ފަހު ވަގުތު ރަޝްފޯޑް ޖެހި ލަނޑާއެކު މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް ހަތަރުވަނައަށް

މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހާމް ޔުނައިޓެޑް މިރޭ ވާދަކުރި މެޗުގައި ގޯލު ޖެހުމަށްފަހު ރަޝްފޯޑް އުފާފާޅުކުރަނީ --

މިރޭ ވެސްޓް ހާމް ޔުނައިޓެޑާ ވާދަކުރި މެޗުގެ ފަހު ވަގުތު ޖެހި ލަނޑާއެކު މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

ޔުނައިޓެޑު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފަހު ސިކުންތުގައި އެ ޓީމު މޮޅުވީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި 62ވަނަ މިނެޓުގައި ކުޅެން އެރި މާކުސް ރަޝްފޯޑު ޖަހައިދިން ލަނޑަކުންނެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ އެޑިސަން ކަވާނީ ނަގައިދިން ހުރަހަކުންނެވެ.

މިރޭގެ މޮޅާއެކު ލިބުނު ތިން ޕޮއިންޓުން ޔުނައިޓެޑް ވަނީ 38 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފައެވެ. މެޗުން ބަލިވިނަމަވެސް ވެސްޓް ހާމް ޔުނައިޓެޑް އޮތީ 23 މެޗުން ލިބުނު 37 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސް ވަނައިގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ވަޓް ފޯޑާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗުން ނޯވިޗް ސިޓީ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އެވަޓަންއާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު 1-0 އިން އެސްޓަން ވިލާ ވަނީ ކާމިޔާބުކޮށްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލް އެއް ވަނައިގައި މިވަގުތު 56 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީ އޮތްއިރު، 45 ޕޮއިންޓާއެކު ދެވަނައިގަ އޮތީ ލިވަޕޫލެވެ. އަދި ޗެލްސީ އޮތީ ތާވަލްގެ ތިން ވަނައިގައި 44 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް