ޑެޒްކޯގެ ލަނޑާއެކު މޮޅުވެ، އިންޓަ މިލާން އެއްވަނައަށް

އިންޓަ މިލާންއާއި ވެނެޒިއާ މިރޭ ވާދަކުރި މެޗުގެ ތެރެއިން --

އިޓާލިއަން ލީގުގައި މިރޭ އިންޓަ މިލާންއާއި ވެނެޒިއާ ބައްދަލުކުރި މެޗުގެ ނުވަދިހަ ވަނަ މިނެޓުގައި އެޑިން ޑެޒްކޯ ކާމިޔާބު ކުރި ލަނޑާއެކު މެޗުން މޮޅުވެ، ތާވަލްގެ އެއްވަނައަށް އިންޓާ މިލާން ހަމަޖެހިލައިފިއެވެ.

އިންޓަ މިލާންގެ ދަނޑުގައި މިރޭ ކުޅުން މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ނަވާރަ ވަނަ މިނެޓުގައި ވެނެޒިއާގެ ޖާޒީ ނަންބަރު 14 ތޯމަސް ހެންރީ އެ ޓީމަށް ލަނޑެއް ޖަހައިދީ ލީޑު ނަގައިދިނެވެ. ނަމަވެސް މެޗުގެ ސާޅީސް ވަނަ މިނެޓުގައި އިންޓާ މިލާންގެ ޖާޒީ ނަންބަރު 23، ނިކޮލޯ ބަރެއްލާ ވަނީ ލަަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ލަނޑަށްފަހު ވެސް އިންޓާއިން ވަނީ އިތުރު ލަނޑެއް ޖެހުމަށް މަސައްކަތްކޮށް، ވެނެޒިއާގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ.

މެޗުގެ ބޮޑުބައި އިންޓާއިން ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، ނުވަދިހަ ވަނަ މިނެޓުގައި އިންޓާ މިލާންގެ ޖާޒީ ނަންބަރު ނުވައެއް، އެޑިން ޑެޒްކޯ ކާމިޔާބުކުރި ލަނޑާއެކު އިންޓާއިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މިމޮޅާއެކު، 22 މެޗުން ލިބުނު 53 ޕޮއިންޓާއެކު އިންޓާ އޮތީ ތާވަލްގެ އެއް ވަނައިގައެވެ. ހަމަ އެ އަދަދަށް މެޗު ކުޅެ ލިބުނު 48 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި އޮތީ އޭސީ މިލާނެވެ. 46 ޕޮއިންޓާއެކު ނަޕޯލީ ތިންވަނައިގައި އޮތް އިރު، 42 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ އެޓަލަންޓާއެވެ.

އިޓާލިއަން ލީގުގައި މިރޭ ވެރޯނާ އަދި ބޮލޮގްނާ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ވެރޯނާއެެވެ. އަދި ޖެނޯއާ އާއި އުދިނޭޒީ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުންކުރެ އެއް ޓީމަކަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

comment ކޮމެންޓް