ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ދެ މީހުންނަށް މާފުދިނީ ރައީސް ޔާމީން: ކްލެމެންސީ ބޯޑު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފައިލް ފޮޓޯ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ދެ މީހަކަށް މައާފުދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ކްލެމެންސީ ބޯޑުން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން އަޕްޑޭޓްކުރުމަށްފަހު އާންމުކުރި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މީހުންގެ ވަނަވަރު ހިމެނޭ ދަފްތަރުގައި ވަނީ ދެ މީހަކަށް މާފު ދީފައިވާ ކަމަށް ބުނެފައެވެ.

ދަފްތަރުގައި ބުނެފައިވާގޮތުން ކްލެމެންސީ ބޯޑުގެ ނިންމުމާ އެއްގޮތަށް މައާފް ދީފައިވަނީ ހދ. މާވައިދޫ، ބޮލިޖެހިގެ، އަފްރަހް ހުސައިން،31، އާއި ނ. މަގުދޫ، ޖަހާމުގުރިގެ، މުހައްމަދު ޖަލީލު،28،އެވެ.

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އަފްރަހްގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކޮށްފައި ވަނީ މާޗް 24، 2013 ގައެވެ. އޭނާއަށް އިއްވާފައި ވަނީ 14 އަހަރުގެ ޖަލު ހުކުމެކެވެ.

އެ ދައުވާ ސާބިތުވެ ޖަލީލު 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ޑިސެމްބަރު 27، 2012 ގައެވެ.

މިކަން ނޫސްތަކުގައި ރިޕޯޓުކުރުމާ ގުޅިގެން، އޭޖީ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ މި ދެ މީހުންނަށް ވެސް މާފު ދީފައިވަނީ ކުރީގެ ސަރުކާރުގައި، އޭރުގެ ރައީސް ޔާމީން ކަމަށެވެ.

ކްލެމެންސީ ބޯޑު ހިންގަމުން އަންނަނީ އޭޖީ އޮފީހުގެ ދަށުންނެވެ. އެ ބޯޑުގެ ރައީސަކީ ވެސް އޭޖީއެވެ.

މާފު ދީފައިވާ އަފްރަހު ހުސައިންގެ އަދަބު އެއް މަހަށް ކުރުކޮށް، އަދަބު ލުއި ކުރަން ކްލެމެންސީ ބޯޑުން، ރައީސް ޔާމީނަށް ލަފާ ދިނީ މާޗު 22، 2016ގައި ކަމަށް ހުސައިން ވިދާޅުވިއެވެ. އަދި އެ ނިންމުމަށް އަމަލު ކުރަން އޭރުގެ ރައީސް ޔާމީން ނިންމެވީ ސެޕްޓެމްބަރު 8، 2016ގައި ކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ މުހައްމަދު ޖަމީލުގެ އަދަބު ހަތް ދުވަހަށް ކުރުކޮށް، އަދަބު ލުއި ކުރަން އޭރުގެ ރައީސަށް ކްލެމެންސީ ބޯޑުން ލަފާ ދިނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 29 ގައި ކަމަށާއި އެ ނިންމުމަށް އަމަލު ކުރަން އޭރުގެ ރައީސް ނިންމެވީ ސެޕްޓެމްބަރު 8، 2016ގައި ކަމަށް ވެސް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ކްލެމެންސީ ބޯޑަކީ މާއާފްކޮށްދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން އެ ހުށަހެޅުން ދިރާސާކޮށް އެ ހުށަހެޅުމާ މެދު އަމަލުކުރަންވީ ގޮތުގެ ލަފާދިނުމަށް އުފައްދާފައިވާ ބޯޑެކެވެ.

އެ ގާނޫނުގެ ދަށުން ހުކުމްކޮށްފައިވާ މީހުންގެ ތެރެއިން މި ސަރުކާރުން ވަނީ ރައީސް އޮފީހުގެ ކުރީގެ އަންޑާ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ހޯރައިއްބެ) މިނިވަންކޮށްފައެވެ. ހޯރަ އިއްބެގެ މައްޗަށް ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ޑިސެމްބަރު 1، 2013 ވަނަ ދުވަހުއެވެ.

އޭނާ ދޫކޮށްލުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲވެސް ހިމެނިވަޑައިގަންނަވައެވެ.

comment ކޮމެންޓް