ނަންބަރުތައް އިންތިހާއަށް އިތުރުވާތީ އެޗްއީއޯސީއަށް މުވައްޒަފުން ހޯދަނީ

މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވެ އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވާ މި ދަނޑިވަޅުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.

އެޗްއީއޯސީއަށް ހޯދަން އިއުލާން ކޮށްފައި ވަނީ 10 މެޑިކަލް އޮފިސަރުންނާއި، 60 ސާމްޕަލް ޓޭކަރުންގެ އިތުރުން 10 ސަޕޯޓް ސްޓާފުންނަށެވެ.

މި މަހުގެ 30 ވަނަ ދުވަހުގެ 14:00އާ ހަމައަށް މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި މުވައްޒަފުން މަގާމަށް ނަގާނީ ހަ މަސްދުވަހުގެ މުއްދަތަށް ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މެޑިކަލް އޮފިސަރުންނަށް މުސާރައިގެ ގޮތުގައި މަހަކު 24،240 ރުފިޔާ ދޭނެކަމަށެވެ. އަދި ސާމްޕަލް ޓޭކަރުންނާއި ސަޕޯޓް ސްޓާފުންނަށް މުސާރައިގެ ގޮތުގައި 7،500 ރުފިޔާ ވަނީ ކަަނޑައަޅާފައެވެ.

އެޗްއީއޯސީއަށް މުވައްޒަފުން ނަގަން އިއުލާނުކޮށްފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެ ސެންޓަރުގެ މުވައްޒަފުންތަކެއް ވަނީ މުސާރަ ނުދޭކަމަށް ބުނެ އިހުތިޖާޖަށް ނިކުމެފައެވެ.

އެލަވަންސް ދިނުމަށް ސަރުކާރުން ނިންމާފައި އޮތީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮވިޑް ބަލި މީހުންނާ ދިމާވާ، ރިސްކު ބޮޑު މުވައްޒަފުންނަށް ދުވާލަކަށް 500 ރުފިޔާ، ހައި ރިސްކު މީހުންނާ ދިމާވާ ދެވަނަ ގިންތީގެ މުވައްޒަފުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެޗްއީއޯސީގައި އެހެނިހެން މަސައްކަތް ކުރާ އެންމެ ލޯ ރިސްކް މުވައްޒަފުންނަށް ދުވާލަކަށް 200 ރުފިޔާ ދޭ ގޮތަށެވެ.

އެހެންނަމަވެސް އަހަރެއްވެގެން ދިޔައިރު ފްރަންޓްލައިން އެލަވަންސް ނުލިބޭ ބައެއް މީހުނާއި, ގަވާއިދުން އެ އެލަވަންސް ނުލިބޭ ވަރަށް ގިނަ މީހުން އެޗްއީއޯސީގައި މަސައްކަތް ކުރަމުންދާކަމަށް އެ އިހުތިޖާޖުގައި ބައިވެރިވި މުވައްޒަފުން ބުންޏެވެ.

ދުވަސްތަކަކަށްފަހު މި މަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 7،681 ސާމްޕަލްގެ ތެރެއިން 2,707 މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން މާލެއިން ޕޮޒިޓިވް ވެފައިވަނީ 1,420 މީހުންނެވެ.

comment ކޮމެންޓް