ކޮވިޑް ޖެހިގެން މި މަހު ހަތްވަނަ މީހަކު މަރުވެއްޖެ، ޖުމުލަ އަދަދު 271އަށް

ކޮވިޑްގައި މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހު ކޮވިޑް 19 ގައި ރާއްޖެއިން ހަތްވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރި ގޮތުގައި، މިއަދު މަރުވީ ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޗްޕީއޭން ބުނި ގޮތުގައި އޭނާއަކީ ގަން ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނެކެވެ. އޭނާ ހާލު ދެރަވެގެން ފެސިލިޓީއަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި މަރާއެކު ކޮވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 271 އަށް އަރާފައެވެ.

ރާއްޖޭން ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވީ މި މަހު 23 ވަނަ ދުވަހުއެވެ. އެ ދުވަހު މަރުވީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އައި 42 އަހަރުގެ އަންހެނެކެވެ.

ރާއްޖެއިން ކޮވިޑް 19 ގައި އެންމެ ގިނަ މީހުން ދުނިޔެ ދޫކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ. އެ މަހު ރާއްޖެއިން 89 މީހަކު ކޮވިޑްގައި މަރުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް