ގަދަޔަށް ސްނޯ ވެހުމުގެ ސަބަބުން ތުރުކީގެ ވައިގެ ބަނދަރު ބަންދުކޮށްފި

ބޯކޮށް ސްނޯ ވެހުމުގެ ސަބަބުން ޔޫރަޕުގެ އެންމެ ކާރުބާރުބޮޑު އެއާޕޯޓް ބަންދުކޮށްފިއެވެ.

ތުރުކީގެ އިސްތަންބުލް އެއާޕޯޓް ބަންދުކޮށްފައިވަނީ ސްނޯގެ ސަބަބުން އެތަނުގެ ކާގޯ ޓާމިނަލް އިމާރާތުގެ ފުރާޅު ވެއްޓުމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު، ތުރުކީން ބޭރަށް ފުރާ ފްލައިޓްތައް ވަނީ ކެންސަލްކުރަން ޖެހިފައެވެ.

އިސްތަންބޫލުގެ އެއާޕޯޓުން ކުރި ޓްވީޓެއްގައި ވާގޮތުން މޫސުމުގެ ސަބަބުން އެ އެއާޕޯޓް ވަނީ ބަންދުކުރަން ޖެހިފައެވެ. އަދި އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ޓްވީޓުގައި ވެއެވެ.

ސްނޯގެ ސަބަބުން އިސްތަންބޫލުގެ އާންމު ހާލަތު ގޯސްވެފައިވާއިރު، ޑެލިވަރީގެ ޚިދުމަތާއި އެހެނިހެން އާންމު ޚިދުމަތްތައް ހޯދުމުގައި އާންމުން އަންނަނީ ގިނަ ތަކުލީފުތަކާ ކުރިމަތިލަމުންނެވެ.

ތުރުކީގެ އިސްތަންބޫލު އެއާޕޯޓަކީ އަހަރެއްގެ މައްޗަށް 37 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެމުން އައި އެއާޕޯޓެކެވެ. ޓާކިޝް އެއާލައިނުގެ މައި ހަބު ކަމުގައިވާ މި އެއާޕޯޓު ބަންދުކުރުމާ ގުޅިގެން އެ އެއާލައިނުންވެސް ވަނީ އިސްތަންބޫލު އެއާޕޯޓަށްކުރާ ދަތުރުތައް ވަގުތީގޮތުން މަޑުޖައްސާލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް