ސަމާލުވޭ! މާލެއިން މިއަދު 1،420 ޕޮޒިޓިވް

މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވީ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ނެގި 7،681 ސާމްޕަލްގެ ތެރެއިން 2,707 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މީގެ ތެރޭގައި މާލެ އިން މިއަދު އަލަށް ޕޮޒިޓިވްވީ 1,420 މީހުންނެވެ.

އޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން 761 މީހުން އަލަށް ޕޮޒިޓިވް ވެފައިވާއިރު ރިސޯޓުތަކުން 94 މީހަކު ޕޮޒިޓިވްއެވެ.

ސަފާރީތަކުން މިއަދު ޕޮޒިޓިވްވީ ތިން މީހުންނެވެ.

މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 120,168އަށް އަރާފައެވެ.

ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން މިވަގުތު ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 52އެވެ. މި ބަލީގައި މިހާތަނަށް ދުނިޔެ ދޫކޮށްފައިވަނީ 270 މީހުންނެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލީގެ ހާލަތު މިހާރު ގޯސްވެފައިވާ މިންވަރުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުން ކަމަށެވެ.

އަފްޒަލް ވިދާޅުވީ މިހާލަތުގައި އެންމެ މުހިއްމު އެއްކަމަކީ އެ މީހެއްގެ ކޮނޑުގައި އެޅިފައި އޮތް ފަރުދީ ޒިންމާ އަދާ ކުރުމުގެ އިތުރަށް އަނގައާއި ނޭފަތް ރަނގަޅަށް ނިވާވާ ގޮތަށް މާސްކު އެޅުން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް