ދަތުރުކުރުމަށް ރެޕިޑް އެންޓިޖެން ޓެސްޓުގެ ނަތީޖާއެއް ބޭނުމެއް ނުކުރެވޭނެ: އެޗްޕީއޭ

މާލެއިން ބަޔަކު ފުރަނީ: އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު އަދިވެސް ހަދަން ޖެހޭނީ ޕީސީއާރު ޓެސްޓް — ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ރެޕިޑް އެންޓިޖެން ޓެސްޓްގެ ނަތީޖާ ބޭނުން ނުކުރެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖޭގައި މީގެ ކުރިން އާންމު ގޮތެއްގައި ކޮވިޑަށް ޓެސްޓް ހަދަމުން ދިޔައީ ޕީސީއާރުންނެވެ. ނަމަވެސް 15 މިނެޓާއި 30 މިނެޓް ތެރޭގައި ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް ހަދައިދޭން އިއްޔެ އެޗްޕީއޭއިން ވަނީ ފަށައިފައެވެ.

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ނަމަ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށް އެޗްޕީއޭގެ ގައިޑްލައިންގައި ވަނީ ބުނެފައެވެ.

ރެޕިޑް އެންޓިޖެން ޓެސްޓް ހަދައިގެން ދަތުރުކުރުމާ ގުޅޭ ގޮތުން އަރާފައިވާ އޮޅުން ސާފުކޮށްދެއްވަމުން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން 'ސަން' އަށް ވިދާޅުވީ, ދަތުރުކުރުމަށް އަދިވެސް ބޭނުންކުރަން ޖެހޭނީ ނެގެޓިވް ޕީސީއާރުގެ ނަތީޖާ ކަމަށެވެ.

"ރެޕިޑް އެންޓިޖެން ޓެސްޓަކީ އެއްގޮތަކަށް ވެސް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ބޭނުންކުރަން ރަނގަޅު އެއްޗެއް ނޫން," ތަސްލީމާ ވިދާޅުވިއެވެ.

ސަބަބެއް ކަމަށް ތަސްލީމާ ވިދާޅުވީ, ރެޕިޑް އެންޓިޖެން ޓެސްޓުން ގިނަ ފަހަރަށް ޕޮޒިޓިވް ނަތީޖާއެއް ދައްކަނީ ބަލީގެ އަލާމާތް ހުންނަ މީހުން ކަމަށާއި ނަމަވެސް އެ މީހެއްގެ ހަށިގަނޑުގައި ވައިރަސް ހުރެއްޖެ ނަމަ ޕީސީއަރު ޓެސްޓުން ޕޮޒިޓިވްވުމުގެ ފުރުސަތު ބޮޑުވާނެތީ ކަމަށެވެ.

ރާއްޖެއަށް ކޮވިޑްގެ ހަތަރުވަނަ ރާޅެއް ބޯމަތިވެފައިވާއިރު އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ޓެސްޓްކުރަން އެދޭ މީހުންގެ އަދަދުވެސް ގިނަ އެވެ. އަދި ރެޕިޑް އެންޓިޖެން ޓެސްޓު ވެސް ހަދަން ފަަށާފައި ވަނީ ގިނަ ވަގުތު ދިގު ކިޔުތަކުގައި ތިބެގެން ކޮވިޑަށް ޓެސްޓް ކުރަން ޖެހިފައި ވަނިކޮށެވެ.

comment ކޮމެންޓް