އދގެ އާންމު މަޖިލީހުގެ ރައީސް ބަހްރައިނަށް ވަޑައިގެންފި

އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު --- ފޮޓޯ/ ޒިންހުއާ

އދގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދގެ ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ބަހްރައިނަށް ވަޑައިގެންފިއެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި ބަހްރައިނުގެ ހާރިޖީ ވަޒީރު ޑރ. އަބްދުއްލަތީފް ބިން ރަޝީދު އައްޒަޔާނީއާ ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި އދ އާއި ބަހްރައިނާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަދެއްކެވިއެވެ. އަދި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމާއި، މޫސުމީ ބަދަލުތަކާ ބެހޭ ދާއިރާތަކުގައި އެކީ މަސައްކަތް ކުރުމަށް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބަހްރައިނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

މީގެ އިތުރުން ބަހްރައިނުގެ ވެރިރަށް މަނާމާގައި ހުންނަ އދގެ އޮފީސްތަކުގެ މުވައްޒަފުންނާ ޝާހިދު ބައްދަލުކުރެއްވިއެވެ. އަދި އެ ގައުމުގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރު މުހައްމަދު ޒަރްގާނީއާ ވެސް ބައްދަލުކުރެއްވިއެވެ.

މޫސުމީ ބަދަލުތަކާ ބެހޭ މައްސަލަތަކުގައި އަބަދުވެސް ވަކާލާތު ކުރައްވާ ޝާހިދު ވަނީ ބަހްރައިނުގެ ސްޕެޝަލް އެންވޯއި ފޯ ކްލައިމެޓް ޗޭންޖު ޑރ. މުހައްމަދު ބިން މުބާރަކް ބިން ދާއިނާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކޮޕް 26ގެ ނިންމުންތަކާއި، ކުދި ޖަޒީރާ ގައުމުތަކުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ޑރ. މުހައްމަދަކީ ބަހްރައިނުގެ ސުޕްރީމް ކައުންސިލް ފޯ އެންވަޔަރަމަންޓުގެ ޗީފް އެގްޒެކެޓިވް ވެސް މެއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ.

comment ކޮމެންޓް