ދުނިޔޭގެ ހުރިހާ ގައުމަކަށް ވުރެ ކުރިއަރަން ޗައިނާދަނީ ވަރަށް ބާރަށް މަސައްކަތް ކުރަމުން : އެމެރިކާ

އދ. މަޖިލިސް (22 ޖަނަވަރީ 2022) : މަތީ ޓެކްނޮލޮޖީގެ ބައެއް ދާއިރާ ތަކުގައި އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު ޗައިނާ ކުރިއަރަމުން ދާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އެއްބަސްވެ ވަޑައިގެންފިއެވެ.

ބައިޑެން ވިދާޅުވީ ހުރިހާ ބާވަތެއްގެ ސިނާއަތުގައި ދުނިޔޭގެ ހުރިހާ ގައުމަކަށް ވުރެ ކުރިއަށް ދިޔުމަށް ޗައިނާދަނީ ވަރަށް ވަރުގަދަ ރޫހެއްގައި މަސައްކަތް ކުރަމުންކަމަށާ ސެމީކޮންޑަކްޓަރު ސިނާއަތުގައި ކުރުމުއްދަތެއްގެ ތެރޭގައި ޗައިނާ ވަރަށް ބާރަށް ކުރިޔަށްގޮސްފައިވާ ކަމަށެވެ.

މަތީ ޓެކްނޮލޮޖީގެ ބައެއް ދާއިރާތަކުގައި އެމެރިކާ އޮތީ ޗައިނާއަށް ވުރެ ދަށުގައިކަން ހާމަކުރައްވަމުން ބައިޑެން ވިދާޅުވީ ހަރުކަށިކޮށް ޗައިނާއާ ވާދަކުރަން އެމެރިކާ ބޭނުންނުވާ ކަމަށެވެ. ނަމަވެސް ޗައިނާއާ ވާދަކުރާ ގައުމެއްގެ ގޮތުގައި އެމެރިކާ އޮންނަން ބޭނުންވާކަން ބައިޑެން ފާހަގަ ކުރެއްވިއެވެ.

އިންސާނުންގެ ދިރިއުޅުމަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ތަކެތި އެއްޗެއް އުފައްދައި އެތަކެތި ފުޅާދާއިރާއެއްގައި އެކްސްޕޯޓްކުރާ ދުނިޔޭގެ ހަމައެކަނި ގައުމަކީ ޗައިނާއެވެ. އެމެރިކާއާއި ޖަޕާން އަދި ޔޫރަޕްގެ ގައުމުތައް ފަދަ ސިނާއީ އެހެން ގައުމު ތަކަކީ ވަކިބާވަތެއްގެ ތަކެތި އުފައްދައި އެކްސްޕޯޓް ކުރުމުގައި ކުރިއަރައި އަދި ނަން މަޝްހޫރު ގައުމުތަކެވެ.

އެމެރިކާއަށް ބަލާއިރު އެމެރިކާ އެންމެ ބޮޑަށް ކުރިއަރާފައިވަނީ މަދަނީ މަތިންދާބޯޓުގެ ސިނާއަތާއި ހަތިޔާރުގެ ސިނާއަތާ އަދި ސޮފްޓްވެއާގެ ސިނާއަތްތަކާއި ތެލުގެ ސިނާއަތްފަދަ ބޮޑެތި ސިނާއަތްތަކުގައެވެ. ޖަޕާން މަޝްހޫރުވެފައިވަނީ އިލެކްޓްރޯނިކް ސިނާއަތްފަދަ ވަކި ސިނާއަތްތަކެއްގައެވެ. ޔޫރަޕްގެ ބޮޑެތި ބާރުތަކަކީ މަދަނީ މަތިންދާބޯޓުގެ ސިނާއަތާއި ހަތިޔާރުގެ ސިނާއަތްފަދަ ސިނާއަތްތަކުގައި ކުރިޔަށްގޮސްފައިވާ ގައުމުތަކެކެވެ.

ނަމަވެސް ޗައިނާއަކީ ދިރިއުޅުމަށް ބޭނުންވާ އެންމެ ކުދިކުދި ތަކެތިން ފެށިގެން ހަތިޔާރުގެ ސިނާއަތާއި އިލެކްޓްރޯނިކް ސިނާއަތާއި ސޮފްޓްވެއާގެ ސިނާއަތާއި ތެލުގެ ސިނާއަތްފަދަ ހުރިހާ އުފެއްދުންތަކެއް އުފައްދައި އެކްސްޕޯޓް ކުރުމުގައި ދުނިޔޭގެ އެއްވަނައެވެ. އެހެންކަމުން ޗައިނާ ސިފަވެފައިވަނީ ދުނިޔޭގެ ބިޔަ ކާރުޚާނާގެ ގޮތުގައެވެ.

ޑާވޮސްގެ އިގްތިސާދީ ފޯރަމްގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގެން ދާދިފަހުން ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ރައީސް ޝީޖިންޕިން ވަނީ ފަނާކުރަނިވި ވާދަވެރިކަމުގެ ބަދަލުގައި ބިނާކުރަނިވި ވާދަވެރިކަމަށް ދިޔުމަށާ އިންސާނިއްޔަތަށް ފައިދާބޮޑީ އެގޮތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

މިއީ ޗައިނާ ވަށާލުމަށްޓަކައި ޖަޕާނާއި އިންޑިއާ އަދި އޮސްޓްރޭލިއާ އާ ގުޅިގެން އޭޝިއާ ޕެސިފިކް ސަރަހައްދުގައި އެމެރިކާ ރާވާ ރޭވުންތަކާއި ޗައިނާއާއި އެމެރިކާގެ ވިޔަފާރީގެ ގުޅުންތައް ސިޔާސީ ކުރުމަށް އެމެރިކާ ކުރާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ޝީ ދެއްކެވި ވާހަކަތަކެއް ކަމަށްވަނީ ބެލެވިފައެވެ.

އާޓިފިޝަން އިންޓެލިޖެންސްފަދަ މަތީ ޓެކްނޮލޮޖީގެ ގިނަ ސިނާއަތްތަކުގައި ކުރިޔަށް އޮތް މަދުއަހަރުތަކެއްގެ ތެރޭގައި ޗައިނާއާ ފައިހަމަކުރުމަށް އެމެރިކާ ނުކުޅެދޭނެކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

ދިރާސާ ރިޕޯޓްތައް ބުނާގޮތުން 2027 ގެ ކުރިން އެމެރިކާގެ އިގްތިސާދުގެ މައްޗަށް ޗައިނާ ކުރި ހޯދައި ދުނިޔޭގެ އިގްތިސާދި އެއްވަނަ ބާރުގެ މަގާމު ޗައިނާ ހޯދާނެއެވެ. މިހާރުވެސް ވިޔަފާރީގެ ދާއިރާގައި ޗައިނާ ވަނީ އެމެރިކާގެ މައްޗަށް ކުރިހޯދާފައެވެ. ޗައިނާއާއި އެމެރިކާގެ ވިޔަފާރީގައި ބޮޑުތަނުން އެމެރިކާގެ މައްޗަށް ޗައިނާ ކުރިހޯދަމުން ގެންދާތާ ވަނީ އެތައް އަހަރެއް ވެފައެވެ.

އެެމެރިކާގެ މައްޗަށް ޗައިނާ ކުރިހޯދާތީ އެމެރިކާވަނީ ޗައިނާގެ އުފެއްދުންތަކާ ދެކޮޅަށް ޑިއުޓީގެ ފިޔަވަޅުތައް އަޅައި މާކެޓް އިކޮނޮމީގެ އުސޫލުތަކާ ޚިލާފު އަމަލުތައް ޗައިނާއާ ދެކޮޅަށް ހިންގަން ފަށާފައެވެ.

comment ކޮމެންޓް