މޯލްޑިވްސް އިސްލާމިކް ބޭންކުން މިހާރު ވަގުތުން ވިސާ ކާޑު ލިބޭނެ

ފަސޭހަކަމާއިއެކު އެމްއައިބީގެ ކޮންމެ ބްރާންޗަކުން ވެސް ވަގުތުން ލިބޭ ވިސާ ކާޑެއް އެމްއައިބީއިން ތަޢާރަފް ކޮށްފިއެވެ.

މި ކާޑު މާލެއިން ބޭނުންވާ މީހުނަށް ފަސޭހައަކަށްޓަކައި އެ ބޭންކުގެ ބާޒާރު ސާވިސް ސެންޓަރު ހުޅުވިފައި ހުންނަ ގަޑި އިތުރުކުރެވިފައިވާ ކަމަށްވެސް އެ ބޭންކުން ބުނެއެވެ. އެ ސެންޓަރު މިހާރު ހުޅުވިފައި ހުންނާނީ ހެނދުނު ދިހައަކުން ހަވީރު ހަޔަކަށެވެ.

އަލަށް ތައާރަފު ކުރި ވިސާ ކާޑުން ވެސް އެހެން ކާޑުތައް ފަދައިން ރާއްޖޭގައި ވިސާ ގަބޫލުކުރާ ކޮންމެ ތަނަކުން ވެސް އިތުރު ޗާޖަކާ ނުލައި، ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ. އަދި އިސްލާމިކް ބޭންކުގެ ކާޑު ގެންގުޅޭ ފަރާތްތަކަށް އަމާޒުކުރާ ޕްރޮމޯޝަންތަކުގައި ވެސް މި ކާޑު މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން އެމްއައިބީގެ "އެވްރިޑޭ ބެނެފިޓްސް" ސްކީމްގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފިހާރަތަކުން ޑިސްކައުންޓް ވެސް މި ކާޑުން ލިބޭނެއެވެ.

މިއީ ރާއްޖޭގައި މިފަދަ ވިސާ ކާޑެއް ދޫކުރަން ފެށި ފުރަތަމަ ފަހަރެވެ. އެމްއައިބީ އިން ބުނީ މި ކާޑު ތައާރަފުކުރީ މީގެކުރިން އެ ބޭންކުން ތައާރަފުކުރި ވަގުތުން ލިބޭ ފައިސާ ކާޑަށް ލިބުނު ތަރުހީބުގެ އަލީގައި ކަމަށެވެ.

އެމްއައިބީ އިންސްޓަންޓް ވިސާގެ ޕޯސްޓަރެއް

މި ބާވަތުގެ ކާޑާއި އާދައިގެ ވިސާ ކާޑަކާ ހުންނާނެ ހަމައެކަނި ތަފާތަކީ ވަގުތުން ލިބޭ ކާޑުގައި ވެރިފަރާތުގެ ނަންޖަހާފައި ނެތުން ކަމަށް ވެސް އެ ބޭންކުން ބުނެއެވެ. އެމްއައިބީން ބުނީ މިހާތަނަށް ލިބިފައި ހުރި ފީޑްބެކަށް ބަލާއިރު ކާޑުގައި ނަން ޖަހާފައި ނެތުމަކީ ލިބޭ އިތުރު ރައްކާތެރިކަމެއް ކަމަށް ގިނަ ކަސްޓަމަރުން ދެކޭ ކަމަށެވެ.

އެއީ ކާޑު ގެއްލޭ ހާލަތެއްގައި ވެސް އެއީ ކާކުގެ ކާޑެއްކަން ނޭނގޭތީ އެއިން ނާޖާއިޒު ފައިދާއެއް ނެގުމުގެ ފުރުސަތު ކުޑަވާތީ ކަމަށް ބައެއް ކަސްޓަމަރުންނާ ހަވާލާދީ ބޭންކުން ބުންޏެވެ.

އެމްއައިބީން ބުނީ އެ ބޭންކުގައި އަލަށް އެކައުންޓެއް ހުޅުވާ ފަރާތްތަކަށް ވެސް ވަގުތުން ވިސާ ކާޑެއް ލިބޭނެކަމަށެވެ. އަދި ކާޑު ލިބޭ ވަގުތުން ފެށިގެން އެއްވެސް ދައްޗެއް ނެތި ކާޑު ބޭނުން ކޮށްގެން މުއާމަލާތް ކުރެވޭނެ ކަމަށެވެ. އަދި އެހެނިހެން ކަސްޓަމަރުންނަށްވެސް ބެންކަށް ޒިޔާރަތް ކުރެއްވުމުން ވަގުތުން ކާޑު ދިނުމުގެ ޚިދުމަތް ހަމަޖެހިފައިވާކެ ކަމުގައި ބެންކުން މަޢުލޫމާތުދެއެވެ.

"މި ކާޑު ތައާރަފް ކުރުމުގައި އަޅުގަނޑުމެންގެ އަމާޒަކީ ފަސޭހަކަމާއެކު ޒަމާނީ ކާޑެއް ކަސްޓަމަރުންނަށް ލިބޭނެ މަގުފަހިކޮށްދިނުން" އެމްއައިބީން ބުންޏެވެ.

ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނާތީ، ބޭންކަށް ހިދުމަތް ހޯދުމަށް ދިއުމުގެ ކުރިން އެމްއައިބީން ބޭނުންކުރާ އޮންލައިން ސިސްޓަމެއް ކަމުގައިވާ "އޭންޓް ކިއު"އިން ނަންބަރެއް ނަގައިގެން ދިއުމަށް އެ ބޭންކުން އިލްތިމާސް ކުރެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ އުސޫލުތަކުގެ ދަށުން ހިންގާ ހަމައެކަނި ބޭންކެވެ. އެ ބޭންކުގެ ގޮފިތައް ރާއްޖޭގެ ހުރިހާ ސިޓީއަކާއި، ގދ.ތިނަދޫގައި ހުރެއެވެ.

comment ކޮމެންޓް