ރާއްޖޭގައި ޗައިނާއިން އަދާކުރާނެ މާބޮޑު ރޯލެއް ނެތް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ޗައިނާއިން އަދާކުރާނެ މާބޮޑު ރޯލެއް އޮތްތަން ފެނިވަޑައި ނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ޑެއިލީ މިރޯ އޮންލައިންގެ "އޮން ފަޔާ" ޕްރޮގުރާމުގައި ބައިވެރިވެ ވަޑައިގަންނަވަމުން ރައީސް ނަޝީދު ވިދާޅުވީ ހުރިހާ ގޮތަކުން ބެލި ކަމުގައި ވިޔަސް އިންޑިއާ އަކީ ޗައިނާއަށް ވުރެ ރާއްޖެއާ ގާތް ގައުމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ސަގާފީ ގުޅުންތައް، ތާރީހީ ގުޅުންތައް އަދި އިންޑިއާ ކަނޑުގައި މި އޮތް ގާތްކަން، [އެހެންކަމުން] އަޅުގަނޑު ގަބޫލުކުރަނީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް 'އިންޑިއާ ފަސްޓް' ވާންޖެހޭނެ ކަމަށް. އަދި އެކަން އޮތީ ވެސް އެހެން" އެމަނިކުފާނު ވިދާޅުވިއެވެ.

މި ޕްރޮގުރާމުގައި ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން ހިންގާ "އިންޑިއާ އައުޓް" ކެންޕޭނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ކެންޕޭނަކީ އާންމުންގެ ތެރޭ މަގުބޫލު ކެންޕޭނެއް ނޫން ކަމަށެވެ.

"ދިވެހިރާއްޖޭގައި އިންޑިއާއާ ދެކޮޅު ފިކުރެއް އުފެއްދޭނެ ކަމަށް ރައީސް ޔާމީން ދެކެވަޑައިގަންނަވަންޏާ އެއީ ވަރަށް ތާކުންތާކު ނުޖެހޭ އަދި މަގުބޫލުކަމެއް ނެތް ވިސްނުމެއް. ޒެނޮޕޯބިކް، ނެޝަނަލިސްޓިކް ވިސްނުމެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ހަރުކަށި ފިކުރުތަކުގެ އަސަރު ދިވެހި ޒުވާނުންނަށް ވެސް ކުރަމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެއީ ހުރިހާ ގައުމުތަކަކަށް ވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ހުރިހާ އެންމެން ވެސް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހިފައި ވާކަމަށް ވިދާޅުވިއެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަރުކަށި ފިކުރާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން އަންނަކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސް އޮފީހުން މިހާރު އުފައްދާފައި އެބައޮތް ކައުންޓާ ޓެރަރިޒަމް ޔުނިޓެއް. އެތަނުގައި ފުލުހުންނާ ސިފައިން ގުޅިގެން މަސައްކަތް ކުރަމުން އެދަނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މި ޕްރޮގުރާމުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ މިދިޔަ ހަފްތާގައި ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެއީ ލަންކާގެ ނޭޝަނަލް ޔޫތު ޕާލަމަންޓް ޝަރަފްވެރިކޮށްދިނުމަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅެކެވެ.

comment ކޮމެންޓް