އަދާލަތު ޕާޓީއަކީ ކުޑަ އަގެއްގައި ދީން ވިއްކައިލައި ބައެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޖަމީލް މިއަދު "ސަން"އަށް ވިދާޅުވީ ދީނަށް ލޯބިކުރާ ބަޔަކު މި ސަރުކާރަށް އެހީތެރި ނުވާނެ ކަމަށެވެ.
ޖަމީލް ވިދާޅުވީ ދީނީ ގޮތުން މިއިން ޒަމާނަކު ކަންބޮޑުވާން ނުޖެހޭ އެތައް ކަމެއް މިހާރު ތަކުރާރުވަމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތާއި އެއްބައިވަންތަކަން، ރާއްޖޭގެ ގާނޫނުއަސާސީން ލާޒިމުކޮށްފައި އޮތް އޮތުމާ ޚިލާފަށް ސަރުކާރުގެ ގިނަ ސިޔާސަތުތަކެއް އެބަކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ކުއްލިއަކަށް މިސްކިތްތަކަށާއި މުސްހަފުތަކަށް ގެއްލުން ދިނުން އިތުރުވި ކަމަށެެވެ. އަދި މިސްކިތްތަކަކީ މަސްތުވާތަކެތި ބޭނުންކުރާ ތަނަކަށްވި ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
"ކީއްވެތޯ ނުހުއްޓުވެންވީ. އަޅުގަނޑުމެންނަކީ މުސްލިމު ގައުމެއް. ފުލުހުން ނެރިގެން ދެތިން އަންހެނަކާއި ފިރިހެނަކު ކިރިޔާ މުޒާހަރާއެއް ކުރާއިރަށް ނަގާ ޓީޝާޓުތަކާ އެއްޗެހި ބާލުވާ، ދިދަތައް އަތުލާ. ބާރުގެ ބޭނުންކޮށްގެން އެ ކަންތައްތައް ހުއްޓުވޭ،" ޖަމީލް ވިދާޅުވިއެވެ.
އެހެންކަމަށްވާނަމަ ރާއްޖޭގެ މިސްކިތްތައް ވެސް ހިމާޔަތް ކުރެވެން ޖެހޭނެކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
ކީރިތި ގުރުއާނާއި ރަސޫލާއަށް ފުރައްސާރަކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނައިން ކުރަމުން އަންނަ ކަމެއް ކަމުގައި ޖަމީލް ވިދާޅުވިއެވެ. އަދި ޕާކިސްތާނުފަދަ ގައުމުތަކުގައި އެކަން ބޮޑުވެގެން އެކަމަށް މަރުގެ އަދަބު ކަނޑައަޅައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ހޯމްސްޓޭ ޓޫރިޒަމަށް ފާޑު ވިދާޅުވަމުން، ޖަމީލް ވިދާޅުވީ ހުޅަނގުގެ ގައުމުތަކުގައި ވެސް މީހުން އައިސް ގޭތެރޭގަައި ވަކިން ކޮޓަރިތަކުގައި ނިންދަވާ ނުހަދާ ކަމަށެވެ. އޭގެ ސަބަބުން ނުކުންނާނެ ބައިވަރު ނޭދެވޭ ނަތީޖާތައް ހުންނާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
"އެކަންތައްތައް ކުރާ ކަމުގައި ވަންޏާ ގައިޑްލައިނެއް އޮންނަން ވާނެތާ. ރަށްރަށުގައި ރޯ އޮރިޔާމުން އެ އުޅެނީ. ފުވައްމުލަކުގައި ވެސް ރޯ އޮރިޔާމުން އެ އުޅެނީ. އެހެން ރަށްރަށުގައި އޮރިޔާމުން އުޅެނީ،" ޖަމީލް ވިދާޅުވިއެވެ.
އިތުރަށް ޖަމީލު ވިދާޅުވީ ރާއްޖޭގައި ގުރުއާން ކިޔަވައިނުދޭން ވެގެން ވެސް ސަރުކާރުން އެކިކަހަލަ އުކުޅުތައް ބޭނުންކުރަމުން ދާ ކަމަށެވެ. އެ ގޮތުން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ކީރިތި ގުރުއާނުގެ އާޔަތްތައް ކިޔަން އުނދަގޫކަމަށް ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮންވާހަކައެއްތޯ މި ދައްކަވަނީ. އިނގިރޭސި ޓާމިނޮލޮޖީ ކިޔަން ފަސޭހަތޯ ވަކި. ބަޔޮލޮޖީ، ކެމިސްޓްރީ ނުވަތަ ސައިންސްގެ އެހެން ޓާމްސް، ލީގަލް ޓާމްސް ކިޔަން ފަސޭހަތޯ؟." ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ދީނަށް ފުރައްސާރަ ކުރުމަކީ އިއްތިފާގެއް ނޫން ކަމަށެވެ. އަދި ތުނބުޅިއާއި މޫނު ބުރުގާއާ ގުޅިގެން ތަފާތުކުރުން ނުގެންގުޅޭނެ ކަމަށް މެނިފެސްޓޯގައި އޮތް ނަމަވެސް މިއަދު މަންޒަރު ތަފާތު ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ގޮވާލަނީ މިކަންތައްތައް މިހެން އޮތުމާއެކު އަދާލަތުފަދަ އާއްމު ޕާޓީތަކުގައި ތިބި މެންބަރުން އެބަޖެހޭ ސަމާލުވާން. އަދި އެ ޕާޓީ ދޫކޮށް ނުކުންނަން އަޅުގަނޑު މި ގޮވާލަނީ،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ސަރުކާރުގެ މި ސިޔާސަތުތަކަކީ ސައްތައިންސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އައިޑެންޓިޓީ ދުއްވައިލުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށެެވެ.