ފުރަތަމަ ފަހަރަށް ޔޫތު ޗެމްޕިއަންޝިޕަށް ސަސް ނުކުންނާނީ ވަރުގަދަ ސްކޮޑަކާއެކު

ސަސް ޔޫތު ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން -- ސަން ފޮޓޯ/

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އަކީ ޔޫތު މުބާރާތަށް އައު ޓީމެކެވެ. މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ވާނީ އެ ޓީމުގެ ފުރަތަމަ ޔޫތު މުބާރާތަށެވެ. އެ މުބާރާތަށް ހާއްސަކޮށް އެ ޓީމުން ވަނީ ވަރުގަދަ ސްކޮޑެއް އެކުލަވައިލައި ފަރިތަކުރުންތައް ފަށައިފައެވެ.

ސަސްގެ ޔޫތު ޓީމުގެ ކޯޗު މުހައްމަދު ފަރީދު "ސަން"އަށް ބުނީ މުބާރާތަށް ޓީމެއް އެކުލަވައިލައި ތައްޔާރުވާން ލިބުނީ ވަރަށް ކުޑަ ދުވަސްކޮޅެއް ކަމަށެވެ. އަދި ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކާ ހިލާފަށް ސަސްގައި އެކަޑަމީއެއް ނެތުމުން ޓީމު އެކުލަވައިލުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށް ފަރީދު ފާހަގަކުރިއެވެ.

"އަޅުގަނޑުމެންނަށް ސަސްގެ ޓީމެއް މުޅިން އަލަށް އެކުލަވައިލަން މި ޖެހުނީ. ދެން އެ އުނދަގޫތައް ހުރި. ރަށްރަށުން ގިނަ ޕްލޭޔަރުން މި ހޯދީ. ލިބުނު ދުވަސްކޮޅާ ބަލާފަ ވަރަށް ހިތްހަމަޖެހެޔޭ ބުނާނީ،" ފަރީދު ބުންޏެވެ.

ސަސް ޔޫތު ޓީމުގެ ކޯޗު އަބްދުﷲ ފަރީދު --

ސަސްއަށް ކުޅުންތެރިން ނަގަން، މުޅި ރާއްޖެއަށް ހުޅުވައިލައިގެން ޓްރަޔަލްއެއް ބޭއްވިއެވެ. އެ ޓްރަޔަލްގައި 19އަހަރުން ދަށުގެ ޓީމަށާއި ސީނިއާ ޓީމަށް ވެސް ވަނީ ކުޅުންތެރިން ނަގައިފައެވެ.

ފަރީދު ބުނީ ރަށްރަށުން ޓީމާ ގުޅުނު ކުޅުންތެރިން ވަރަށް ހުނަރުވެރިކަމަށެވެ. އަދި ރަނގަޅު ކޯޗެއްގެ ދަށުން ތަމްރީނުކޮށްފިނަމަ ސީނިއާ ލެވެލަށް ވެސް އެ ކުޅުންތެރިން ގެންދެވޭނެކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ޔޫތު މުބާރާތަށް ރަށްރަށުން ކުޅުންތެރިން ގެނައުމުގައި ގިނަ ދަތިތަކެއް ޓީމުތަކަށް އަންނަނީ ކުރިމަތިވަމުންނެވެ. އެ ދަތިކަން ސަސްއަށް ވެސް އެބައޮތެވެ.

އެކަން ފާހަގަކުރަމުން ފަރީދު ބުނީ ކުޅުންތެރިން އައިސް ތިބޭނެ ތަނެއް ނެތުމަކީ ގޮންޖެހުމެއް ކަމަށެވެ. އަދި ބައެއް ކުޅުންތެރިން ހުންނާނެތަނެއް ނެތްނަމަ ސީނިއާ ޓީމަށް އެކޮމަޑޭޝަން ބްލޮކުން ލިބޭ ސްލޮޓަށް ލަނީކަމުގައި އޭނާ ބުންޏެވެ.

މުޅިން އަލަށް ޔޫތު މުބާރާތެއްގައި ވާދަކުރާއިރު ފަރީދުގެ އުއްމީދު ޓީމާމެދު ބޮޑެވެ. ކުޅުންތެރިންގެ މަސައްކަތު ރޭޓަށް ބަލާއިރު، މުބާރާތުގައި ރަނގަޅު ހިސާބަކަށް ދެވިދާނެކަމަށް އޭނާ ގަބޫލު ކުރެއެވެ.

"ޓާގެޓަކީ މުބާރާތުގައި ދުރަށް ދިއުން އިރާދަކުރެއްވިއްޔާ. އުއްމީދަކީ އެޓްލީސްޓް ސެމީއަށް ދިއުން. ވަރަށް އުއްމީދު އެބައޮތް މި ކުޅުންތެރިންގެ ވޯކްރޭޓާ މަސައްކަތާ އެ އަންނަ އިމްޕްރޫވްމަންޓްސްއަށް ބަލާލާއިރު މުބާރާތުގައި ދުރަށް ދިއުމުގެ އުއްމީދު އެބައޮތް،" ފަރީދު ބުންޏެވެ.

ސަސްގެ ޔޫތު ޓީމުން ފުރަތަމަ ފަރިތަކުރުންތައް ފެށީ ސީނިއާ ޓީމާއެކުއެވެ. ސީނިއާ ޓީމާއެކު ވެސް ރަނގަޅު ފަރިތަކުރުންތަކެއް ޔޫތު ޓީމުގެ ކުޅުންތެރިންނަށް ލިބުނުކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ސަސް ޔޫތު ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން -- ސަން ފޮޓޯ/

ސަސްގެ ފަރިތަކުރުންތަކުގައި މިހާރު 25 ކުޅުންތެރިން ބައިވެރިވެއެވެ. ނަމަވެސް ތަންކޮޅެއް ފަހުން ބައެއް ކުޅުންތެރިން ޓީމާ ގުޅުމުން "ކޮމްބިނޭޝަން"ގައި ދަތިތަކެއް ހުރިކަމަށް ފަރީދު ފާހަގަ ކުރިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސަސްއިން ވާދަކުރާނީ ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު، އީގަލްސްއާއެވެ.

ފަރީދު ބުނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ކާމިޔާބީއަކަށް އުއްމީދުކުރާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އީގަލްސްއާއެކު ރަނގަޅު ކުޅުމެއް ދައްކާ ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރަން،" ފަރީދު ބުންޏެވެ.

އިތުރަށް ފަރީދު ބުނީ، މުބާރާތަށް ޓީމު ތައްޔާރުކުރަން އެކަށީގެންވާ ވަގުތު ނުލިބުނު ކަމަށެވެ. މުޅިން އަލަށް، ރަށްރަށުން ކުޅުންތެރިން ގެނެސްގެން ޓީމެއް އެކުލަވައިލަން ވަގުތު ބޭނުންވާނެ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ސަސްގެ ޔޫތު ޓީމުގައި ގައުމީ 19 އަހަރުން ދަށުގެ ޓީމުގެ ކީޕަރު ޔޫސުފް މީސަމް ހުރުމަކީ ފަރީދަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. މިދިޔަ އަހަރު ލަންކާގައި އޮތް މަހިންދަ ރާޖަ ޕަކްސާ ކަޕަށް ދިޔަ ގައުމީ ސީނިއާ ޓީމުގައި ވެސް ޔޫސުފް ހިމެނުނެވެ.

ސަސް ޔޫތު ޓީމުގެ މުހިންމު ކުޅުންތެރިއެއްކަމަށްވާ ވިޝާން އަބްދުލްމަޖީދު (ވިއްޓު) "ސަން"އަށް ބުނީ ފަރިތަކުރުންތައް ވަރަށް ރަނގަޅަށް ކުރިއަށް ދާ ކަމަށެވެ.

ވިޝާން ބުނީ ކުޅުންތެރިންގެ ގުޅުން އަދި އެހާ ރަނގަޅު ނޫން ކަމަށެވެ. ސަބަބަކީ މުޅިން އަލަށް ވެސް ގިނަ ކުޅުންތެރިންތަކެއް ޓީމާ ގުޅިފައިވުމެވެ.

"ޓާގެޓަކީ ވީހާ ވެސް ކުރިއަކަށް ދިއުން މުބާރާތުގެ. އިރާދަކުރެއްވިއްޔާ ފައިނަލަށް ދާނެ،" ވިއްޓު ބުންޏެވެ.

ސަސްގެ ވިއްޓު "ސަން"އާ ވާހަކަ ދައްކަނީ ދެނީ --

މުބާރާތަށް މުޅިން އަލަށް ސަސް ނުކުންނަ އިރު އެ ޓީމު އޮތީ ގުރޫޕް އޭގައެވެ. ސަސް ހިމެނޭ ގުރޫޕް އޭގައި އީގަލްސް އާއި މާޒިޔާ އަދި ގްރީން ސްޓްރީޓްސްގެ އިތުރުން ދެން ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.

comment ކޮމެންޓް