ސްޓެލްކޯގެ ގްރޭޓާމާލެ އިންޓަކަނެކްޓިވިޓީ ގްރިޑާ ހުޅުލެ ވެސް ގުޅާލައިފި

މާލެ ސަރަހައްދުގެ ރަށްތައް އެއް ކަރަންޓު ވިއުގައަކުން ގުޅާލުމަށް އުފައްދާފައިވާ ގްރޭޓާ މާލެ އިންޓަކަނެކްޓިވިޓީ ގްރިޑާ ހުޅުލޭގެ ކަރަންޓު ވިއުގަ ގުޅާލައިފިއެވެ.

ސްޓެލްކޯއިން ބުނީ މި މަސައްކަތް ފުރިހަމަކުރެވުނީ ހުކުރުދުވަހުގެ ރޭ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މާލެއާ ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. އަަދި ހުޅުލޭގައި 8 އެމްވީއޭ ގެ ދެ ޓްރާންސްފޯމަރު ބަހައްޓާފައިވެއެވެ. މިއީ ދިވެހިރާއްޖޭގައި މިހާތަނަށް ބެހެއްޓުނު އެންމެ ބޮޑެތި ޓްރާސްފޯމަރު ތަކެވެ.

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ. މި އެއްބަސްވުމުގައި ދެ ކުންފުނިން ސޮއިކުރީ މިމަހުގެ ހަވަނަ ދުވަހުއެވެ.

ގްރޭޓާ މާލެ އިންޓަކަނެކްޓިވިޓީ ގްރިޑަކީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގި ހަކަތައިގެ އެންމެ ބޮޑު މަޝްރޫއެވެ. މިއަދު ހުޅުލެ މި ގްރިޑާ ގުޅާލުމުން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމުނީއެވެ.

މާލެއާއި ހުޅުމާލެ މި ވިއުގައިން ގުޅާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އޭރު ސްޓެލްކޯ އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ވިލިމާލެއާއި، ގުޅީފަޅާއި، ތިލަފުށި މި ވިއުގަ އާއި ގުޅުވާލެވޭނެއެވެ.

comment ކޮމެންޓް