ޝެއިހް ޒައިދު އަދާލަތުގެ އިލްމުވެރިންްގެ މަޖިލީހުން އިސްތިއުފާ ދެއްވައިފި

ޝެއިހު އަލީ ޒައިދު

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި ޝެއިހް އަލީ ޒައިދު އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ.

ޝެއިހް ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި އިސްތިއުފާދެއްވި ކަން ހާމަކުރެއްވި ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަނުކުރައްވައެވެ.

އެ ޓްވީޓުގައި ޝެއިހް ޒައިދު ވަނީ އިލްމުވެރިންގެ މަޖިލީހުގެ ރައީސަށާއި ނައިބު ރައީސަށް އަދި މެންބަރުންނަށް ޝުކުރުއަދާ ކުރައްވާފައެވެ.

"އިލްމުވެރިންގެ މަޖިލީހުގެ ރައީސަށާއި ނައިބުރައީސަށް އަދި އެހެނިހެން ހުރިހާ މެންބަރުންނަށް އަޅުގަނޑާމެދު އަމަލުކޮށްދެއްވާފައިވާ ގާތްކަމާއި އޯގާތެރިކަމަށްޓަކައި ޝުކުރުދަންނަވަން،" ޝެއިހް ޒައިދުގެ ޓްވީޓުގައި ވެއެވެ.

އޭނާ އިސްތިއުފާ ދެއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމާފައި ވަނިކޮށެވެ.

އެކަމާ ބެހޭ ގޮތުން އިއްޔެ އަދާލަތު ޕާޓީގެ މަޖިލީހުގައި ނެގި ވޯޓުގައި ޝެއިހް ޒައިދު ވޯޓު ދެއްވީ އެ ނިންމުމާ ދެކޮޅަށެވެ. ޝެއިހް ޒައިދުގެ އިތުރުން ޑރ. އިޔާޒް އަބްދުއްލަތީފް ވެސް ވަނީ އެމްޑީފީގެ ކެންޑިޑޭޓަށް ތާއީދުކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

ވޯޓުގެ ކުރިން ޝެއިހް ޒައިދު ވަނީ ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ނުދޭން އެ ދާއިރާގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

comment ކޮމެންޓް