ނުދޭ ހިދުމަތްތަކަކަށް އާސަންދައިން ބިލްކޮށްގެން ދެ ކްލިނިކެއް ސަސްޕެންޑްކޮށްފި

އާސަންދަ އޮފީސް ---

ނުދޭ ހިދުމަތްތަކަކަށް އާސަންދައިން ބިލްކުރި މައްސަލައެއްގައި ދެ ކުލިނިކެއް ސަސްޕެންޑު ކޮށްފައި ވާނެ ކަމަށް އާސަންދަ ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގުރާމެއްގައި އާދީއްތަ ދުވަހު ވާހަކަދައްކަވަމުން ޒީނިއާ ވިދާޅުވީ މިކަން ހާމަވެފައިވަނީ އާސަންދައިގެ އެސްއެމްއެސް ނޮޓިފިކޭޝަން މެދުވެރިކޮށް ކަމަށެވެ.

އެގޮތުން އާސަންދައިގެ ނޮޓިފިކޭޝަންތަކާ ގުޅިގެން އަންނަ ޝަކުވާތަކުގެ 15 ޕަސެންޓަކީ ނުނަގާ ހިދުމަތަކަށް ބިލްކޮށްގެން އަންނަ ޝަކުވާ ކަމަށާއި، އަދި އެފަދަ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާތަނަށް ދެ ކުލިނިކެއް ވެސް ސަސްޕެންޑުކޮށްފިން މި އިންވެސްޓިގޭޝަންގެ ތެރެއިން،" ޒީނިޔާ ވިދާޅުވިއެވެ.

އެފަދަ ހާލަތެއްގައި އާސަންދައިން ގުޅައިފިނަމަ، ބަލިމީހާގެ ފަރާތުން ދޭން ޖެހޭ މައުލޫމާތާއި، ލިޔެކިޔުންތައް ވީހާ ވެސް އަވަހަކަށް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކުގެ ތެރޭގައި، އާސަންދައިން ކަވަރު ނުކުރާ ހިދުމަތެއް ހޯދަން ދިއުމުން ބަލިމީހާގެ އަތުން ވަރަށް ބޮޑު އަދަދެއް ޗާޖުކުރުމަށްފަހު، ހަމަ އެ އަދަދު އާސަންދައިން ކަނޑާ މައްސަލަތައް ހިމެނޭކަމަށް ޒީނިޔާ ވިދާޅުވިއެވެ. އަދި ހިދުމަތުގެ އަގުގެ ދެގުނަ ޗާޖުކުރާ މައްސަލަތައް ވެސް ރިޕޯޓުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނުދޭ ހިދުމަތްތަކަށް ތަންތަނުން ލޮގްކޮށްފަ [ހުންނަ މައްސަލަތައް] އެބަ އާދެޔޭ. އެސްއެމްއެސް ނޯޓިފިކޭޝަން އައީމަ ވަރަށް ފަސޭހައިން އެބަ އެނގޭ އެ ހިދުމަތް ލޮގް ކުރިކަން،" ޒީނިޔާ ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކުގައި ސަސްޕެންޑު ކުރެވޭ ކުލިނިކުތަކުން ހިދުމަތް ހޯދި ފަރާތްތަކާ ގުޅައިގެން އިތުރު މައްސަލަތަކެއް ހުރިތޯ ބެލުމުގެ މަސައްކަތް ވެސް ކުރާ ކަމަށް ޒީނިޔާ ވިދާޅުވިއެވެ. އަދި މިގޮތަށް ގުޅުމުން، އާސަންދައަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ފޯރުކޮށްދީ، އެއްބާރުލުން ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ހަމައެއާއެކު އެފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ، ލަސްނުކޮށް އާސަންދައިގެ ހޮޓްލައިން 1400އަށް ގުޅައި އެކަން އެންގުމަށް ވެސް ޒީނިޔާ އެދިވަޑައިގެންނެވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް