އަލީ ވަހީދުގެ މައްސަލައިގައި ފުލުހުން ފޮނުވި ހުރިހާ ސިޓީއަކަށް ޖަވާބު ދީފިން: ކްރިމިނަލް ކޯޓް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

އަޅި ވަހީދުގެ މައްސަލައިގައި ފުލުހުން ފޮނުވި ދެ ސިޓީއަށް ވެސް ޖާވާބުދީފައިވާކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

އަލީ ވަހީދު ހައްޔަރު ނުކުރެވިގެން އުޅެނީ އިނގިރޭސި ބަހުން ކޯޓު އަމުރު ނުލިބިގެން ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އިނގިރޭސި ބަހުން ކޯޓު އަމުރު ހޯދުމަށް ފުލުހުން ވަނީ ކްރިމިނަލް ކޯޓުގައި ސިޓީއަކުން އެދިފައެވެ. އަދި އެ ސިޓީއަށް އެ ކޯޓުން ޖާވާބު ދީފައިވާކަމަށް އެ ކޯޓުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެހެންނަމަވެސް މައްސަލައިގެ ބާވަތުން އެކަމާ ގުޅޭ އިތުރު މައުލޫމާތު ދެވެން ނެތްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ކްރިމިނަލް ކޯޓުން އެ މައްސަލައާ ގުޅޭ ސިޓީތަކަށް ޖަވާބު ދީފައިވާކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ސިޓީގެ ޖާވާބު ލިބުމުން މިހާރު އެ މައްސަލައިގައި އިތުރަށް ކުރަން ހުރި ކަންކަން ފުލުހުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިނގިރޭސި ބަހުން ކޯޓު އަމުރު ލިބުނުކަން ކަށަވަރުކޮށްދީަފައެއް ނުވެއެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ކޯޓަށް ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ.

ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަލީ ވަހީދުގެ ގާތް އެކުވެރިޔާ އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.

ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް އަލީ ވަހީދު ރާއްޖެއައިސްފައެއް ނުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.

އަޑުބަރޭއަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމިނަމަވެސް އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަދި އަޅާފައި ނުވެއެވެ.

comment ކޮމެންޓް