އެމްޑީޕީ އިތުރު 10 އަހަރު ވެރިކަމުގައި އޮންނަންޖެހޭ: ރައީސް ނަޝީދު

ރައީސް ނަޝިދު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވެރިކަމުގައި އިތުރު 10 އަހަރު އެމްޑީޕީ އޮންނަންޖެހޭ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ށ. ފޯކައިދޫގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވުމަށް ވެރިކަމުގައި އޮންނަންވީ އެމްޑީޕީކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ތަސައްވަރާއެއްގޮތަށް ވެރިކަން ކުރާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމަށެވެ. އަދި ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދިނީ ވެސް ހަމަ އެ ޕާޓީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އުފެއްދި ހިނގަމުން އަންނަނީ އެންމެ ބޭނުމަކަށް. ތިބޭފުޅުންގެ އާންމު ހާލަތު ރަނގަޅު ކުރެވޭނޭ ވިސްނުން އަޅުގަނޑުމެން ހޯދުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންތިޒާމް ވެގެން ސިޔާސީ ހަރަކާތެއް ހިންގަން ފެށޭނީ ވެސް ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވެގެން ކަމަށެވެ. އަދިވެސް އެދެނީ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ލިބުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ތަރައްގީއަކީ ހަމައެކަނި ކޮންކްރިޓުން ލިބޭނެ އެއްޗެއް ކަމަށް އެމަނިކުފާނު ގަބޫލު ނުކުރާކަމަށާއި އެމަނިކުފާނު ގަބޫލުކުރައްވާ ތަރައްގީއަކީ މީހާއަށް ލިބޭ ކުރިއެރުމާއި އެމީހާއަށް އަންނަ ބަދަލު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އުމްރާނީ ބިނާތަކަކުން އަޅުގަނޑުމެންގެ ރައްޔިތެއް ތަރައްގީ ވެދާނެކަމަށް އެމީހުންގެ އާންމު ހާލަތު ބަދަލުވެދާނެ ކަމަށް ދެކެވޭ ދެކުމަކީ ކުށް ހީއެއް. ބޮޑު ހިލަ ބަނދަރެއް، އެއްގަމު ތޮއްޓެއް، ކޮންކްރީޓުގެ މިންވަރެއް އެއީ އެއްނޫން އަޅުގަނޑުމެން މި ދަންނަވާ ތަރައްގީ އަކީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އާމްދަނީ އިތުރުވެ ޖީބަށް ވަންނަ އެއްޗެއް މިއަދަށް ވުރެ ރަނގަޅުވުމަކީ އެދޭ އެދުމެއް ކަމަށާއި, އެކަމަށް އެންމެ ފަހުން ނިންމި ނިންމުމަކީ, އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ގެންގުޅުއްވި ހަމައެކަނި ސިޔާސަތަކީ އެންމެން އެއްތަނަކަށް އެއްކޮށް ތޮއްޖެއްސުން ކަމަށެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ފޯރި އެ ދާއިރާގައި އަންނަނީ ގަދަވަމުންނެވެ.

ރައީސް ނަޝީދާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް އެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް އެ ރަށަށް ވަޑައިގަތުމަށް ނިންމެވިއެވެ. ނަމަވެސް އެެރަށަށް ވަޑައިގަތުމުގެ ކުރިން ނެންގެވި ކޮވިޑްގެ ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެން އެ ދަތުރަގައި ބައިވެރިވެވޭ ގޮތްވަނީ ނުވެފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝީދެވެ. އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީ އާދަމެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ޓީޗަރެއް ކަމުގައިވާ އަބްދުލް ހައްނާނު އިދުރީސްއެވެ.

comment ކޮމެންޓް