ބޫސްޓާ ޑޯޒް ނުޖަހާ މީހުންނަށް ފިޔަވަޅު އަޅަން މަޝްވަރާކުރަނީ

ކޮވިޑު ވެކްސިންގެ ތިންވަނަ ޑޯޒު ނުވަތަ ބޫސްޓާ ޑޯޒު ޖެހުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ނުޖަހާ މީހުންނަށް ފިޔަވަޅުއެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަޝްވަރާ ކުރަންފަށައިފިއެވެ.

ސަރުކާރުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ބޫސްޓާ ޑޯޒް ޖަހާ މީހުންގެ އަދަދު އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާކަމަށެެވެ.

އެގޮތުން ކޮވިޑްގެ ވެކްސިން ފުރިހަމަ ނުކުރާ މީހުންނާ މެދު ގެންގުޅުނު ފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މިހާރު މަޝްވަރާ ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާނަމަ ރާއްޖޭގައި ދަތުރު ފަތުރުކުރުމަށް ހާއްސަ އުސޫލެއް ވަނީ އެޗްޕީއޭއިން ކަނޑައަޅާފައެވެ. ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ފްލައިޓްތަކުގައި ދަތުރު ނުކުރެވޭނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ. އަދި އެފަދަ މީހުން ރަށްރަށަށް ގޮސް ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ޕީސީއާރް ޓެސްޓް ހަދަން ޖެހޭކަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެއެވެ.

ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުގައި ހިދުމަތް ހޯދުމަށް ވެސް ވެކްސިން ފުރިހަމަ ކުރުން އެޗްޕީއޭއިން ވަނީ މަޖުބޫރުކޮށަފައެވެ. މީގެ އިތުރުން ވެސް ތަފާތު ހަރުކަށި ފިޔަވަޅުތަކެއް ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އަޅާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ނަމަވެސް މި ފިޔަވަޅުތައް ތަންފީޒުކުރާ މަންޒަރު ނުފެންނަކަމަށް ބުނެ ގިނަ ރައްޔިތުންތަކެއް ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވެކްސިން ފުރިހަމަ ކޮށްފައިވޭތޯ ބެލުމަށް ހިދުމަތް ދޭފަރާތުން މަސައްކަތެއް ނުކުރާ ކަމަށާއި ރަށްރަށުގެ ކައުންސިލުން ވެސް ވެކްސިން ފުރިހަމަކޮށްފައިވޭތޯ ނުބަލާކަމުގެ ޝަކުވާ ރައްޔިތުން ކުރެއެވެ.

ބޫސްޓާ ޑޯޒް ޖަހަން ފެށި ފުރަތަމަ ދުވަހު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ޑޯޒް ޖަހާފައެވެ. ބޫސްޓާ ޑޯޒް ޖެހުމަށް ހާއްސަކުރެވިފައިވާ ތަންތަނުގެ ކިޔޫގެ ބާރުބޮޑުވެ ސަރުކާރުން ވަނީ ވެކްސިން ޖެހުމަށް ފަސޭހަކުރުމަށް އިންތިޒާމްތައް ހަމަޖައްސާފައެވެ. އެކަމަކު އޭގެ ފަހުން އާންމުކޮށް މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތައް ހުހަށް އޮންނަކަން ވަނީ ފާހަގަކުރެވިފައެވެ.

މިދިޔަ 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ބޫސްޓާ ޑޯޒް ޖެހީ 2،601 މީހެކެވެ. އަދި ޖުމްލަ ރާއްޖެއިން ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދަކީ 49،142 މީހުންނެވެ. ނަމަވެސް މިހަރު ރާއްޖޭގައި ވެކްސިންފުރިހަމަ ކޮށްފައިވާ މީހުންގެ އަދަދު ހަތަރު ލައްކައާ ގާއްކުރާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

comment ކޮމެންޓް