އައިސީސީން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި

އައިސީސީން އިންތިޒާމުކުރި ބްލަޑް ކޭމްޕު ފެށުމުގެ ތެރެއިން --- ފޮޓޯ: އައިސީސީ

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އެ ގައުމުގެ ކަލްޗަރަލް ސެންޓަރު (އައިސީސީ)ން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.

މި ކޭމްޕު ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުނޫ މަހާވަރެވެ.

ނޭޝަނަލް ބްލަޑް ސާވިސަސްގައި މިއަދު ބޭއްވި ލޭ ހަދިޔާކުރުމުގެ ކޭމްޕު ފައްޓަވައިދެއްވަމުން ހެލްތު މިނިސްޓަރު ނަސީމް ވަނީ މިފަދަ ކަންކަމުގައި އަބަދުވެސް އެ މިނިސްޓްރީގެ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މި ކޭމްޕަށް ލޭ ހަދިޔާކުރެއްވި ބޭފުޅުންގެ ތެރޭގައި އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރު ޑރ. ސައްޔިދު ތަންވީރު ނަސްރީނާއި، ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އާމިނަތު ޝަތުފާ ޝަފީއު ހިމެނެއެވެ.

އައިސީސީގެ ޑިރެކްޓަރު ޑރ. ނަސްރީން ވިދާޅުވީ މި ކޭމްޕުގައި ގާތްގަނޑަކަށް ތިރީހަކަށް މީހުން ބައިވެރިވެ، ލޭ ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑުގެ ފިޔަވަޅުތަކުގެ ސަބަބުން ލޭ ހަދިޔާކުރަން ބޭނުންވި ގިނަ ބަޔަކަށް އެ ފުރުސަތު ނުދެވުނުކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"މިދިޔަ ތިންމަހުގެ ތެރޭ ކޮވިޑް ޖެހިފައިވާ މީހަކަށް ޑައިރެކްޓު ކޮންޓެކްޓު ވެގެންނާއި، މާލެއިން ބޭރަށް ދިއުން ކަހަލަ ކަންކަމާ ގުޅިގެން ގިނަ ބަޔަކަށް ވަނީ ލޭ ނުދެވި އަނބުރާ ދާންޖެހިފައި،" ޑރ. ނަސްރީން ވިދާޅުވިއެވެ.

މިދަތިތަކާ އެކު ވެސް މިއީ ކާމިޔާބު ކޭމްޕެއް ކަމަށް އައިސީސީން ބުނެއެވެ.

މިދިޔަ އަހަރު ވެސް އައިސީސީން ވަނީ ލޭ ހަދިޔާކުރުމުގެ ތިން ކޭމްޕެއް ބާއްވާފައެވެ.

މީގެ އިތުރުންވެސް އެ ސެންޓަރުން އަންނަނީ ތަފާތު އިޖްތިމާއީ ހަރަކާތްތައް އިންތިޒާމުކުރަމުންނެވެ. އެގޮތުން، ބީޗް ސާފުކުރުމާއި، ހެލްތު ޗެކްއަޕްސް އަދި އިޖްތިމާއީ ހޭލުންތެރިކަމުގެ ޕްރޮގުރާމުތައް މީގެ ތެރޭގައި ހިމެނެއެވެ.

comment ކޮމެންޓް