ރައީސް ނަޝީދުގެ އިންޒާރެއް: ރައީސް ޔާމީން އެ ކުރައްވަނީ ވަރަށް ނުރައްކާތެރި ކަމެއް

އޭޕްރީލް 11، 2021: ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްނަންގަވައިގެން، އިންޑިއާއާ ދެކޮޅަށް ހިންގަމުން އަންނަ ހަރަކާތަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ށ. ފޯކައިދޫގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމެހިފައިވާ ދުނިޔެއެއްގައި، ނޭފަތު ކުރީގައި ވިސްނުން ބަހައްޓައިގެން ކުރި ނުލިބޭނެ ކަމަށެވެ.

"ދިވެހި މީހާ، އޭނާގެ ވިސްނުން އޭނާގެ ރަށުގެ ގޮނޑުދޮށުން އަދި ރަށުގެ އުރަފަތުން، އަތޮޅުދުނިން ވެސް ބޭރަށް، ލާމެހިފައިވާ ދުނިޔެއަށް އެބަ ގުޅެން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްއިން އިސްނަގައިގެން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕެއިނަށް ނަޝީދު ވަނީ މި ޖަލްސާގައި ވެސް ފާޑުވިދާޅުވެ ވާހަކަދައްކަވައިފައެވެ.

"އައުޓެއް ނުވެވޭނެ، އިން ވާން ޖެހޭނީ، ބޭރު ވެގެނެއް ރޭރު ވެގެނެއް، ވާނޭ އިތުރު ކަމެއް އަޅުގަނޑަކަށް ވެސް ނެތް، ތި ބޭފުޅުންނަކަށް ވެސް ނެތް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ޔާމީން އިސްނަންގަވައިގެން ހުރެގެން އެ ކުރައްވަނީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި އޭގެ ގެއްލުން ދިވެހި ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

"ރަައީސް ޔާމީން އިސްނަވައިގެން އެ ކުރައްވަނީ ވަރަށް ނުރައްކާތެރި ކަމެއް، ވަރަށް ނުރައްކާތެރި ކަމެއް. އެ ބޭފުޅާއަށް އެނގިވަޑައިގަންނަވާ އެ ކުރައްވާ ކަންތައްތައް ދުނިޔޭގެ އެންމެ ބޮޑު ބާރެއްގެ ގޮތުގައި މިހާރު ފާހަގަވަމުން އަންނަ އަދި އަޅުގަނޑުމެންގެ އަވައްޓެރި ގައުމެއް،" އިންޑިއާއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ނަޝީދު ވިދާޅުވިއެވެ.

މި ކެމްޕެއިނުގެ ސަބަބުން ދިވެހިންނަށް ވާނީ ގެއްލުން ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މިގޮތަށް ގައުމުތަކާ ޖެހިގަތުމުން ލިބިފައިވާ ގެއްލުންތައް ދުނިޔޭގެ ތާރީހުން ފެންނަން އެބަހުރި ކަމަށެވެ. އަދި މިއީ މިނިވަންކަން ގެއްލުމަށް ހުށަހެޅިދާ ފަދަ ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވައިފައެވެ.

"އޭގެ ނުރައްކާތެރިކަން އިންސާނީ ތަޖުރިބާ، ގައުމުތަކުގެ ހަޔާތުން، އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި، ގައުމުތަކުގެ އިސްތިގްލާލު، ގައުމުތަކުގެ މިނިވަންކަން ގެއްލި މިދަނީ ބޮޑެތި ބާރުތަކާ ނަފްރަތު އުފެއްދުމުގައި،" ނަޝީދު ވިދާޅުވިއެވެ.

މިފަދަ ކަންކަމަށް ދިވެހިން ތާއީދުނުކުރާ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ހަރަކާތްތަކަށް ނަޝީދު އަންނަނީ އަބަދުވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަދައްކަވަމުންނެވެ.

comment ކޮމެންޓް