ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 10 ގިންތި ދަށަށް، ޓްރާންސްޕޭރެންސީގެ ކަންބޮޑުވުން

އޭސީސީގެ ކުރީގެ މެންބަރުން: އޭސީސީގެ މެންބަރުން އިސްތިއުފާ ދީފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރަޕްޝަން ހުރި މިންގަނޑު ދެނެގަތުމަށް ބަލާ ކޮރަޕްޝަން ޕަސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ރާއްޖެ 10 ގިންތި ދަށަށް ވެއްޓިއްޖެއެވެ.

ސީޕީއައި އަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބަލައި، އެ ގައުމުތައް ގިންތިކޮށް ޕޮއިންޓްދޭ އިންޑެކްސްއެކެވެ. މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ގައުމުތަކަށެވެ. އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އިންޑެކްސްގައި ރާއްޖެ ތިން ޕޮއިންޓް ދަށްވެ، 10 ގިންތި ދަށަށް ވެއްޓިފައިވާ ކަމަށެވެ. އަދި ރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓުން ދަށުން ލިބޭ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައި ކަން ފާހަގަކޮށްފައިވެއެވެ.

"ދެހާސް ވިހި ވަނަ އަހަރުގެ ސީޕީއައި އިން ދިވެހިރާއްޖެއަށް ލިބުނީ 180 ގައުމުގެ ތެރެއިން 75 ގިންތި އަދި 43 ޕޮއިންޓް ކަމުގައި ވީނަމަވެސް 2021 ގައި ދިވެހިރާއްޖެއަށް ލިބިފައިވަނީ 85 ވަނަ ގިންތި އަދި 40 ޕޮއިންޓް،" ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.

ޓްރާންސްޕޭރެންސީން ބުނީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ކުރިއެރުންތަކެއް އައިސްފައިވީ ނަމަވެސް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ހެދިފައިވާ ގާނޫނުތަކަށް އަމަލުކުރުމުގަ އާއި ތަންފީޒުކުރުމުގައި ރާއްޖެ އަދިވެސް ފަހަތަށް ޖެހޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

ހަމަ އެހެންމެ ރާއްޖޭގައި މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، އަދި ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭ ކަން ވެސް ޓްރާންސްޕޭރެންސީން ފާހަގަކޮށްފައިވެއެވެ.

އިންސާނީ ހައްގުތަކަށް އަރައިގަތުމަށް ކޮރަޕްޝަނުން މަގުފަހިކޮށްދޭކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން އިތުރަށް ބުނީ އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަށް ހުރި ބޮޑު ހުރަހަކަށް ވާއިރު، ސަރުކާރު ޒިންމާދާރު ކުރުމަށް ރައްޔިތުންނަށް ހުރި ހުރަހަކަށް ވެގެން ދާ ކަމަށެވެ.

މީގެ އިތުރުން އޭސީސީގެ ހުރިހާ މެންބަރުން އިސްތިއުފާ ދިނުމުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ހުސްކަމެއް އުފެދިފައިވާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ އެކަމާ ކަންބޮޑުން ފާޅުކޮށް، އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުން އަވަސް ކުރުމަށް ގޮވައިލައިފައެވެ.

comment ކޮމެންޓް