލް މަޖީދު ވަނީ ކުޅެން އަރުވާފައެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ދަނޑުގެ މެދަކާ ހިސާބުން ޓީސީގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، އަހުމަދު ޝިޔާން މުހައްމަދު ބޯޅަ ހިފައިގެން ގޮސް ޓީސީގެ ގޯލް އޭރިޔާ ތެރެއަށް ވަން ހިސާބުން ޓީސީގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ވެލެންސިއާއަށް ޕެނަލްޓީއެއް ލިބުނެވެ.

އެޓީމަށް ލިބުނު ޕެނަލްޓީ ގޯލަށް ފޮނުވާލީ 69ވަނަ މިނެޓުގައި އާމިން އުމަރު މޫސާއެވެ. މި ލަނޑާއެކު ވެލެންސިއާއިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޓީސީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެެއިން ވެލެންސިއާއިން އެ ޓީމުގެ ފުރަތަމަ ގޯލަށްފަހު ބޯޅަ ހިފައިގެން ދަނީ-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެޗުގެ 71ވަނަ މިނެޓުގައި ޓީސީގެ އައިހަމްއަށް ވެލެންސިއާގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ހިލޭ ޖެހުމެއް ލިބުނެވެ. އަހުނަފު ކުރިއަށް ފޮނުވާލި އެ ހިލޭޖެހުން ކީޕަރު އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު ގޯލަށް ފޮނުވައިލައިގެން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފަހުމާނެވެ.

މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޓީސީގެ އަހުނަފް ދިން ޕާހަކުން ފަހުމާން ވަނީ ޓީސީގެ ހަތަރު ވަނަ ލަނޑު ޖަހާފައެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ވެލެންސިއާގެ ގޯލުގެ ތިރީ ކަނަށެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޓީސީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވެލެންސިއާއިން ވަނީ އިތުރު ވަގުތުގައި ދެ ލަނޑު ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ވެލެންސިއާއަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ ކުޅުންތެރިޔަކު ނަގައިދިން ބޯޅައަކުން ވެލެންސިއާގެ ދެވަނަ ލަނޑު ޖެހީ އީގާންއެވެ.

އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ޓީސީން ކުރި ފައުލަކާ ގުޅިގެން ވެލެންސިއާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އާމިން އުމަރު ޖެހި ޕެނަލްޓީ ގޯލަށް ވައްދާލައިގެން ވެލެންސިއާއިން ވަނީ މެޗުގެ ތިންވަނަ ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

އެ ލަނޑާއެކު މެޗު ނިމުނީ 4-3 އިން ވެލެންސިއާގެ މައްޗަށް ޓީސީއިން ކުރި ހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޓީސީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީސީގެ އަހުނަފް-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި މުބާރާތުގެ ކުޅުން ދެން އޮންނާނީ 2022 ޖަނަވަރީ 26 ވަނަ ދުވަހުގެ 16:00 ގައެވެ. އެ މެޗުގައި ބައްދަލު ކުރާނީ ކްލަބް އީގަލްސްއާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އަދި އެ ރޭ 8:30ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކުރިމަތިލުން އޮންނާނެއެވެ.

comment ކޮމެންޓް