އެމްއާރްއެމްއިން ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރޭ، ގޮވާލީ އިންތިހާބަށް ނުފޫޒު ނުފޯރުވަން

އެމްއާރްއެމްގެ ޒައީމް، މައުމޫން އަބްދުލްގައްޔޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު -- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން ހިންގަމުން އަންނަ ގާނޫނާ ހިލާފު ކަންކަން ހުއްޓާލައި، އިންތިހާބަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ގޮވައިލައިފިއެވެ.

އެމްއާރްއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިން ކުރިއަށް ދާއިރު، ގާނޫނުތަކާ ހިލާފު ކަންކަން ފެންމަތިވަމުން އަންނަ ކަމަށެވެ.

މިފަދަ ކަންކަމަކީ މީގެ ކުރިން ވެސް ރާއްޖޭގައި އިންތިހާބުތަކާ ދިމާކޮށް ހިނގައިފައިވާ ކަންކަން ކަން ފާހަގަކޮށް، މިއީ ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ އެކިއެކި މައްސަލަތަކުގެ އަސްލާވެސް ގުޅިފައިވާ ކަންކަން ކަމަށް އެމްއާރްއެމުން ބުނެފައިވެއެވެ.

"އިންތިޚާބުތަކާ ގުޅުވައި، ރައްރަށާއި ދާއިރާތަކަށް އަމާޒުކޮށްގެން އެކިއެކި މަޝްރޫއުތައް ހިންގުމާއި، ކެންޕެއިން ދުވަސްވަރު ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި، އިލެކްޓްރޯނިކް ސާމާނާއި، ނަގުދު ފައިސާ އަދި ހައްޖާއި އުމްރާ ދަތުރާއި، މަތީ ތައުލީމުގެ ފުރުސަތުތައް ފަދަ "ހަދިޔާ" ރައްޔިތުންނަށް ދިނުމުގެ އިތުރުން ވަޒީފާ އާއި އަސާސީ އެހެނިހެން ޚިދުމަތްތަކަށް ނޫފޫޒު ފޯރުވައި، ބިރު ދެއްކުމާއި އަދި އައިޑީ ކާޑު ފޮރުވުން ފަދަ ކަންކަމަކީ އިންތިޚާބުގެ މާނަ އޮޅޭފަދަ މިންވަރަށް ރާއްޖޭގައި މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި ހިނގާފައިވާ ކަންކަމެވެ." އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރްއެމުން ވަނީ ކުރިއަށް މިއޮތް އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންންނާއި، ސިޔާސީ ޕާޓީތަކުން ވެސް ގާނޫނާ ގަވާއިދުތަކަށް އަމަލު ކުރުމަށް ގޮވައިލައިފައެވެ.

ހަމައެހެންމެ އިންތިހާބަށް ހަރަދުކުރުމުގައި ވެސް ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 1500 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރުނުވާނެ އަދަދަކަށް ހަރަދު ކުރުމަށް ވަނީ ގޮވައިލައިފައެވެ.

މީގެ އިތުރުން ދާއިރާގެ ރައްޔިތުން ވޯޓު ދިނުމުގައި ނުފޫޒުން އެއްކިބާވެ، އެންމެ ގާބިލު ކެންޑިޑޭޓަށް ވޯޓު ދިނުމަށް ވެސް އެމްއާރްއެމުން ވަނީ އެދިފައެވެ.

މި ބަޔާނާ ގުޅިގެން "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއާރްއެމްގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް ބައި-އިލެކްޝަންގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދުކުރަން އެމްއާރްއެމުން ނިންމައިފައި ނުވާ ކަމަށެވެ.

އެމްއާރްއެމުން މިފަދައިން ބުނެފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމައިފައެވެ. އަދި ކޯލިޝަންގައި ދެން ހިމެނޭ އަދާލަތު ޕާޓީން ކެންޑިޑޭޓަކަށް ތާއީދުކުރުމާ މެދު މިއަދު ގޮތެއް ނިންމާނެއެވެ.

އިންތިހާބަށް ނުފޫޒު ނުފޯރުވުމަށް ގޮވައިލައި އެމްއާރްއެމުން ބަޔާނެއް ނެރެފައި މިވަނީ، އިންތިހާބާ ދިމާކޮށް ކޮމަންޑޫ ދާއިރާގައި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ފަށަމުން އަންނަ ކަމަށް ބުނެ ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް