ސްޓްރީޓް ފުޑް ކޮންސެޕްޓްގެ ދަށުން ފުޑް ކޯޓުތަކެއް އެޅުމަށް ސިޓީ ކައުންސިލުން ލޯނުނަގަނީ

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަންއަށް ދެއްވި އިންޓަރވިއުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ސްޓްރީޓްފުޑް ކޮންސެޕްޓްގެ ދަށުން ދަރުބާރުގޭގެ އިރަށް އޮންނަ ބިމުގައި ފުޑްކޯޓުތަކެއް އެޅުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ލޯނެއް ނަގަން ނިންމައިފިއެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 36 ވަނަ ރަސްމީ އާއްމު ޖަލްސާގައި އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ކައުންސިލް މެމްބަރުންގެ އިއްތިފާގުން ވަނީ އެ މަސައްކަތަށް ލޯނު ނެގުމަށް ފާސްކޮށްފައެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ކުޑަ އިންވެސްޓްމެންޓަކުން ފެށިދާނެ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ޒުވާނުންނާއި އަންހެނުންނަށް ވިޔަފާރީގެ ފުރުސަތުތައް ފުޅާވެގެން ދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"މިކަން ކުރީމަ ޒުވާނުންނާއި ކަނބަލުންނަށް ފުރުސަތު ލިބޭ ގޮތަށް މީގަ ޕޮއިންޓް ދޭނީ ނޫނިއްޔާ ފުރުސަތު ދޭނީ. އަޅުގަނޑުމެންގެ ސެޕް ގަ އެބައޮތް އާމްދަނީ ހޯދުމުގެ ފުރުސަތު ސިޓީ ކައުންސިލުން އިސް ނަގައިގެން ޒުވާނުންނަށާއި ކަނބަލުންނަށް އަޅުގަނޑުމެން ހޯދައި ދޭނެ ކަމަށް. އެހެންވީމަ މި ތަންތަން ލިބޭ ފަރާތްތައް ކަނޑައަޅާ އިރުގަ މި މަގުސަދު ވެސް ހާސިލް ވާނެ،" މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

ފުޑް ކޯޓު އެޅުމުގެ މަޝްރޫއުގެ ޕްލޭން ހިއްސާކުރަމުން ޑރ. މުއިއްޒު ވިދާޅުވީ އެ ލޯނު ނެގުމުގެ ހުއްދައަށް އެދި މި މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށެވެ.

މޭޔަރު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިއްޖެނަމަ، އަންނަ މަހު ލޯނު ނެގުމަށް ބޭންކަށް ހުށަހަޅާނެ ކަމަށެވެ. އަދި ލޯނު ލިބިއްޖެނަމަ މާޗް މަހުގެ ތެރޭގައި ބިޑްކޮށް، އޭޕްރީލް މަހުގެ ތެރޭގައި ކޮންޓެކްޓަރާ އެ މަސައްކަތް ހަވާލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ޕްލޭންކޮށްފައި ވަނީ އެންމެ ލަސްވެގެން އޮގަސްޓް މަހުގެ ތެރޭގައި އެތަންތަން ހިންގާނެ ފަރާތްތައް ހޯދަން އިއުލާން ކުރުމަށެވެ.

"ތިން މަހުގެ މަސައްކަތަށްފަހު އޮގަސްޓުގައި އެންމެ ލަސްވެގެން އެ ތަންތަން ހިންގާނެ ފަރާތްތައް ހޯދަން ހުޅުވާލެވޭނެ. ހުޅުވާލެވިއްޖެއްޔާ އޮގަސްޓް، ސެޕްޓެމްބަރު ހިސާބުގައި ވެސް މިތަންތަން ހުޅުވޭނެ. އެންމެ ލަސްވެގެން ނޮވެމްބަރުގައި ހުޅުވޭނެ،" މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މި މަޝްރޫ ހިންގަން ނިންމިކަން މޭޔަރު މުއިއްޒު އިއުލާން ކުރެއްވީ މާލޭގެ ލޭންޑް ޔޫސް ޕްލޭން ހެދުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހެންވޭރުގެ ރައްޔިތުންނާއެކު މިދިޔަ އަހަރު ބޭއްވި ބައްދަލުވުމުގައެވެ.

comment ކޮމެންޓް